ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް ކުޅުނު މެޗުގައި އެޓީމުން ވަނީ 4-1 އިން ރެއާލް ބެޓިސް ބަލިކޮށްފައެވެ. ޔުނައިޓެޑްގެ ގޯލުތައް ރޭގައި ޖަހައިދިނީ މާކަސް ރަޝްފޯޑާއި އެންޓޮނީގެ އިތުރުން ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އަދި ވޯޓް ވެގޯސްޓެވެ.
ރޭގެ މެޗުގައި ފެނާންޑޭޒްގެ ފަރާތުން ގޯލަކާ އެސިސްޓެއް ފެނިގެން ގޮސްފައިވާ އިރު، ކޯޗު ޓެން ހާގު ވަނީ ރޭގެ މެޗަށްފަހު ފެނާންޑޭޒްއަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ. ޓެން ހާގު، ފެނާންޑޭޒްއަށް ތައުރީފު ކޮށްފައި ވަނީ ލީގުގައި އެންމެފަހުން ކުޅުނު މެޗުގައި ލިވަޕޫލް ކައިރިން 7-0 އިން ބަލިވުމުން، ތަޖުރިބާކާރުންނާއި ކުރިން ޔުނައިޓެޑަށް ކުޅުނު ބައެއް ލެޖެންޑުން ފަރާތުން އޭނާއަށް ވަރަށް ބޮޑަށް ފާޑު ކިޔައި، ކެޕްޓަން ބޭންޑްވެސް އަތުލަން ގޮވާލާފައި ވަނިކޮށެވެ.
މެޗުގެ ކުރިން ޓެން ހާގު ބުނީ ހެރީ މެގުއާ ނެތް ހާލަތެއްގައި ކެޕްޓަން ބޭންޑް ދޭނީ ފެނާންޑޭޒްއަށް ކަމަށާއި އެކަން ބަދަލުނުވާނެ ކަމަށެވެ. މެޗަށްފަހު ޓެން ހާގު ބުނީ މެޗުގައި އެންމެ މޮޅަށް ކުޅުނީ ފެނާންޑޭޒް ކަމަށާއި ފެނާންޑޭޒް ފާޑު ކިޔުންތަކަށް ރައްދު ދީ އިތުބާރު ދަމަހައްޓައިފި ކަމަށެވެ.
"(ރޭގެ) މެޗުގައި އެންމެ މޮޅަށް ކުޅުނީ ފެނާންޑޭޒް. އޭނާ ކުޅުނީ ތަންކޮޅެއް ބޮޑަށް ފަހަތަށް ޖެހި، މެދު ތެރެއިން މުހިއްމު ރޯލެއްގައި. ގިނަ މުހިއްމު ޕާސްތަކެއް ޖަހައި، ރަނގަޅު އެތައް ފުރުސަތެއް ފެނާންޑޭޒް ތަނަވަސްކޮށްދިން،" ޓެން ހާގު ބުންޏެވެ.
ރޭގެ މެޗުގައި ގޯލު ޖަހައި ފެނާންޑޭޒް އުފާފާޅުކުރީ ދެ ކަންފަތް ކައިރީގައި އަތް އަޅައިގެންނެވެ. ރޭގެ މެޗުގައި ސަޕޯޓަރުން ފެނާންޑޭޒްއަށް ހާއްސަ ޗޭންޓެއް ކިޔަމުން ދިޔަ އިރު، ސަޕޯޓަރުން ދައްކުވައިދިނީ އޭނާގެ ފަހަތުގައި ތިބި ކަމެވެ.
ލިވަޕޫލް ކައިރިން ބަލިވި މެޗާ ގުޅޭ ގޮތުން ރޭ ނޫސްވެރިޔަކު ސުވާލުކުރުމުން ޓެން ހާގު ބުނީ އެ މެޗު އެއީ ނުވާ ކަމެއް ކަމަށް ހަދައިގެން އުޅެން ބޭނުން ނުވާ ކަމަށާއި އެ މެޗުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް، އެނބުރި އައުން އެއީ އެންމެ މުހިއްމު ކަންތައް ކަމަށެވެ.