(7 މާޗުގެ އަދަދާ ގުޅޭ)
ޝައިޚު ޖަމާލުއްދީނުގެ މުޅި ހަޔާތްޕުޅު ހޭދަކުރެއްވީ އުނގެނިވަޑައިގަތުމާއި އުނގަންނައިދެއްވުމުގައެވެ. ހަމައެކަނި ދީނާއި ޝަރުއީ އިލްމެއް ނޫނެވެ. އަދަބިއްޔާތާއި ދުނިޔަވީ ތަފާތު އިލްމުވެސްމެއެވެ. އަދަބިއްޔާތަށް ނަޒަރު ހިންގައިލާއިރު ރައިވަރު ހެއްދެވުމުގައި ދިވެހި ތާރީޚުން އެފަދަ އެހެން ބޭފުޅުން ވަރަށް ނުފެނެއެވެ. އެއަށްވުރެ ބޮޑު ޚިދުމަތެއް އެދާއިރާއަށް ބޭފުޅަކު ކުރައްވައިފައިވާނަމަ އެބޭފުޅަކީ ޝައިޚު ޖަމާލުއްދީނަށްވުރެ ތިރީހަކަށް ސާޅީހަކަށް އަހަރު ކުރިން ސުލްތާނު މުއީނުއްދީނު އެއްވަނައިގެ ދައުރުގައި އުޅުއްވި ބަނޑޭރި ހަސަން މަނިކުފާނެވެ. ދިވެހި އަދަބިއްޔާތަށް ޝައިޚު ޖަމާލުއްދީނު ނެރެދެއްވި އަދި މިފަންނުގައި އޭނާގެ ފުރަތަމަ އުސްތާޒަކީ ގާޒީ މުހައްމަދު މުހިއްބުއްދީނެވެ. ހަމައެކަނި ދިވެހި ރައިވަރެއް ނޫނެވެ. އަރަބި ޅެންވެރިކަމުގެ ދާއިރާއަށްވެސް ނުހަނު ކުޅަދާނައެވެ.
އަރަބި ޅެންވެރިކަމުގެ ދާއިރާގައި ޝައިޚު ޖަމާލުއްދީނުގެ އެންމެ ބޮޑު އެދުރަކީ އައްސައްޔިދު އުމަރު ޔައުމައިނި އަލްޔަމަނީއެވެ. އެއީ އަރަބި ޅެމަށް ނުހަނު ކުޅަދާނަ ޝާއިރެކެވެ. އަރަބި ބަހުން ޝައިޚު ޖަމާލުއްދީނު ވިދާޅުވެފައިވާ ޅެންތަކާމެދު ޝައިޚު ހުސައިން ސަލާހުއްދީން ވިދާޅުވެފައިވަނީ މިފަދައިންނެވެ. އެއީ ބަލާޣަތްތެރިކަމުގެ ގޮތުން އެންމެ މަތީ ދަރަޖައިގެ ޅެންޅެމެވެ. ފިގުހުވެރިކަމާއި އަރަބި އިލްމަށް ކުޅަދާނަވުމާއި އަރަތްބާއި ދިވެހި ބަހުގެ އަދަބިއްޔާތަށް ލޯހުޅުވުން ބޮޑުކަމުގެ އިތުރަށް ދިވެހި ބޭސްވެރިކަމަކީވެސް ޝައިޚު ޖަމާލުއްދީނުގެ ޚާއްސަ ދާއިރާއެކެވެ. މިހުރިހާ ކަންކަމުގެ އިލްމު އުނގެނިވަޑައިގެން ހުންނެވިއަސް ޝައިޚު ޖަމާލުއްދީނަކީ ދުނިޔެ ހޯއްދަވައި ތަނަވަސްކަން އެއްކުރެއްވުމަށް އެއްވެސްވަރަކަށް މަސައްކަތް ކުރެެއްވި ބޭފުޅެއް ނޫނެވެ.
މަގާމަކަށް، މުދަލަކަށް އަދި އެޒާތުގެ އެހެން އެއްޗެއް ހޯއްދެވުމަށް ދުވަހަކުވެސް މަސައްކަތެއް ނުކުރައްވައެވެ. އެހެންވީމާ ހައްގުބަސް ވިދާޅުނުވެ ފަހަތަށް ޖެހިވަޑައިގަތުމުގެ ސިފަ އެއްގޮތަކަށްވެސް ނުފެނެއެވެ. ރަސްކަލަކަށްވިޔަސް، ބޮޑުވަޒީރަކަށްވިއަސް އަދި ދަރަޖަ އުފުލިގެންވާ އެފަދަ ކިތަންމެ ބޮޑު ކިލެގެބޭކަލެއްގެ އަރިހުގައިވެސް ޝައިޚު ޖަމާލުއްދީނު ވިދާޅުވެފައިހުރީ ވިދާޅުވާންޖެހޭ ހައްގު ބަސްފުޅެވެ. ބަސްގަދައެވެ. ޒުވާބުގަދައެވެ. މޫނަކަށް ކަނދުރާއަކަށް ބެއްލެވުމެއްނެތެވެ. ޖެހިލުންވުމުގެ ކަންފުޅެއްވެސް ނުހުރެއެވެ. ތޫނުފިލިކަމުގައި އެފަދަ ދެވަނައެއް ނުވެއެވެ. ހަގީގަތުގައި ޝައިޚު ޖަމާލުއްދީނަށް ވެރީންގެ ނުރުއްސެވުން އަމާޒުވެ އެކިކަހަލަ އުގޫބާތްތައް އެކިދުވަސްވަރު ކުރިމަތިވުމުގެ ސިއްރަކީ އެއީއެވެ.
ޝައިޚު ޖަމާލުއްދީން ކުށްވެރިވެގެން އަރުވައިލެވުނީ އެންމެ ފަހަރަކު ނޫނެވެ. ކިތަންމެ ފަހަރަކުއެވެ. މަގާމުން ވަކިކުރެވިފައިވަނީ އަދި އަމިއްލަފުޅަށް މަގާމު ދޫކޮށްލައްވައިފައިވަނީވެސް އެންމެ ފަހަރަކު ނޫނެވެ. ކިތަންމެ ފަހަރަކުއެވެ. މިއިން ކޮންމެ ފަހަރަކުވެސް ޝައިޚު ޖަމާލުއްދީނު ކުށްވެރިވެފައިވަނީ ގައުމާއި ރައްޔިތުންނާއި ދީނުގެ ހައްގުގައި މަސައްކަތް ކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ސިޔާސީ މަންފާއަށް ވިސްނެވުމުގެ ބަދަލުގައި އާޚިރަތުގެ މަންފާއަށް ވިސްނެވުމުގެ ސަބަބުންނެވެ. މިކަން ވަރަށް ސާފެވެ. އެންމެ ފުރަތަމަ ޝައިޚު ޖަމާލުއްދީނު ކުށްވެރިވެގެން އަރުވައިލީ ސުލްތާން މުހައްމަދު މުއީނުއްދީނު ދެވަނަ ރަސްކަމުން ވަކިކޮށް ސުލްތާން އިބްރާހިމް ނޫރައްދީނު ދެވަނަ ފަހަރަށް ރަސްކަމަށްލީ ހިސާބުންނެވެ. ޝައިޚު ޖަމާލުއްދީނު ކުށްވެރިވުމުގައި އޮތީ މައިގަޑު ދެ ސަބަބެކެވެ.
ޝައިޚު ޖަމާލުއްދީނަކީ މީލާދީން 1886 ވަނަ އަހަރުން ފެށިގެން 1888 ވަނަ އަހަރާ ހަމަޔަށް ރަސްކަން ކުރެއްވި ސުލްތާން މުހައްމަދު މުއީނުއްދީނު ދެވަނައިގެ ދައުރުގައި އުއްތަމަ ފަނޑިޔާރެވެ. ދިވެހިރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި ސިޔާސީ ގަޑުބަޑު ކަމަށްވާ މަޝްހޫރު ބޮޑުހުޅުގެ ކަންކަން ހިނގީ އެދުވަސްވަރުގައެވެ. ބޮޑުހުޅުގެ މޭސްތިރިޔަކީ ކުރީގައި ބޮޑުވަޒީރުކަން ކުރައްވައިފައި ހުންނެވި އަތިރީގޭ އިބްރާހިމް ދޮށިމޭނާކިލެގެފާނެވެ. ނުހަނު ވަރުގަދަ ލީޑަރެކެވެ. ބޮޑުހުޅުގެ ބައިވެރިން ބޭޒާރުވެ ހާމަވީމާ އެންމެންގެ މައްޗަށް ސަރިޔަތް ހިންގައި އެކިރަށްރަށަށް އެކި މުއްދަތަށް އަރުވައިލިއިރު ފަނޑިޔާރުގޭގެ ވެރިޔަކީ ޝައިޚު ޖަމާލުއްދީނެވެ. އެހެންވީމާ އަތިރީގޭ ޚާންދާނުގެ އެންމެހައި މެންބަރުންގެ ހިތްތަކުގައި ޝައިޚު ޖަމާލުއްދީނާމެދު އުފެދުނު އަދާވާތްތެރިކަން ކިތަންމެހާވެސް ބޮޑެވެ. މިއީ އެއްސަބަބެވެ.
ބޮޑުހުޅަކީ ނުހަނު ބޮޑުވެގެންވާ ފިތުނައެކެވެ. ނުހަނު ބޮޑު ގަޑުބަޑެކެވެ. ގެއްލުން ލިބުނު މީހުން ގިނަގުނައެވެ. އެހެންވީމާ އެކަމަކީ އަތިރީގޭ އިބްރާހިމް ދޮށިމޭނާއެއްކަމަކު އަޅާނުލައި ދޫކޮށްލެވެންއޮތް ކަމެއް ނޫނެވެ. ދީނާއި ދުނިޔޭގެ ހަމަތަކުގެމަތިން ސަރިޔަތް ހިންގައި ކުށްވެރީންނަށް އަދަބު ދިނުމުގައި ޖެހިލުންވުމެއް ފަހަތަށް ޖެހުމެއް ދައްކަވައިގެން ނުވާނޭކަމަށް ރަދުންނަށް ދެންނެވީ ޝައިޚު ޖަމާލުއްދީނެވެ. މިކަމަކީ އަތިރީގޭ ޚާންދާނުގެ އާރާއިބާރަށް ވިސްނަވާފައި ރަދުންވެސް ޖެހިލުންވެވަޑައިގެންނެވި ކަމެކެވެ. ސާބިތުވެ ހުންނެވީ ޝައިޚު ޖަމާލުއްދީނެވެ. ކަނދުރާއަކަށް މޫނަކަށް ބެލުމެއްނެތި ސަރިޔަތުގެ މަގުން ނިޔާއިއްވައި އިބްރާހިމް ދޮށިމޭނާކިލެގެފާނާއި އޭނާގެ ބައިވެރިން އަރުވައިލެވުނީއެވެ. އިބްރާހިމް ދޮށިމޭނާކިލެގެފާނު އަރުވައިލެވުނީ އައްޑުއަތޮޅު ހުޅުދޫއަށެވެ.
(ނުނިމޭ)