ކުރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން އެ ކޯޓްގެ ގާޒީ އާދަމް މުހައްމަދާ ހަވާލުކޮށްފިއެވެ.
ކުރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން އެހެން ބޭފުޅަކާ ހަވާލުކޮށްފައި މިވަނީ އެ ކޯޓްގެ އިސްގާޒީ މަގާމުގައި ހުންނެވި އަހުމަދު ޝަކީލް މިއަދު ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގެ ހުވާ ކުރެއްވުމުންނެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ކުރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުން އެ ކޯޓްގެ ގާޒީ އާދަމް މުހައްމަދާ ހަވާލުކުރުމަށް މި މަހުގެ ފަސްވަނަ ދުވަހު ބޭއްވި އެ ކޮމިޝަނުގެ 19 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން ގއ. ޖުޑީޝަލް ދާއިރާ އިސްމެޖިސްޓްރޭޓް އިބްރާހީމް އިހުސާން މިއަދު ކުރިމިނަލް ކޯޓުގެ ގާޒީކަމުގެ ހުވާކުރެއްވުމާ ގުޅިގެން ގއ. ޖުޑީޝަލް ދާއިރާ ވަގުތީގޮތުން ހިންގުން ގއ. ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަޒީމް ހަސަނާ ވަނީ ހަވާލުކޮށްފައެވެ.
އެގޮތަށް ނިންމާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވީ އެ ކޮމިޝަނުގެ 17 ވަނަ ބައްދަލުވުމުގައި ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.