އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުން ކެމްޕެއިން ކުރާއިރު، ރިޝްވަތަށް މަގުފަހިވާގޮތަށް ހިންގާ ކަންކަމާއި، އެ ކެންޑިޑޭޓަކު ވެވަޑައިގަންނަވާ ވައުދުތައް ވަކިވާނެ ގޮތަކަށް އިންތިހާބުތަކާބެހޭ އާއްމު ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅައި ބަހުސް ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒެވެ.
ކެންޑިޑޭޓުގެ އާންމު ތަސައްވަރެއް ނުވަތަ ސިޔާސަތެއް ހާމަކުރާ ކުރުން ފިޔަވައި އެނޫން ގޮތަކަށް ވަކި ފަރުދަކަށް އާންމު ޖަމާއަތަކަށް މަންފާ ވާނޭގޮތަކަށް ސީދާ ގޮތުން ވިޔަސް އަދި ނުސީދާ ގޮތުން ވިޔަސް ފައިސާއާއި އެނޫން އިނާޔަތެއް ދިނުމަކީވެސް ރިޝްވަތުގެ ގޮތުގައި ބަލެވޭނެކަމަށް ބިލުގައި ހިމަނާފައިވެއެވެ.
އޭގެ ތެރޭގައި ވަޒީފާގެ ނުފޫޒާއި އެނޫން ކަންކަންވެސް ހިމެނެއެވެ.
އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅާ މުއްދަތަށް ލުއިތަކެއް ދިނުމަށްވެސް ބިލުގައި ހިމަނާފައިވެއެވެ.
މިހާރު ގާނޫނުގައި ބުނާގޮތުން ކެންޑިޑޭޓެއްގެ މާލީ ބަޔާން ހުށަހަޅަން ޖެހެނީ އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައެވެ. ނަމަވެސް އެ މުއްދަތު، އެއްމަސް ދުވަހަށް އިތުރު ކުރުމަށް އިސްލާހުގައި ވަނީ ހިމަނައިފައެވެ.
ކެންޑިޑޭޓުގެ ރަސްމީ އިންތިހާބީ އެޖެންޓު މަރުވުން، އިސްތިއުފާދިނުން ނުވަތަ ވަކިކުރުމުން އެކަން އިލެކްޝަން ކޮމިޝަނަށް އަންގަން ޖެހޭ މުއްދަތައް ބަދަލުގެނެސް، އެ ހާލަތެއްގައި ގިނަވެގެން 48 ގަޑިއިރުގެ ތެރޭގައި އިލެކްޝަނަށް އަންގަން ޖެހޭނެކަމަށް ބިލުގައި ވަނީ ހުށަހަޅައިފައެވެ.
ވޯޓުލާ މަރުކަޒަކަށް ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު އެއް ޕަސެންޓަށްވުރެ އިތުރުނުވާ އަދަދެއްގެ ވޯޓުކަރުދާސް ފޮނުވަން ވާނެކަމަށް ގާނޫނުގައި މިހާރު ކަނޑައަޅާފައި އޮތް ނަމަވެސް، މަރުކަޒަކަށް ވޯޓު ލުމަށް ރަޖިސްޓްރީ ވެފައިވާ މީހުންގެ އަދަދު 100 މީހުންނަށްވުރެ މަދުނަމަ ގިނަވެގެން އިތުރު އެއްވޯޓު ކަރުދާސް ފޮނުވާން ޖެހޭނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު