ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2023ގައި ގދ. ވާދޫން އެންމެފަހުން ކުޅުނު ކުއާޓާ ފައިނަލް މެޗާއި ގަދަ 16ގެ މެޗުގައިވެސް މުހައްމަދު އިޔާދު އަލީ ހެޓްރިކް ހެދިއެވެ. ޔަގީނުންވެސް ރަށަށް މުހިއްމުވި ދަނޑިވަޅުގައި އިޔާދު ސާބިތުކޮށްދެމުން އަންނަނީ އޭނާގެ ބޭނުންތެރިކަމެވެ. ގޯލުޖެހުމުގައި ތަފާތު ފަރިތަކަމަކާއެކު އިޔާދުގެ ކެރިއަރުގެ ވިދުން ގަދަވެއްޖެއެވެ. ހާއްސަކޮށް މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އެންމެ ފޯމު ރަނގަޅު އެއް ކުޅުންތެރިޔަކަށް އުމުރުން 21 އަހަރުގެ އިޔާދު ވެއްޖެއެވެ. ވާދޫއަށް ރާއްޖޭގެ އެންމެ ހައިބަތު ބޮޑު ތަށި ގެންދަން އިޔާދު ކުރަމުން އަންނަ ދަތުރާ ހަމައަށް އޭނާ ދިޔަ ގޮތަކީ އެންމެ ފަސޭހަ ގޮތެއް ނޫނެވެ. އެއީ ކެތްތެރިވެ، ޑިސިޕްލިންވެ، ނެރުނު ނަތީޖާއެކެވެ. އިބުރަތުގެ ފިލާވަޅެކެވެ.
"ފުޓްސަލް އެންމެ ފުރަތަމަ ކުޅެން ފެށީ ރަށުގައި ފުޓްސަލް ދަނޑު އެޅި ހިސާބުން. އޭރު ވަރަށް ކުޑަވާނެ. އެއީ 2016 ހިސާބު. ފުރަތަމަ ހަމަ ފުޓުބޯޅައިގެ ތެރެއިން ގޮސް ފުޓްސަލް ދަނޑު ހުޅުވި ހިސާބުން ފުޓްސަލްއަށް ބަދަލުވެ، ސްކޫލް ނިންމާފަ ގޮސްވެސް ފުޓްސަލް ކުޅެން ފެށީ. އޭރު ރަށުގަ އޮންނަ މުބާރާތްތައް ކުޅެމުން ދިޔައީ. ރަށުގަ ދެން އޮންނަ ރޫހެއްގެ ސަބަބުން އަބަދުވެސް މުބާރާތްތައް އޮންނާނެ،" އިޔާދުގެ ފެށުން "ވަން"އަށް ކިޔައިދެމުން ބުންޏެވެ.
އިޔާދުގެ ކެރިއަރުގެ ފެށުމާއެކު ޓީމުގައި ހިމެނެމުން ދިޔަ ނަމަވެސް، އޭނާގެ ކެރިއަރުގައި ކުޅުމުގެ ފުރުސަތު ހޯދަން އަބަދުވެސް ކުރަން ޖެހުނީ ބުރަ މަސައްކަތެކެވެ. ގިނަ މެޗުތަކެއްގައި ބެންޗުގައި އިންނަން ޖެހުމުން "އެއަށް މެންޓަލިޓީ ސެޓްވެފައި،" ހުންނަން ޖެހުން އެއީ ޗެލެންޖެއް ނަމަވެސް، ޝަކުވާއެއް ނޫނެވެ. އަބަދުވެސް ލިބޭނެ ފުރުސަތަށް މަޑުކުރުން އެއީ އިޔާދު ބޭނުންކުރި ފޯމިއުލާއެވެ.
"ފުރަތަމަ ފުޓްސަލްއަށް ނުކުމެގެން އައިއިރު މަދު މުބާރާތެއްގަ ކުޅެލަން ލިބޭނީ. އަބަދުވެސް ޓީމުގަ ހިމެނޭނެ. އެކަމަކު ކުޅެލަން ވަގުތުކޮޅެއް ލިބޭނީ މަދު މެޗެއްގަ. ގިނައިން އިންނަން ޖެހޭނީ ބެންޗުގަ. އަސްލު ކުޅެން ފެށުނީ ހަމަ މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގެ ތެރެއިން ލިބުނު ފުރުސަތަކުން. އެފަހަރު ދެން އަތޮޅު ތަށްޓާއި ޒޯން ތަށި ނެގުމުގަ މުހިއްމު ރޯލެއް ކުޅުނު ހިސާބުން ކުޅުމަށް މި ފުރުސަތުތައް ފަހިވީ، މިހާރު މުބާރާތްތައް ކުޅެން ދާންވެސް ފުރުސަތު ލިބޭ،" އިޔާދު ބުންޏެވެ.
"އަސްލު އެހެން ބެންޗުގަ އިނދެފަ ޓީމަށް ނުކުންނަން، ޓީމަށް އަރަން އެއީ ވަރަށް ބުރަ މަސައްކަތެއް. ފުރަތަމަކޮޅު މެންޓާލިޓީވެސް ތަފާތު ވާނެ. ބެންޗުގައި އިންނަން ތައްޔާރުވާން ޖެހޭނެކަންވެސް އެނގޭ. އެކަމަކު އެކަމަކަށް ޝަކުވާ ކުރުމެއް ނޯންނާނެ. އާންމުކޮށް ޓީމުތަކުގަ ތިބޭނީ އިޔާދަށްވުރެ މޮޅެތި މީހުން. އެހެންވީމާ ބެންޗުގަ އިންނަން ޖެހުނަސް، ލިބޭ މިނެޓް ކޮޅުގަ ތަފާތު ދައްކަން އަބަދުވެސް ވިސްނުން ގެންގުޅެން. އެ ވަގުތުކޮޅުގަ ޓީމަށް ދެވޭނެ އެއްޗަކަށް ރެޑީގަ އަބަދުވެސް އިންނަނީ،" އިޔާދު އިތުރަށް ބުންޏެވެ.
ބެންޗު ކުޅުންތެރިޔެއްގެ މަގާމުން މުހިއްމު ކުޅުންތެރިޔަކަށް ބަދަލުވުމަކީ މިހާތަނަށް އައިއިރު ހޯދި އެންމެ ބޮޑު ކުރިއެރުމަށް އިޔާދަށް ވެފައި އޮތް އިރު، އޭނާއަށް ފުޓްސަލްގެ ކެރިއަރުގައި ރައްޓެހިންގެ ގުޅުން މުހިއްމެވެ. އެއީ ކެރިއަރު އަނބުރާލަންވެސް ލިބުނު އެންމެ ބޮޑު ހިތްވަރެވެ.
"ބެންޗުގެ ކުޅުންތެރިޔަކުން މުހިއްމު ކުޅުންތެރިޔަކަށްވެ، ފުލް ޓީމުތަކަށް އަރަން ކުރި މަސައްކަތުގަ، އެކަން ހާސިލްވީ ކައިރީގަ އުޅޭ ރައްޓެހިންގެ ސަބަބުން އަސްލު. މިސާލަކަށް އަޔާމެން، ޔަކޭމެން، އެހެން ގޮސް އޮންލީއާއި ނާއްޓޯ ކަހަލަ ރައްޓެހިންނާއެކު ހިތްވަރު ހޯދީ. އެ އެންމެންނަކީ ފުޓްސަލްގެ ތެރެއިން އާއިލީ ގުޅުމެއް އުފެދި ބޭބެއިންގެ ގޮތުގަ ދެކޭ މީހުން. އެމީހުން ދޭ ހިތްވަރު ވަރަށް މުހިއްމު،" އިޔާދު ކެރިއަރުގައި ހިތްވަރު ހޯދި ގޮތާ ގުޅޭ ގޮތުން "ވަން" އަށް ބުންޏެވެ.
އިޔާދުގެ ރަސްމީ ފެށުމަކީ ގޯލްޑަން ފުޓްސަލް ޗެލެންޖެވެ. މިދިޔަ އަހަރު ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ޓީމަށް ނުކުމެ ދެއްކި ކުޅުމުން އެތައް ބައެއްގެ ލޮލުގައި އާ ހުނަރެއް އަޅައިގަތެވެ. ގޯލު ޖެހުމުގައި ނުރައްކާތެރި އިޔާދަށް ފުރުސަތުތައް ފަހިވީވެސް މިދިޔަ އަހަރުގެ މުބާރާތަށްފަހުއެވެ. އެ މުބާރާތުގައި ޒޯނުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިޔާދު، މިއަހަރުގެ ޒޯން ބުރުގައިވެސް އެ ކާމިޔާބީގެ ތަފާތު ދެއްކިއެވެ. މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖް ހާއްސަވެފައި ތައްޔާރީތައްވެސް ބޮޑުކޮށް އޮތް އިރު، އިޔާދުގެ ނަޒަރުގައި ފުރުސަތުގެ ބޭނުން ހިފައި ހުވަފެނެއް ހަގީގަތަކަށް ހެދުމުގެ ފުރުސަތުވެސް މިހާރު އެބައޮތެވެ.
ކެރިއަރުގައި ކެތްތެރިވާން ޖެހޭނެ. ހަމްބަލް ވާން ޖެހޭނެ. ބެންޗުގައި އިންނަން ޖެހުނަސް ޝަކުވާ ނުކޮށް، ޑިސިޕްލިން ހިފަހައްޓާލަން ޖެހޭނެ. ކޮންމެ މީހަކަށްވެސް ފުރުސަތު ލިބި ވަގުތު ލިބޭނެކަން އެނގެން ޖެހޭނެ. އެންމެ މުބާރާތެއްގައި ބެންޗުގައި އިންނަން ޖެހިގެން މޫނު ހަދައިގެން ދިޔުން އެއީ ހައްލެއް ނޫން. ޑިސިޕްލިން ހިފަހައްޓަން ޖެހޭނެ.އިޔާދު
ކްލަބު މޯލްޑިވްސް ކަޕް ފެނަކަ ޓީމުގައި ހިމެނި އެ މުބާރާތް ނެގި އިޔާދު ގޯލްޑަން ފުޓްސަލް ޗެލެންޖަށް މިފަހަރު ނުކުތީވެސް އަމިއްލަ ކުރިއެރުންތަކެއް ހޯދައި، ވާދޫގެ ނަން ތަމްސީލު ކުރުމުގައި ތަފާތު ދެއްކުމަށެވެ. އިޔާދު ގަބޫލުކުރާ ގޮތުގައި ވާދޫއަކީ "ބޯން ޓެލެންޓް" ގިނަ ރަށެކެވެ. ފުޓުބޯޅައާއި ފުޓްސަލްއަކީ ވާދޫގެ ރޫހެވެ. އާބާދީއަކީ ގާތް ގަނޑަކަށް 1500 ނަމަވެސް ރަށުން ކުޅިވަރަށް ދޭ ލޯބި ވަރަށް ބޮޑެވެ. އާބާދީއަށް ނުބަލައި، މީހުންގެ އަދަދަކަށް ނުބަލައި ވާދޫގެ އަޑު ކެނޑުނަ ނުދީ ކޮންމެ މީހަކުވެސް ސަޕޯޓް ދޭނެ ކަމަށް އިޔާދު ބުންޏެވެ.
"އާބާދީ ކުޑަނަމަވެސް ވާދޫއަކީ މި ކުޅިވަރަށް މަރުދޭ ރަށެއް. އެންމެ ކުޑައިރުން ފެށިގެން މި އަޑުއިވެނީ ތިމަރަފުށީގެ މޮޅުވާހަކަ ދައްކާ އަޑު، އެއީ ރާއްޖޭގެ ފުޓްސަލް ކިންގުން. މިވަގުތު ރާއްޖޭގެ ފުޓްސަލް ކިންގުންނަކީ ވާދޫއޭ ބަޔަކު ބުނެލާ އަޑު އެއް ދުވަހު އަހާލަން ބޭނުންވޭ. މިހާރު ތަށި ހުރީ ވާދޫގައޭ ބުނާނެ ދުވަހަކަށް އިންތިޒާރު ކުރަނީ. ވާދޫއަކީ ރާއްޖޭގެ އެންމެ މޮޅު އެއް ޓީމަށް ވެގެން ދިޔުން އެއީ ވާދޫގެ ތާރީހަށް މުހިއްމު ކަމަށްވާނެ،" އިޔާދު ބުންޏެވެ.
އިޔާދުގެ ނަޒަރުގައި ސަޕޯޓަރުންނަކީ ދެވަނައެއް ނެތް ބައެކެވެ.
"މާލޭގައި ދިރިއުޅޭ މީހުންނަށް މެޗަށް މި ދެވެނީ. އެކަމަކު މަދު މީހުން ނަމަވެސް ހިތާއި ރޫހުން ސަޕޯޓް ދޭނެ. ތިން މީހަކު ތިބެ ވާދޫއަށް ސަޕޯޓް ދިނަސް، އެ ދޭ ސަޕޯޓް ތަފާތުވާނެ. އެހެން ޓީމުތަކަށް މިހާރުވެސް ނުކުރާ ވަރަށް ވާދޫގެ ސަޕޯޓަރުން ސަޕޯޓް ކުރާނެ. އެ ހުރިހާ ސަޕޯޓަރުންނަށް ހަމަ ހެޓްސް އޮފް އޭ ބުނެލާނީ،" އިޔާދު ބުންޏެވެ.
ރަށުގެ އެ ސަޕޯޓަރުންނަށް ޓަކައި، އިޔާދު މިފަހަރުގެ ގޯލްޑަންއަށް ހާއްސަ ތައްޔާރެއްވިއެވެ. އެއީ އަމިއްލަ ކެރިއަރުގެ ކުރިއެރުމަށެވެ. އެ ތައްޔާރީތަކުގެ ނަތީޖާ ފޮނިވެސް މެއެވެ.
"ރަށްރަށަށް ދާން ފުރުސަތުވެސް ލިބޭ. އެކަމަކު ވަޒީފާ އޮންނަ ގޮތުން ނުދެވޭ. އެހެންވެ ރަނގަޅަށް ނުކުޅެވި ގެޕެއްވެސް އައި. އެކަމަކު އެ ލިބުނު ގެޕަކީ އަމިއްލަ މީހާގެ ކުރިއެރުމަށް މަސައްކަތް ކުރަން ލިބުނު ވަގުތަކެއް ކަމަށް ހަދައި، އަސްލު ސީދާ ގޯލްޑަން ފުޓްސަލް ޗެލެންޖަށް ޓާގެޓްކޮށް އަމިއްލަ މީހާއަށް އިމްޕްރޫވްމަންޓެއް ގެނައިން. ކުރި އަރަން އޮންނާނެ ގޮތަކީ އަމިއްލަ މީހާ އެކަމަށް ކުރާ މަސައްކަތް ރަނގަޅުކުރުން،" އިޔާދު ބުންޏެވެ.
އިޔާދުގެ ނަޒަރުގައި އެންމެ ކާމިޔާބު ވިސްނުމަކީ އަބަދުވެސް މެޗަކަށްފަހު މެޗަކަށް ވިސްނުމެވެ. އަތޮޅު ތަށްޓާއި ޒޯން ތަށި ދިފާއުކޮށް، އޭގެ ފަހުން ވިސްނީ ގަދަ 16 އިން ކުއާޓާއަށް ފިޔަވަޅެއް އަޅަން ކަމަށް ބުނަމުން އިޔާދު ބުނީ، މިހާރު މިއޮތް ހިސާބުން ކޯޗު އަލީ ނަދީމް (ކޮކޯ)ގެ އިރުޝާދާއެކު ސެމީއަށް ނުކުންނާނީ އިތުރު ފިޔަވަޅެއް ކުރިއަށް ޖެހިލަން ކަމަށެވެ.
އިޔާދުގެ އެންމެ ފަހު ވާހަކައަކަށްވެސް އޭނާ ފާހަގަކުރީ ކެރިއަރު ކުރިން ހުރި ލެވެލްއިން މިހާރު ހުރި ލެވެލްއަށް އުފުލައިލަދޭން ހިތްވަރުދިން ފަރާތްތަކެއްގެ ވާހަކައެވެ. ޝުކުރުގެ ލިސްޓެއްގެ ވާހަކައެވެ.
"ޝުކުރު އަދާކޮށް ހުސް ނުވާނެ މީހުންވެސް ކެރިއަރުގައި އެބަތިބި. އެންމެ ފުރަތަމަ ކަމަކަށް އޮންލީ، އޮންލީއަކީ އިޔާދުގެ އައިޑަލް. އެ ޑިސިޕްލިން ހުރި މީހެއް. އެ ލީޑާޝިޕް ހުރި އެއްވެސް ކުޅުންތެރިޔަކު އަދި ނުފެނޭ. އެއީ ހަމަ ރޯލް މޮޑެލްއެއް. އޭގެ އިތުރުން އަޔާ، އަސޫ، ނާއްޓޯގެ އިތުރުން ހަމަ މި ދާއިރާއަށް ނެރެން އެންމެ ބޮޑަށް މަސައްކަތް ކުރި ޝަހުމް އަދި ކޮކޯގެ ނަންވެސް ފާހަގަކޮށްލަން ބޭނުން. އާއިލާގެ ހިއްސާވެސް ވަރަށް ބޮޑަށް އޮންނާނެ. އަދި ހަމަ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް،" އިޔާދު އެންމެ ފަހު ވާހަކައަކަށް ބުންޏެވެ.