ޚަބަރު

ހެންވޭރު އިމާރާތަކުން ވެއްޓި މީހަކު މަރުވެއްޖެ

ހެންވޭރުގެ އިމާރާތަކުން މިރޭ މީހަކު ވެއްޓި މަރުވެއްޖެއެވެ.

ފުލުހުން ދެންމެ ބުނީ ހެންވޭރު ގެއަކުން މީހަކު ވެއްޓިފައިވާ ކަމުގެ ރިޕޯޓް މިރޭ 8:05 ހާއިރު ލިބިފައިވާ ކަމަށެވެ. އޭނާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުންޏެވެ.

މަރުވެފައިވަނީ 32 އަހަރުގެ އަންހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި އިމާރާތުން ވެއްޓިފައިވަނީ ހެންވޭރު ލިލީނައިޓްއާގޭގެ ހަވަނަ ފްލޯގެ ބެލްކަނިންނެވެ. މަންޒަރުދުށް މީހަކު "ވަން" އަށް ބުނީ އެމީހާ ވެއްޓި ޖެހުނީ ޕިކަޕެއްގައި ކަމަށާއި އޭނާގެ ބޯ ފަޅައިގެން ގޮސް، ފިސްވެފައިވާ ކަމަށެވެ. އަދި އަތްވެސް ބިނދިފައިވާ ކަމަށް އޭނާ ބުންޏެވެ.

އޭނާ ވެއްޓުނު ތަނުގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ.

އިމާރާތަކުން މިރޭ މީހަކު ވެއްޓި މަރުވި އިރު، ރޭ ދަންވަރު ވަނީ މާލޭގެ އިމާރާތަކުން ހަތަރު އަހަރުގެ ކުއްޖަކު ވެއްޓިފައެވެ. އެކުއްޖާއަށް ފަރުވާދެމުންދަނިކޮށް ރޭ ދަންވަރު ވަނީ މަރުވެފައެވެ.