ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ގަތަރާއި ޖަރުމަނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

‎ރައީސްގެ މި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގަތީ ގަތަރުގެ ވެރިރަށް ދޯހާއަށެވެ. އެއީ އދ.ގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަަށެވެ.

އެ ކޮންފަރެންސްގެ ހަވާސާގައި ރައީސް ވަނީ، އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްގެ އިތުރުން ސޭޝެލްސް، ފަލަސްތީން، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ޓިމޯ-ލެސްޓޭ، މަލާވީ އަދި ރިޕަބްލިކް އޮފް ސާބިއާގެ ރައީސްއާ ބައްދަލުކުރައްވައިފައެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، އެ ބައްދަލުކުރެއްވުންތަކުގައި ރައީސް ވަނީ ރާއްޖެއާއި އެ ގައުމުތަކުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގައުމުތަކާ އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައެވެ.

‎ރައީސް ޖަރުމަނަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބާލިންގެ މެސޭ ބާލިންގައި މިހާރު ކުރިޔަށްދާ، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ ކަމުގައިވާ، އިންޓަނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައިޓިބީ) ބާލިން ފެއާއަށް ޒިޔާރަތް ކުރެއްވި އެވެ.

އަނބިކަނބަލުން ފަޒްނާ އަހުމަދުވެސް ބައިވެރިވެވަޑައިގެންނެވި އެ ދަތުރުފުޅުގައި ޖަރުމަނުގައި ހުންނަވާ ރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެ ވަނީ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފައެވެ. މި ދަތުރުފުޅުގައި ޖަރުމަންގެ ރައީސްއާވެސް ރައީސް ސޯލިހު ބައްދަލުކުރެއްވިއެވެ.