ދިވެހި ފުޓްސަލްގައި ދ. ކުޑަހުވަދޫގެ ނަން ކިޔަން ޖެހިއްޖެއެވެ. ޖެހިޖެހިގެން ދެވަނަ ފަހަރަށް ރާއްޖޭގެ އެންމެ ބޮޑު ފުޓްސަލް މުބާރާތުގެ ގަދަ ހަތަރެއްގައި ހިމެނުމުންނެވެ. މުހިއްމު ތަރިންތަކެއް ގައުމީ އެންމެ މަތީ ފަންތިއަށް ގެނެސްދިނުމުންނެވެ. ޓީމު ޓީމެއްގެ ގޮތުގައި ބިނާކޮށްފައިވާލެއް ފުރިހަމަކަމުންނާއި ރަށުގެ ހުރިހާ ރައްޔިތުންގެ ޖޯޝާއި ފޯރިންނެވެ. އަތޮޅު ޗެމްޕިއަންކަމާއި، ޒޯން ޗެމްޕިއަންކަން ހޯދައި، ކުޑަހުވަދޫ މިފަހަރުވެސް އޮތީ، ރަށުގެ ތާރީހު ލިޔެލުމަށް ތައްޔާރަށެވެ. ގޯލްޑަން ފުޓްސަލްގެ ތަށި، ރަށުގެ ފަސްގަނޑުމައްޗަށް އަރުވަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާ ގޮތަށެވެ. ރަށު ރޫހުގައި ޓީމުން ކުރަމުން އަންނަ ދަތުރުގައި، ޓީމުގެ މުގުލުގައި ހުރީ އުމުރުން 29 އަހަރުގެ އަބްދުލް މާނިއު އެވެ. ކުޑަހުވަދޫގެ ވަރުގަދަ ގޯލްކީޕަރެވެ.
"މާނުއަށް ވާނެ. މާނު ތީ ހަމަ ލިބިފައި ހުރި ޖަވާހުރެއް،" ކުއާޓާ ފައިނަލްގައި ކުޑަހުވަދޫން ބ. އޭދަފުއްޓާ ދެކޮޅަށް ކުޅުނު މެޗު ގޯލެއް ނުޖެހި އެއްވަރުވެ، ޕެނަލްޓީއަށް ދިޔުމުން ބޭރުން ގޮވާލިއެވެ. އެއީ ރަށުން މާނިއުއަށް ކުރާ އިތުބާރެވެ. މާނިއުއަށް މުޅި ރަށް ބަރޯސާވެފައި އޮތް ނަމަވެސް، ހާސްކަމެއް ނެތި އޭނާ އޭދަފުށީގެ ތިން ޕެނަލްޓީ ދިފާއުކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއެކު ރަށް ސެމީއަށް ގެންގޮސްދިނެވެ.
2011 ހިސާބު ރަސްމީކޮށް މާނިއު ފުޓްސަލްއަށް ވަން ނަމަވެސް، އޭގެ ކުރިންވެސް އޭނާ ރަށު ރޫހުގައި ފުޓުބޯޅައަށް ލޯބިކުރެއެވެ. އެންމެ ފުރަތަމަ އިންޓަ ސްކޫލް މުބާރާތްތަކުން ފަށައި، ފުޓްސަލްއަށް ވަނީ ރިސޯޓުގެ ދިރިއުޅުމުގެ ތެރެއިންނެވެ.
"ފުޓުބޯޅައަށް އަބަދުވެސް ލޯބިކުރަން. އެއީހަމަ ރަށުގައިވެސް އޮންނަ ކަމަކަށްވެސް ވުމާއެކު، އިންޓަ ހައުސް މުބާރާތްތަކުން ފެށިގެންވެސް ކީޕަރަކަށް ކުޅުނިން. އާންމުކޮށް ފުޓްސަލް ކުޅެ އުޅެނީ މިހާރު. ފުރަތަމަ ރަށުގަ ފުޓުބޯޅައިގެ ތެރެއިން ކުޅިވަރަށް ލޯބި ޖެހުނު ނަމަވެސް އޮޅުވެއްޔަށް ވަޒީފާއަށް ދިޔަ ހިސާބުން ރިސޯޓުގަ ފުޓްސަލް ކުޅެން ފެށުނީ. ފުރަތަމަ 2011 ގައި މާލޭ ކޮޅުގަ އޮތް ރިސޯޓު މުބާރާތެއްގަ ކުޅުނީ. ފުރަތަމަ ހަމަ ރިސޯޓުގަ އަނެއްހެން މަޖަލަކަށް ކުޅެން ފެށިތަނުން އެމީހުންނަށް ކަމުގޮސްގެން ޓީމަށް ނެގީ. އެހިސާބުން އަސްލު ފުޓްސަލްއަށް ވަދެވުނީ. ދެން ރަށަށް ގޮސް، ރަށުގަ އޮންނަ މުބާރާތްތަކުގައިވެސް ޓީމުތަކަށް ކުޅުނީ. ރަނގަޅު ޓީމުތަކަށް ކުޅެ، ރަށުގެ ޓީމަށް އެރުނީ. އަސްލު އަނެއްހެން މާ ގިނަ މުބާރާތްތަކެއް އަދި ނުކުޅެން"، "ވަން" އާ ވާހަކަ ދައްކަމުން މާނިއު ބުންޏެވެ.
ރިސޯޓު ދިރިއުޅުމުގައި ފުޓްސަލްއަށް މާބޮޑު ވަގުތުތަކެއް ނުދެވުނު ނަމަވެސް، 2018 ވަނަ އަހަރު ރަށުގެ އާރްޑީސީ ސައިޓްގެ ވަޒީފާއަށް ބަދަލުވެ، މާނިއު އަލުން ފުޓްސަލްގެ ތެރެއަށް ވަނެވެ. އެހިސާބުން އޭނާއަށް ކުރިމަތިވި ޗެލެންޖަކީ ގޯލްޑަން ފުޓްސަލް ޗެލެންޖެވެ. މިދިޔަ އަހަރު ކުޑަހުވަދޫން ސެމީއަށް ދަތުރުކުރި ޓީމުގައިވެސް އެންމެ އިސް ރޯލެއް އަދާކުރި މާނިއުއަށް ހާއްސަވާ މުބާރަތީ އަބަދުވެސް ގޯލްޑަން ފުޓްސަލް ޗެލެންޖެވެ.
"މިފަހަރު އަލަށް ގޯލްޑަންއަށް އަސްލު ތައްޔާރުވީ. މިދިޔަ އަހަރު ދެން ޓީމެއް ހަދާލައިގެން އައިސް ކުޅުނީ. އެކަމަކު މިފަހަރު ތަފާތު. މަހެއް ކުރިން ރަނގަޅު ކޯޗެއްވެސް ގެންގޮސްގެން ތަމްރީނުތައް މިކުރަނީ. ހާއްސަކޮށް ކައުންސިލުން ވަރަށް ބޮޑަށް އެއްބާރުލުންދީ، ކައުންސިލުން މި ހުރިހާ ކަމެއް މިފަހަރު ކޮށްދެނީ،" މާނިއު ފާހަގަކުރިއެވެ.
މިފަހަރު ކުޑަހުވަދޫން މުބާރާތަށް ނުކުތީ ރާއްޖޭގެ ފުޓުބޯޅައިގައި ތަޖުރިބާކާރު ވިންގް، ކުރީގެ މަގުބޫލު ކުޅުންތެރިޔާ އަހުމަދު ރިލުވާން (ރިލޭ)ގެ އިރުޝާދުގެ ދަށުންނެވެ. މާނިއުގެ ނަޒަރުގައި އެއީ އެއް ނަންބަރުގެ ކޯޗެކެވެ.
"ކޯޗު އެއީ ހަމަ ނަންބަރު ވަން. ކުޅުންތެރިންނާ ގުޅޭ، ޓެކްޓިކަލީވެސް ވަރަށް ފުރިހަމަ ކޯޗެއް. މަސައްކަތްކޮށްލަން ފަސޭހަ، އަދި ކުޅުންތެރިން މެނޭޖުކުރުމުގައިވެސް ހާއްސަ ކަންތައްތަކެއް ފެންނަ ކޯޗެއް ރިލޭއަކީ،" މާނިއު ބުންޏެވެ.
ފުޓްސަލްއަށް ފޯކަސް ކޮށް، އަމިއްލަ މަސައްކަތް މާނިއު އަދިވެސް ދުލެއް ނުކޮށްލައެވެ. ލިބުނު ކޮންމެ ފުރުސަތެއްގެ ބޭނުން ހިފައި، އަމިއްލަ ތަޖުރިބާ އިތުރު ކުރުމަށް މާނިއުގެ ވަގުތު ހުސްކުރެއެވެ. ކޮންމެ މުބާރާތެއް ލިބުނު ނަމަވެސް ކުޅެލަން ތައްޔާރެވެ. ފުޓުބޯޅަ އަދި ފުޓްސަލްގައިވެސް ފުރުސަތުތަކަށް އޭނާ ހުރީ އިންތިޒާރުގައެވެ. މާނިއު ފާހަގަކުރީ ފުޓްސަލްގައި ލިބޭ ފުރުސަތުތައް މަދުވުމުން އަދި އެންމެ އެކަށީގެންވާ ތަޖުރިބާ ހޯދާނެ ފުރުސަތުތަކެއް ލިބިފައި ނުވާ ކަމަށެވެ.
"ލިބޭ ކޮންމެ ފުރުސަތެއްގެވެސް ބޭނުން ކުރަން ތައްޔާރަށް މިހުންނަނީ. ވަޒީފާގެ ކަންކަން އޮންނަ ގޮތަށް ބަލައި ލިބޭ ފުރުސަތުތަކުގައި މުބާރާތްތައް ކުޅެން ބޭނުންވޭ. މިދިޔަ އަހަރު އެންމެ އެކަށީގެންވާ ފުރުސަތު ނުލިބުނު ނަމަވެސް، ދެވުނު މުބަރާތްތައް ހަމަ ވަރަށް ކާމިޔާބު. ހުޅުދެއްޔަށް މުބާރާތަކަށް ގޮސްވެސް، އެ ރަށުގަ ފުޓްސަލްގަ ނަން މަޝްހޫރު އެތައް ކުޅުންތެރިންނަކާ ދެކޮޅަށް ކުޅެ ފައިނަލް ކުޅެވުނު. އިތުރު ފުރުސަތުތައް ލިބުނަސް ވަޒީފާގެ ގޮތުން ނުދެވުނު،"
މާނިއުގެ ވިސްނުމުގައި ކްލަބު މޯލްޑިވްސް ފަދަ މުބާރާތްތަކުގެ ތަޖުރިބާއަށް އޭނާ ތައްޔާރެވެ. "މިވަގުތު ރަނގަޅު އޮފާއެއް ކްލަބު މޯލްޑިވްސް ކުޅެންވެސް ލިބޭނަމަ ކުޅެން ދާން ބޭނުންވޭ،" ކަމަށް މާނިއު ބުންޏެވެ. އާދައިގެ ދިރިއުޅުމަކަށް ލޯބިކޮށް، ރަށުގެ ހިތްފަސޭހަކަމުގައި ދިރިއުޅެމުން އަންނަ މާނިއުގެ ކެރިއަރުގައި ހާއްސަވާ އެތައް ބަޔަކު އެބަތިއްބެވެ. އާއިލާއެވެ. ރައްޓެހިންނެވެ. ހާއްސަކޮށް މާނިއުގެ ކެރިއަރުގެ ފެށުމެވެ. އެއީ "ރުއްދަށް" ގްރޫޕެވެ. އެކުވެރި ރަހުމަތްތެރިންގެ ތެރެއިން އުފެދިގެން އައި ރުއްދަށު ގްރޫޕަކީ ކްލަބަކަށް ހެދުމުގެ ރަސްމީ މަސައްކަތް ކުރަމުން އަންނައިރު، މާނިއުގެ ނަޒަރުގައި އޭނާގެ ފެށުމަކީ އެ ގްރޫޕެވެ. ކުޑަހުވަދޫގެ ފުޓްސަލްގެ ތަރިން ނެރެދިން ރުއްދަށް ގްރޫޕަށް މާނިއުގެ ޝުކުރު ބޮޑެވެ.
"ކެރިއަރުގައި ފުޓްސަލްއާއި ފުޓުބޯޅައިގައިވެސް އަޅުގަނޑުގެ ނަން އެންމެބޮޑަށް ކުރިއަރުވުމުގައި އެންމެ ބޮޑު ރޯލެއް ކުޅުނީ ރުއްދަށު ގްރޫޕް. އަޅުގަނޑަކީ އެމީހުންގެ މީހެއް. އެއީ ކެރިއަރު ފެށުނު ތަނަކީ. އެއީ އެކުވެރިކަމުގެ ނަމޫނާ ގްރޫޕެއް،"މާނިއު، ދ. ކުޑަހުވަދޫގެ ގޯލްކީޕަރު
ސެމީގައި ކުޑަހުވަދޫން ގދ. ވާދުއާ ދެކޮޅަށް ނުކުންނަން ފުރިހަމައަށް ތައްޔާރަށް އޮތް އިރު، ރަށުގެ އެތައް ރައްޔިތުންނަކަށް ހިނިތުންވުން ގެނެސްދިނުމުގެ ބޮޑު ޒިންމާއެއް ކޮނޑުގައި އޮތް ނަމަވެސް، މާނިއު ހުރީ ސާބިތުކޮށެވެ. އިތުބާރާއެކުގައެވެ.
"ކޮންފިޑެންސާއެކު މުބާރަތް މި ކުޅެނީ. ރައްޔިތުންނާއި އާއިލާގެ ސަޕޯޓް އެއީ ޕްރެޝަރަކަށް ނުވޭ. އެކަން ވެގެންދަނީ ހިތްވަރަކަށް. މުޅި ރަށުގެ އެތައް ރައްޔިތުންނެއްގެ ހައްގުގައި ބޭނުންވަނީ ގޯލްޑަންގެ ތަށި. އެއީ މިހާތަނަށް ކެރިއަރުގައި އެންމެ ބޭނުންވާ ތަށްޓަކީވެސް. އިރާދަކުރެއްވިއްޔާ އެކަން ހާސިލްވާނެ. ބޭނުންވަނީ މި ތަށި ރަށަށް ގެންގޮސްދޭން،" މާނިއު ފަހު ޖުމުލައެއް ގޮތުގައި އިތުބާރާއެކު ބުންޏެވެ.