ގޯލްޑަން ފުޓްސަލް ޗެލެންޖް

އައްމަޑޭގެ ބޮޑު އަނިޔާ، ދެން ނުވާނޭ ބުނި މީހުނަށް މެސެޖެއް، އެނބުރި އައުމަކީ ނަމޫނާ މަސައްކަތެއް!

މުޙައްމަދު ޝަމްޢޫން

އަހުމަދު ހަލީމް (އަނަމަޑޭ)ގެ ނަމަކީ ރާއްޖޭގެ ފުޓްސަލްއަށް އާނަމެއް ނޫނެވެ. އަންމަޑޭގެ ކެރިއަރުގެ ފެށުމާއެކު އަވަސްކޮށް ޕީކަށް އަރައި، އޭނާ ވެގެންދިޔައީ ރާއްޖޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާއަށެވެ. ލ. ގަމުގެ ވެލި ދަނޑުން ވިދުން ގަދަވެ، މާލެއާއި ރާއްޖޭގެ އެތައް ހިސާބެއްގައި، އެތައް މުބާރާތެއްގައި އަންމަޑޭ ހޯދި ކާމިޔާބީތަކުގެ ވާހަކަ އަލުން ކިޔައިދޭކަށް ނުވެސް ޖެހޭނެއެވެ. ކެރިއަރުގެ ވަރުގަދަ ފެށުމާއެކު ޕީކްގައި ހުއްޓާ އޭނާއަށް ކުރިމަތިވި ބޮޑު އަނިޔާގެ ވާހަކަވެސް މިހާރު އޮންނާނީ ދެކެވިފައެވެ. އެ އަނިޔާއިން ރަނގަޅުވެ އެނބުރި އައިސް، ދެއްކި ތަފާތުގެ ވާހަކައިން ލިއްބައިދޭ ފިލާވަޅުގެ ވާހަކަތައް އަދި ނުދެއްކި އެބައޮތެވެ. އެ ވާހަކަތަކަކީ އުންމީދުގެ ވާހަކަތަކެކެވެ. ހިތްވަރުގެ ވާހަކަތަކެކެވެ. ބުރަ މަސައްކަތުގެ ނަމޫނާއެކެވެ.

"ފުޓްސަލްއަށް ފުރަތަމަ ވަދެވުނީ ރަށުގަ ބާއްވާ ރަމަޟާން ކަޕް ކުޅުމަށްފަހު، އޭރު ކޯޗު ކޮށްދިން، އަދި އެކުގަ އެންމެ ގިނައިން އުޅުނު ބަޖީ މާލެ ގެނެސް ކުޅުވަން ފެށި ހިސާބުން. އޭރު ރަށުގަވެސް އަނެއްހެން ފުޓުބޯޅައެއް ނޯންނާނެ، ފުޓްސަލް އޮންނާނީ. އެހިސާބުން އެތައް ދުވަހެއް ވަންދެން ހަމަ ފުޓްސަލްގެ ކެރިއަރެއްގަ މި އުޅުނީ. ފުޓްސަލް ކުޅޭ ހިތުން، ދުވަސްތައް މި ހޭދަކުރީ އެކަމުގަ،" ކެރިއަރުގެ ކުރީކޮޅުގެ ވާހަކަ ފަށަމުން "ވަން"އަށް އައްމަޑޭ މިބުންޏެވެ.

އަންމަޑޭގެ ކެރިއަރުގެ ކުރީކޮޅުގައިވެސް އެތައް ކާމިޔާބީއެއް ހޯދައި، ފުޓްސަލްގެ އެންމެ ނުރައްކާތެރި ފޯވަޑްގެ ގޮތުގައި ލޭބަލްވިއެވެ. އެނބުރިލައި، ސީދާ ގޯލުގެ މަތީ ކަނަށް ބޯޅަ އަމާޒުކޮށްލުމުގެ ކުޅަދާނަކަން، އަންމަޑޭގެ ފަރާތުން މުޅި ރާއްޖެއަށް ފެނިގެން ދިޔައެވެ. ތަފާތު ފެށުމަކާއެކު ފުޓްސަލްއަކީ ކެރިއަރެއްގެ ގޮތުގައި އަންމަޑޭ ބިނާކުރިއެވެ.

އަންމަޑޭގެ ކެރިއަރުގެ ޕީކްގައި ރާއްޖޭގެ އެތައް އަތޮޅެއްގައި އޭނާގެ ހުނަރު ސާބިތުކޮށްދީ، އެންމެ މަތީ ފަންތީގައިވެސް ތަފާތު ދެއްކިއެވެ. ކްލަބު މޯލްޑިވްސްއާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގައިވެސް ދެވަނައެއް ނެތް ކުޅުމެއް ދައްކަމުން އައި ކެރިއަރަށް ހުއްޓުމެއް އައީ ކަކުލުގެ ބޮޑު އަނިޔާއެއްގެ ސަބަބުންނެވެ.

"ކޮވިޑްގެ ކުރިން، 2018 ހިސާބު ގާފަރުގައި ކުޅުނު މުބާރާތެއްގެ ފައިނަލް މެޗުގައި ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ކުޅުން ހުއްޓުމަކަށް އައީ. އެ އަނިޔާއަކީ ހިތްދަތިވި އަނިޔާއެއް. ކަކުލުގެ އޮޕަރޭޝަނަކަށްވެސް ދާން ޖެހި، ރިކަވަރީގެ ބޮޑު މަސައްކަތެއް ކުރަން ޖެހުނު. އޮޕަރޭޝަނަށްފަހު އަދި އިތުރަށް އުނދަގޫތަކެއް ދިމާވީ ކޮވިޑް ދުވަސްކޮޅާވެސް ލައްވާލުމުން. ދަނޑަށް ނުކުމެ ރަނގަޅަށް ކުޅެން ފެށުނީ މިދިޔަ އަހަރު،" އަންމަޑޭ ބުންޏެވެ.

އަންމަޑޭގެ ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ތިން އަހަރަށް ކެރިއަރު ހުއްޓާލަން ޖެހުނެވެ. ރަށުގައި ދިރިއުޅެމުންދިޔަ އަންމަޑޭގެ މުޅި ހަޔާތް ބިނާވެފައި އޮތް ފުޓްސަލްއާ ކުއްލިއަށް ދުރަށް ދާން ޖެހުނު ހިސާބުން "މެންޓަލީ" ބޮޑު އަސަރެއް ކުރިއެވެ. ހަޔާތުގެ އެންމެ ބޮޑު އެއް ޗެލެންޖާ ކުރިމަތިލާން ޖެހުނީ އެތައް ކަމެއް ގުރުބާން ކޮށްފައެވެ. ރަށުގެ ދިރިއުޅުން ދޫކޮށްލައި، މާލޭގައި ތަނެއް ކުއްޔަށް ހިފައިގެން އަށެއްކަ މަސް ދުވަހު ރިކަވަރީއަށް އެކަނިވެސް މަސައްކަތް ކުރަން ޖެހުނެވެ.

"ބުރަ ބޮޑު މަސައްކަތެއް ރިކަވަރީއަށް ކުރަން ޖެހުނީ. އަށް މަސް ދުވަހު، އެޕާޓްމަންޓެއް ހިފައިގެން މާލޭގަ ހުރީ. އެއީ ތޯރިގާއެކު މަސައްކަތް ކުރަން ވެގެން. އަސްލު ރަނގަޅު މީހަކާއެކު ރިކަވަރީ ހަދަން މާލެ އައީ. ފެނަކައިން ވަޒީފާގެ ލުޔެއްވެސް ދީގެން މިކަން ކާމިޔާބުވީ. މިކޮޅަށް ބަދަލުކޮށްލަދީ އެކަހަލަ ކަންކަން ފަހިކޮށްދީގެން ރަނގަޅުވީ،" އަންމަޑޭ ބުންޏެވެ.

ފިޓުވެ، އަންމަޑޭ ދަނޑަށް ފުރަތަމަ ނުކުމެވެސް އޭނާއަށް ކުރިމަތިވީ ކެތްތެރިވާން ޖެހުނު ހާލަތެކެވެ. އަނިޔާގެ ސަބަބުން މީހާ ފަލަވެ، ފިޓްނަސް ގެއްލިފައި ހުރުމުން ކުރީގެ ފޯމު ދައްކަން ފުރަތަމަ އުނދަގޫވިއެވެ. "ދެން ނުވާނެ، ތިހިރީ ގޮސްފަ. ދެން ދުވަހަކުވެސް ކުރިން ކުޅުނު ވަރަކަށް ނުދެވޭނެ،" މިއީ އަންމަޑޭ އަނިޔާއަށްފަހު ކުޅުނު ފުރަތަމަ މުބާރާތުގައިވެސް އޭނާއަށް އެތައް ބަޔަކު ގޮވަމުން ދިޔަ ވާހަކައެކެވެ.

"ބޭރުގަ ތިބި އެތައް ސަޕޯޓަރުންނެއް ބުނަމުންދިޔަ ނުވާނެއޭ. ދެން ހަމަ އެއްގޮތަކަށްވެސް ނުކުޅެވޭނެއޭ. އޭރު ފުރަތަމަ އަރައި ހަމަ އެއްވެސް ވަރަކަށް ކުޅެ ނުގަނެވުނު. ގަދަޔަށް ކުޅޭކަށް ނުވެސް ކެރޭނެތާ. ވަރަށް ބޮޑަށް ބިރުން ހުރީ އަނިޔާގެ ފަހުން ފުރަތަމަ ލ. ފޮނަދޫގައި ކުޅުނު މުބާރާތެއްގަ. އެކަމަކު އެ ހުރިހާ ކަމަކުންވެސް އަރައިގަނެ، އެފަހަރު ގަމުގެ ރަމަޟާން ކަޕުގަ ފޯމު ދެއްކުނު.

އަންމަޑޭއަށް ބައެއް ރައްޓެހިންވެސް އޭރު ނަސޭހަތް ދިނީ ފުޓްސަލްގެ ކެރިއަރު ދޫކޮށްލާށެވެ. އެހެން ބުނާ ކޮންމެ ބުނަމަކާއެކު "މެންޓަލީ މީހާ ވަރަށް ބޮޑަށް ޑައުން"ވާ ކަމަށް އަންމަޑޭ ބުންޏެވެ. އެހެން ނަމަވެސް، އަލުން ހިތްވަރު ހޯދައި، ޑިސިޕްލިންއެއްގައި މަސައްކަތް ކުރަން ނުކުމެ، މިއަދު އަންމަޑޭ ހުރީ ރަށަށް ނުލިބި އޮތް ތަށްޓެއް ހޯދައިދޭށެވެ.

"ވަރަށް މަސައްކަތް ކޮށްގެން ހުރިހާ ގޮތަކުންވެސް ފިޓްވެ ނުކުމެ މިހުރީ. ރާއްޖޭގެ ރަށެއްގަ ދިރިއުޅޭ މީހަކަށް މާލޭގަ ހުރެ އަނިޔާއަކުން ރަނގަޅުވުމަކީ ޗެލެންޖެއް. ކުޅުން ހުއްޓާލަން ބައެއް ރައްޓެހިން ބުނި ނަމަވެސް، ގާތް މީހުން، ބަޖީ ކަހަލަ މީހުން ބުނީ ވާނެއޭ. މީގަ އެބަތިބި އެހީތެރިވި ބަޔަކުވެސް. މި ރިކަވަރީންވެސް އަރައިގަނެވުނީ އިއްސޭއާއި ޔޫތު ކަހަލަ ގާތް ބަޔަކު ހަރަދުވެސް ކޮށްދީގެން ސާޖަރީ ހަދައިގެން." އަންމަޑޭ ފާހަގަކުރިއެވެ.

"ފުރަތަމަ ކުޅުމަށް ނުކުތް އިރު، މެންޓަލީ ދަށްވީމަ ހިތަށް އެރި ނުވާނެއޭވެސް. އެކަމަކު ބައެއް ފާޑުކިޔުންތަކުން ހިތްވަރު ހޯދައި، ހިތަށް އެރީ ކުރީގެ ކުޅުމަށް، ނޫނީ އެއާ ގާތްކުރާ ހިސާބަކަށް ދާނަމޭ،"
އަންމަޑޭ، ގަމުގެ މުހިއްމު ލަނޑު ޖެހުންތެރިޔާ

ގޯލްޑަންގައިވެސް ޗެލެންޖެއް، އެ ޗެލެންޖް ކަޑައްތުކޮށް ދައްކަނީ ތަފާތު ރޫހެއް

އަންމަޑޭއަށް އަތޮޅު ބުރުގައި މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ހުންނަން ޖެހުނީ ދަނޑު ބޭރުގައެވެ. މިދިޔަ އަހަރު ދިމާވި މައްސަލައެއްގެ ސަބަބުން ސަސްޕެންޝަނުގައި ހުންނަން ޖެހުން އެއީ ދިމާވި ޗެލެންޖެއް ނަމަވެސް، އަންމަޑޭ އެ ޗެލެންޖުވެސް ނެގީ ހިތްވަރެެއްގެ ގޮތުގައެވެ.

ޒޯނަށް ނުކުމެ، ގަމުން ކުޅުނު މެޗުތަކުގައި ގިނަ ގޯލުތަކެއް ޖަހައި، ޒޯންގެ ޓޮޕް ސްކޯރާގެ މަގާމު އަންމަޑޭ ހޯދިއެވެ. އެނބުރި އައިސް އަންމަޑޭއަށް މޮޅު ކުޅުންތެރިޔާގެ މަގާމު ނުލިބި ދިޔައީވެސް އެންމެފަހުން ކުޅުނު ކުއާޓާ މެޗުގައި އެކަންޏެވެ. އެހެން ހުރިހާ މެޗެއްގެ މޮޅު ކުޅުންތެރިޔާގެ މަގާމާއެކު "ޕީކް އަންމަޑޭ"ގެ ގޯލުތައް ދައްކުވައިލައިދިނެވެ. މަތީ ކަނަށް އެތައް ބޯޅައެއް އަމާޒުކޮށްލައި ހަނދާންތައް އާކޮށްލުވައިފިއެވެ.

"ގޯލްޑަންއަށް ފުރަތަމަ އަތޮޅު ބުރުގައި ހުންނަން ޖެހުނީ ސަސްޕެންޝަނެއްގައި. ނުކުޅެވުނު ހިސާބުންވެސް ހަމަ ނުކުޅެ ހުރީއެއްނޫން. ހަބުރަކޮށް ކުރީ މަސައްކަތް،" އަންމަޑޭ ބުންޏެވެ.

އަންމަޑޭ ގޯލްޑަން ފުޓްސަލް ޗެލެންޖަށް ހުރީ ވަރަށް ބޮޑު އުންމީދެއްގައެވެ. "100 ޕަސެންޓް ތަށި ނަގައިގެންދާނެ ވަރުގެ އަޒުމެއްގަ އިރާދަކުރެއްވިއްޔާ މިހުރީ،" އަންމަޑޭގެ ޖޯޝުގައި އޭނާ ބުންޏެވެ. އަންމަޑޭގެ ނަޒަރުގައި އަބަދުވެސް ބަލިކުރަން އެންމެ ބޭނުންވި، ޓީމެއްގެ ގޮތުގައި އެންމެ ވަރުގަދަ ތިމަރަފުށި ބަލިކުރެވުމަކީ ޓާގެޓެއް ހާސިލްވުމެވެ. އެ މޮޅުން ހިތްވަރު ހޯދައި ރަށަށް ތަށި ގެންދެވޭނެ އަޒުމް ކުޅުންތެރިންގެ ހުރި ކަމަށް އޭނާ ފާހަގަކުރިއެވެ.

"ޓީމު މިއޮތީ ވަރަށް ކިކުގަ" ސެމީއާ ދޭތެރޭ އައްމަޑޭ ދިނީ ކުރު ޖަވާބެކެވެ. އެންމެ ފަހު ބަހަކަށް އަންމަޑޭ ދިނީ ހާއްސަ މެސެޖެކެވެ. އެއީ އަނިޔާގެ ތަހައްމަލުތައް ކުރާ ޒުވާން ކުޅުންތެރިންނަށް އަންމަޑޭ ދިން އުންމީދުގެ މެސެޖެކެވެ.

"އަނިޔާއަކުން ރަނގަޅުވުމަކީ ވަރަށް ބުރަ ނަމަވެސް ކާމިޔާބުކުރެވޭނެ ކަމެއް. އަހަންނަށް އަނިޔާވީ 29 ވަރަކަށް އަހަރުވީ ތަނާ، އެއީ އަނެއްހެން ޔަންގް އޭޖެއްވެސް ނޫން. ބޮޑު އަނިޔާއެއްވީވެސް. އެނބުރި އަންނަން އުޅޭއިރު އުމުރު ކަޓައިފައޭ ތިހިރީ މީހުން ބުނާނެ. ދެން އޮޕަރޭޝަނެއް ކޮށްގެން ނާދެވޭނެއޭވެސް ބުނާނެ. އޮޕަރޭޝަނުން އަރައިގަނެގެން ކުޅެވިފަ ހުރީ ކާކަށްތޯ ސުވާލުވެސް އުފައްދާނެ. ބޭކާރު ކަމަކޭވެސް ބުނާނެ. އެކަމަކު މިސާލަކަށް އަހަންނަށް ބަލައިލާށޭ ބުނަން ބޭނުން. އެތައް ކަމެއް ގުރުބާންކޮށް ވަރަށް މަސައްކަތްކޮށް މިހުރީ އެނބުރި އައިސް. އެނބުރި އައުން ވޯތުވާނެ އިރާދަކުރެއްވިއްޔާ،" އަންމަޑޭ ބުންޏެވެ.