އައްޑޫ ސިޓީ، ހިތަދޫގައި 200 ހައުސިން ޔުނިޓް އިމާރަތްކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އަލުން އިއުލާން ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން މިއަދުކުރި އިއުލާނެއްގައި ބުނީ ހައުސިން މިނިސްޓްރީގެ އެދިގެން ޑިޒައިން އެންޑް ބިލްޑު އުސޫލުން ހިތަދޫގައި 200 ހައުސިން ޔުނިޓް އިމާރާތުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މީގެ ކުރިން ފިނޭންސުން ކުރި އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބީލަންތައް ބާތިލުކޮށް އެ މަސައްކަތަށް އަލުން ބީލަން ހުށަހެޅުމަށް ހުޅުވާލާ ކަމަށެވެ.

ހިތަދޫގައި 200 ހައުސިން ޔުނިޓް އިމާރަތް ކުރުމުގެ މަސައްކަތުގެ ބީލަން ކުރިއަށް ގެންދާނީ "އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު، ނޭޝަނަލް ޓެންޑަރުން ކުރިޔަށްގެންދާ އިމާރާތްކުރުމުގެ މަސައްކަތްތައް އެވޯޑް ކުރެވޭނެ އަދަދު ކަނޑައަޅާނެ ގޮތުގެ އުސޫލު، ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ" އާ އެއްގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިޔަށް ދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުގެ މަތިން ކަމަށާއި އެކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަން ޖެހޭ ޝަރުތުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާގެ މައުލޫމާތު ބީލަން ފޮތުގައި ހިމަނާފައިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ފިނޭންސުން ބުނީ ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށާއި އެ ފީ ބަލައިގަންނާނީ މިމަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އަންނަ އެޕްރީލް މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ކަމަށެވެ. ފައިސާ ބަލައިގަންނާނީ https://bandeyripay.finance.gov.mv  މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ބިޑް ސެކިއުރެޓީގެ ގޮތުގައި 1,100,000 ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށާއި ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ކަމަށެވެ. ބިޑުތައް ހުޅުވުން އޮންނާނީ އަންނަ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހު ނެޝަނަލް ޓެންޑާގެ ޖަލްސާކުރާ މާލަމުގައި ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.