ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަށް، މާލޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުން އަވަސް ކުރުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

ސަރުކާރާ ދެކޮޅު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮނޑޭ) ގެ މިގަރާރުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވައިފައެވެ.

މި ގަރާރުގައި ވަނީ، ގޯތި ގެދޮރުގެ ދަތިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދިނުމުގެ ގޮތުން، ކުދި ކުދި ބިންކޮޅުގަ އާއި، ކުދި ކުދި ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެމީހުން އިހުތިޔާރު ކުރާ އެހެން ތަނަކުން އެކަށީގެންވާ ވަރުގެ ގޯއްޗެއް ފޯރުވައިދޭނެ ކަމަށް އެމްޑީޕީގެ މެނިފެސްޓޯގައި ބުނެފައިވާ ކަމަށެވެ. މާލޭގައި އެކަށީގެންވާވަރުގެ ބިމެއް އޮވެ، އިމާރާތް ކުރާނެ ތަނަވަސްކަން ނެތް އާއިލާތައް ދެނެގަނެ ލުއި ފަސޭހަކޮށް ގެ އިމާރާތް ކުރެވޭނެ މަގު އެފަރާތްތަކަށް ކޮށައިދެވޭނެކަމަށްވެސް ބުނެފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ކެމްޕެއިންގައިވެސް "ބޯހިޔާވަހިކަން ހައްގުވާ" ކޮންމެ މީހަކަށް މި ފަސް އަހަރުގެ ދައުރު ނިމުމުގެ ކުރިން ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް އިއުލާނު ކުރައްވާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެހެން އެކަން އޮތްއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރުގެ ބައެއް ވަޒީރުން މާލޭގެ އެކި އެކި ގޭގެއަށް ވަޑައިގެން ވަކި އުސޫލެއް، ހަމައެއްނެތި ގޯއްޗާއި ފްލެޓް ދޭނެކަމަށް ވިދާޅުވެ ވޯޓު ހޯދުމުގެ ނިޔަތުގައި އޮޅުވާލަމުން ގެންދާ ކަމަށްވެސް އެ ގަރާރުގައި ބުނެފައިވެއެވެ.

ސަރުކާރުގެ "ގެދޮރުވެރިން ޕްރޮގްރާމް" ގެ ދަށުން ހިންގާ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ކުރިމަތިލާފައިވާ ފަރާތްތައް އިވެލުއެޓްކޮށް، ބިމާއި ފްލެޓް ދޭނެ ފަރާތްތައް ކަނޑައެޅުމަށް ސަރުކާރުން އެކުލަވައިލައިފައިވާ "ގެދޮރުވެރިންގެ ކޮމިޓީ" އިން ކުރަމުން އަންނަ މަސައްކަތަކީ ދެފުށްފެންނަ އަދި ރައްޔިތުންނަށް އިތުބާރު ހިފޭ ގޮތަކަށް ކުރެވޭ މަސައްކަތަކަށް ވުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން "މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަން ޖެހޭ މަސައްކަތް އިތުރަށް ދިގުނުދަންމައި، މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހަލުވިކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރަށް ގޮވާލަން،" ކަމަށް މި ގަރާރުގައި ވެއެވެ.