Close
ވޯލްޑް ކަޕް

އިތުރު ވޯލްޑް ކަޕެއް ފިނި މޫސުމުގައި ބާއްވައިގެން ނުވާނެ: ފިފްޕްރޯ

އިތުރު ވޯލްޑް ކަޕެއް ފިނި މޫސުމުގައި ބޭއްވުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ދުނިޔޭގެ ކުޅުންތެރިންގެ ޔޫނިއަން ފިފްޕްރޯއިން ބުނެފިއެވެ.

ފިފްޕްރޯ އިން އެހެން ބުނެފައި ވަނީ ގަތަރުގައި އެންމެފަހުން މިދިޔަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ސަބަބުން ކުޅުންތެރިންނަށް ކުރި އަސަރުތަކާ ގުޅޭގޮތުން އާންމުކުރި ރިޕޯޓުގައެވެ. ގަތަރު ވޯލްޑް ކަޕަކީ މިހާތަނަށް ފިނި މޫސުމުގައި ބޭއްވި ހަމައެކަނި ވޯލްޑް ކަޕެވެ.

ގަތަރު ވޯލްޑް ކަޕް ފިނި މޫސުމުގައި ބާއްވާފައި ވަނީ ގަތަރުގެ މޫސުމަށް ވިސްނައި، ހޫނު ގަދަވުމުގެ ސަބަބުންނެވެ. ގަތަރު ވޯލްޑް ކަޕް ފިނި މޫސުމުގައި ކުޅެން ޖެހުމާއެކު ޔޫރަޕްގެ ބޮޑެތި ލީގުތަކުގައި ކުޅުމުންދާ ކުޅުންތެރިން ވޯލްޑް ކަޕަށް ދާން ޖެހުނީ ސީޒަނުގެ މެދު ތެރެއިންނެވެ. ވޯލްޑް ކަޕަށް ޓީމުތަކުން ތައްޔާރުވާން މަދު ދުވަސްކޮޅެއް ލިބުމުގެ އިތުރުން ވޯލްޑް ކަޕަށްފަހު ލީގު ފުޓުބޯޅައަށް ނުކުންނަންވެސް ކުޅުންތެރިންނަށް ލިބުނީ މަދު ރިކަވަރީ ވަގުތު ކޮޅެކެވެ.

ސީޒަނުގެ ތެރެއިން ވޯލްޑް ކަޕް ބޭއްވުމަކީ ރަނގަޅު ކަމަށް މީގެ ކުރިން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ފާހަގަކޮށްފައިވާ އިރު، އޭނާ ވިދާޅުވެފައި ވަނީ ކުޅުންތެރިން ރަނގަޅަށް ފިޓްކޮށް ތިބުމުގެ ސަބަބުން ރަނގަޅު މެޗުތަކެއް ފެނުމުގެ ފުރުސަތު ލިބުނު ކަމަށެވެ.

އެހެން ނަމަވެސް، ފިފްޕްރޯގެ ޖެނެރަލް ސެކްރެޓަރީ ބައޭ-ހޮފްމަން ވިދާޅުވީ ފިނި މޫސުމުގެ ވޯލްޑް ކަޕެއް ތަކުރާރުކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ފިނި މޫސުމަށް ވޯލްޑް ކަޕެއް ތާވަލު ކުރާނަމަ، ވޯލްޑް ކަޕް ބާއްވާ އުސޫލާއި ފޯމެޓަށް ބަދަލު ގެނެސް، ލީގު ތަކުގެ ތާވަލުތަކަށް ބަދަލު ގެންނާނެ ރަނގަޅު ގޮތެއް ކުރިއާލައި ރާވަން ޖެހޭ ކަމަށެވެ.

ބައޭ-ހޮފަމަން އިތުރަށް ވިދާޅުވީ ފިނި މޫސުމުގެ ވޯލްޑް ކަޕަކަށް ފުރުސަތު ދޭ ނަމަ، އެންމެ ކުޑަ މިނުންވެސް ކުޅުންތެރިންގެ ތައްޔާރީތަކަށް އެކަނިވެސް ދެ މަހާ ބައިގެ ވަގުތުތަކެއް ހުސްކުރަން ޖެހޭ ކަމަށާއި އެކަމަށް ފީފާ އަދި ލީގުތަކުން އެއްބަސްވުމަކަށް ނާންނާނެކަން އެނގޭ ކަމަށެވެ.

ފިފްޕްރޯއިން އާންމުކުރި ރިޕޯޓުގައި ބުނީ އާންމުކޮށް ކުޅުންތެރިންނަށް އެންމެ މަދުވެގެންވެސް 14 ދުވަސް، ތައްޔާރުވާން ބޭނުންވާ ކަމަށާއި މުބާރާތަށްފަހު 14 ދުވަހާއި 28 ދުވަހުގެ މުއްދަތެއް ޕޯސްޓް ރިކަވަރީއަށް ބޭނުންވާ ކަމަށެވެ.

ކުރިއަށް އޮތް ވޯލްޑް ކަޕް އެމެރިކާގައި ބާއްވަން ތާވަލު ކޮށްފައިވާ އިރު، 2030 ވަނަ އަހަރު ވޯލްޑް ކަޕް ބާއްވަން ހުށަހަޅާފައިވާ ސައުދީ އަރަބިއާއަށް ފުރުސަތު ލިބިއްޖެނަމަ، ފެންނާނެ ކަމަށް ބެލެވެނީ ފިނި މޫސުމުގެ ވޯލްޑް ކަޕެކެވެ. އޭގެ އިތުރުންވެސް ޕޯޗުގަލް އާއި ސްޕެއިނަށް 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ބިޑް ކާމިޔާބު ވެއްޖެ ނަމަވެސް ފެންނާނެ ކަމަށް ބެލެވެނީ ފިނި މޫސުމުގެ ވޯލްޑް ކަޕެކެވެ.