އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އާސެނަލުން ކުޅުނު މެޗުގައި ފުލަމް ކައިރިން ބޮޑު މޮޅެއް ހޯދި އިރު، މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗުގައި ލީގު ތާވަލުގެ ފުލުގައި އޮތް ސައުތެމްޓަން ކައިރިން ގޯލެއް ނުޖެހި އެއްވަރު ވެއްޖެއެވެ.
އާސެނަލުން މިރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ފުލަމް ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ލީގު ތާވަލުގެ އެއްވަނައަށް އާސެނަލާއި މެންޗެސްޓާ ސިޓީން ވާދަކުރަމުންދާ އިރު، މި ހަފުތާގައި ރޭ ސިޓީން ކުޅުނު މެޗުގައި ކްރިސްޓަލް ޕެލެސް ކައިރިން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެހެންކަމުން ލީގު ތާވަލުގައި ފަސް ޕޮއިންޓްގެ ލީޑު ދަމަހައްޓަން މިރޭގެ މެޗު އާސެނަލަށް އޮތީ މުހިއްމުވެފައެވެ.
މިރޭގެ މެޗުން މޮޅުވެ އާސެނަލުން އެއްވަނައިގައި އޮތީ 27 މެޗުން 66 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި އޮތް ސިޓީއަށް 27 މެޗުން ލިބިފައި ވަނީ 61 ޕޮއިންޓެވެ.
މެޗުގައި ރަނގަޅަށް ކުޅުނު އާސެނަލުން 21 ވަނަ މިނެޓުގައި ލީޑު ނެގީ ލެއާންޑްރޯ ޓްރޮސާޑްގެ ކޯނަރެއްގެ އެހީގައެވެ. ކޯނަރަށް ކުރިއަށް އަރައި އާސެނަލްގެ ފުރަތަމަ ގޯލު ޖަހައިދިނީ ޑިފެންޑަރު ގެބްރިއަލްއެވެ.
އެ ގޯލަށް ފަސް މިނެޓުވެސް ނުވަނީސް އާސެނަލުން ލީޑު ފުޅާވެސް ކުރިއެވެ. އެ ގޯލަށްވެސް އެސިސްޓް ކޮށްދިނީ ޓްރޮސާޑެވެ. ޓްރޮސާޑުގެ ހުރަސް ބޮލުން ގޯލަށް ވައްދާލައި، އާސެނަލަށް ލީޑު ފުޅާކޮށްދިނީ މާޓިނެލީއެވެ. އާސެނަލުން ހާފު ނިންމާލީ ތިންވަނަ ގޯލެއްވެސް ޖަހައިގެންނެވެ. ޓްރޮސާޑުގެ ބޯޅައިން ތިންވަނަ ގޯލު ޖަހައިދިނީ ފޯމުގައި ހުރި ކެޕްޓަން މާޓެން އޮޑެގާޑެވެ.
ދެވަނަ ހާފުގެ ބޮޑު ބައެއްގައިވެސް އާސެނަލުން ޑޮމިނޭޓްކޮށް ކުޅުނު އިރު، އެޓީމަށް ލިބުނު އެންމެ ބޮޑު އެއް ހިތްހަމަ ޖެހުމަކީ ވޯލްޑް ކަޕް ފަހުން އަނިޔާގައި ހުރި ގެބްރިއަލް ޖީސަސް ފިޓްވެ، މިރޭގެ މެޗުގައި އަލުން ކުޅެން ނުކުތުމެވެ. ވޯލްޑް ކަޕް ކުރިން ރަނގަޅު ފޯމެއްގައި ހުރި ޖީސަސްއަށް ވޯލްޑް ކަޕްގައިވި އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުމަށްފަހު މިރޭ ބަދަލަކަށް ނުކުތެވެ.
ޔުނައިޓެޑުން މިރޭ ކުޅުނު މެޗަށް ނުކުތީ މިދިޔަ ހަފުތާ ލީގުގައި ކުޅުނު މެޗުގައި ލިވަޕޫލް ކައިރިން 7-0 އިން ބަލިވެފައި އޮވެގެންނެވެ. އެ ބަލި ހަނދާން ނައްތާލުމަށް ލީގުގައި މިރޭ މޮޅުވާން އެޓީމަށް މުހިއްމުވެފައި އޮތް އިރު، ގޯލެއް ނުޖެހި އެއްވަރުވުން ވެގެންދާނީ މާޔޫސް ކަމަކަށެވެ. ހާއްސަކޮށް ސީޒަނުގެ ލީގުގައި ކަސެމީރޯއަށް ދެއްކި ދެވަނަ ސީދާ ރަތް ކާޑު މިރޭގެ މެޗުގައި ފެނިގެން ދިޔަ އިރު، އޭނާ ވަނީ ކުރިއަށް އޮތް ހަތަރު މެޗަށް ސަސްޕެންޑްވެފައެވެ.
މިރޭގެ މެޗުގައި ޔުނައިޓެޑްގެ ފަރާތުން ބްރޫނޯ ފެނާންޑޭޒްގެ ނުރައްކާ ފެނިގެން ދިޔައެވެ. އޭނާގެ ބާރު ހަމަލާއެއް ސައުތުހެމްޓަން ގޯލްކީޕަރު މަތަކުރި އިރު، އަނެއްކޮޅުން ތިއޯ ވޮލްކޮޓުގެ ހަމަލާ މަތަކުރީ ޑޭވިޑް ޑެހެއާއެވެ. އޭގެ އިތުރުން ސައުތެމްޓަނުގެ ޖޭމްސް ވޯޑް-ޕްރައުސްގެ ހިލޭ ޖެހުން ދަނޑީގައި ކޭތިލާފައި ބޭރަށް ދިޔަ އިރު، ކައިލް ވޯކާ-ޕީޓާސްގެ ހަމަލާ ރޮނގުމަތިން ބޭރުކޮށްލީ އެރޮން ވެން-ބިސާކާއެވެ.
މެޗުން އެއްވަރުވެ ޔުނައިޓެޑް ލީގު ތާވަލުގެ ތިންވަނައިގައި އޮތީ 26 މެޗުން 50 ޕޮއިންޓާއެކުގައެވެ. ހަތަރުވަނައިގައި އޮތް ޓޮޓެންހަމްއަށް 27 މެޗުން ލިބިފައި ވަނީ 48 ޕޮއިންޓެވެ.