ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އަހަރު ނިމޭއިރު ފުލުހުންގެ ހިދުމަތް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން 60 ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް މި މަހު 25 ހިސާބުގައި ފެށޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
ރަށްރަށުގައި ފުލުހުންގެ ހިދުމަތް ފެށުން ލަސްވަމުންދާ މައްސަލައިގައި މިދިޔަ އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އިމްރާން ވިދާޅުވީ، އެކަމަށް ބޭނުންވާ އެޑްވާންސް ޕޭމަންޓް ހެދުމަށް ފިނޭންސް މިނިސްޓްރީއަށް ފޮނުވާފައިވާ ކަމަށެވެ.
އަދި އެޑްވާންސް ޕޭމަންޓް ލިބުމުން 15 ދުވަހުގެ ތެރޭގައި އަމަލީ ގޮތުން މަސައްކަތް ފަށައިގަންނަންޖެހޭނެ ކަމަށް، އެ މަސައްކަތްތަކުގެ އެގްރީމެންޓުގައި ހިމަނާފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ، ބައެއް ރަށްރަށުން ބިން ހަމަނުޖެހޭތީ، އެ ރަށްރަށުގައި ޕޮލިސް ޕޯސްޓް ހެދުމުގެ މަސްކަތް ލަސްވެފައިވާ ކަމަށެވެ.
"އަޅުގަނޑު މި ޔަގީންކުރަނީ، އިރާދަކުރެއްވިއްޔާ މި މަހުގެ 25 ހިސާބުގައި ލަސްވެގެން މަސައްކަތް ފަށައިގަނެވެންވާނެ ކަމަށް،" އިމްރާން ވިދާޅުވިއެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މި އަހަރު ނިމޭއިރު ފުލުހުންގެ ހިދުމަތް ގާއިމުކުރެވޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވީ، މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމުގެ ގޮތުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ، މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ދިނުމަކީ މުހިންމު ކަމެއް ނަމަވެސް ރާއްޖޭގެ ރަށްތައް އެތުރި ފެތުރިފައިވާ ގޮތުން ދިވެހި ފުލުހުންގެ ހިދުމަތް ދިނުމަށް ހުރި ގޮންޖެހުންތައް ބޮޑު ކަމަށެވެ.
އެ ގޮންޖެހުންތަކާއެކުވެސް ފާއިތުވި އަހަރު ފުލުހުންގެ 18 މަރުކަޒެއް ހުޅުވައި ހިދުމަތް ދޭން ފެށި ކަމަށާއި މި އަހަރު ނިމޭއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު