ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފުލެޓަށް ކުރިމަތިލި މީހުންގެ ތެރެއިން، ފްލެޓު ލިބޭ މީހުންނަށް އެކަމުގެ ލިޔުން މެއި މަހު ހަވާލުކުރާނެ ކަމަށް ސަރުކާރުގެ ފްލެޓް ކޮމިޓީގެ ޗެއާމަންކަން ވެސް ކުރައްވާ އަކުރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.
"ވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އަކްރަމް މިއަދު މިހެން ވިދާޅުވި ނަމަވެސް، މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި އަކްރަމް ވަނީ ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު މިދިޔަ ފެބްރުއަރީ ނޫނީ މި ހިނގާ މާޗު މަހުގެ ތެރޭގައި އާންމުކުރެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ މުއްދަތުގައި އެކަންވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
"މެއި މަހުގެ ތެރޭގައި ގޯއްޗާއި ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރާނެ. އެއަށްފަހު މައްސަލައެއް އުޅެންޏާ އެކަން ބަލާނެ. އެ މަހުގެ ތެރޭގައި ލިޔުންވެސް ހަވާލުކުރެވޭނެ،" އަކްރަމް ވިދާޅުވިއެވެ.
އަކްރަމް މިހެން ވިދާޅުވި އިރު، މާލޭގެ ރައްޔިތުންނަށް މި ސަރުކާރުން ދޭން ވައުދުވެފައިވާ ފްލެޓާއި ގޯތި ދިނުން ލަސްވެފައިވާ ކަމަށް ބުނެ، އެކަން އަވަސްކޮށް ދިނުމަށް ގޮވާލައި، މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް މިއަދު ވަނީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފައެވެ.
އެކަމަށް ރައްދުދެއްވަމުން އަކްރަމް ވިދާޅުވީ، މަސައްކަތް ލަސް ނޫން ކަމަށާއި ސަރުކާރުން އެކުލަވައިލައިފައިވާ ޓައިމްލައިނާ އެއްގޮތަށް ހުރިހާ ކަމެއްވެސް ކުރިއަށްދާ ކަމަށެވެ.
ސަރުކާރުން ދޫކުރަން ނިންމާފައިވާ 5000 ގޯއްޗާއި 4000 ފުލެޓަށް އެދި 35،000 އަށްވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައެވެ. އެގޮތުން ގޯއްޗަށް އެދި 15،164 މީހުން ކުރިމަތިލާފައިވާ އިރު، ތިން ކޮޓަރީގެ އެޕާޓްމަންޓަށް 14،489 މީހުން ވަނީ ކުރިމަތިލާފައެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓަށް ކުރިމަތިލީ 6،208 މީހުންނެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިއްޔެ ނޫސްވެރިންނަށް އެޕާޓުމަންޓުތައް ދައްކާލުމަށްފަހު އެ ކޯޕަރޭޝަނުގެ ޑިރެކްޓާ ޖެނެރަލް ސަލްފިއްޔާ އަންވަރު ވިދާޅުވީ ތިން ކޮޓަރީގެ އެޕާޓުމެންޓެއްގެ ކުލި 13،000 ރުފިޔާއަށްވުރެ ބޮޑުނުވާނެ ކަމަށެވެ. އަދި ޑައުންޕޭމަންޓު ނުނަގަން ސަރުކާރުން އަދި ވިސްނުން ގެންގުޅޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު