ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީން ވާދަ ކުރާނެ ކެންޑިޑޭޓަކު ހޮވުމަށްޓަައި، މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އުފެދުނު ވާދަވެރިކަން ބޮޑުވެ، މަޖިލިސްގެ ބައެއް މެންބަރުން ޕާޓީން ވަކިވާން ނިންމާފައިވާކަން ހާމަ ކުރައްވަން ފަށްޓަވައިފިއެވެ.
ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދުނު ވާދަވެރިކަން ރައްޔިތުންގެ މަޖިލިސް ތެރެއަށް ފެތުރި، ބައެއް މެންބަރުން ޕާޓީ ދޫކުރާ ހިސާބަށް ވަނީ ގޮސްފައެވެ.
މަޖިލީހުގެ ބަހުސްތަކުގައިވެސް ސަރުކާރުން ހުށަހަޅާ ބިލުތަކަށް، ރައީސް ނަޝީދަށް ތާއީދު ކުރާ މެންބަރުން ވާހަކަ ދައްކަވަނީ، އިދިކޮޅު މެންބަރުންނަށްވުރެވެސް މާ ބޮޑު ދެކޮޅުވެރި ރޫހެއްގައެވެ. އަދި އިދިކޮޅުން މަޖިލީހަށް ހުށަހަޅާ ގަރާރުތަކަށްވުރެވެސް ދެކޮޅު ގިނަ ގަރާރުތަކެއް އެ މެންބަރުން ގެންދަވަނީ މަޖިލީހަށް ހުށަހަޅުއްވަމުންނެވެ.
އޭގެ ތެރެއިން، ތަހުގީގު ކުރުމުގެ ހުއްދަ ދެވޭ ކޮންމެ ފުލުހަކީ ތަހުގީގު ކުރުމާ ގުޅުން ހުރި ދާއިރާއެއް ކަމަށް، ދިވެހި ފުލުހުންގެ ހިދުމަތުން ގަބޫލު ކުރާ އިދާރާއަކުން އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ސަނަދެއް ހާސިލު ކޮށްފައިވާ ފަރާތަކަށް ވާން ޖެހޭނެކަމަށް، ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު އިތުރުކުރަން ސަރުކާރުގެ ފަރާތުން ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގެ ބަހުސް މިއަދު ކުރިއަށް ދިޔައިރު، އެ ބިލަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ރައީސް ނަޝީދުގެ ފެކްޝަންގެ ދެ މެންބަރަކު ޕާޓީން ވަކިވެވަޑައިގަތުމުގެ އިޝާރާތެއް ވަނީ ކުރައްވައިފައެވެ.
އޭގެ ތެރެއިން މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވީ، އެ ބިލަކީ ފުލުހުންގެ މުއައްސަސާގެ ތެރެއަށް ޑްރަގް ނެޓްވޯކް ކާޓޭލް ވައްދަން ކުރާ މަސައްކަތެއް ކަމަށެވެ. އެއީ އެމްޑީޕީގެ ސްޓޭންޑެއް އޭގައި ހިމެނޭ ބިލެއް ނޫންކަމަށް ވެސް ބޮންޑެ ވިދާޅުވިއެވެ.
ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތް ކުރައްވައި، އޭނާ ދެން ވިދާޅުވީ، "ރައީސް އަޅުގަނޑު މަޝްވަރާކުރަން ބޭނުން މިހާރު އަޅުގަނޑު ޕާޓީން ވަކިވުމަށް، މިހާރު ސްވިސް ޗޮކްލެޓްގެވެސް ޓޮބްލޮރޯންގެވެސް އެ ސްޓޭންޑެޑް ނެތިގެން ސްވިސް މައުންޓަން ނަގާގޮތަށް ނިންމައިފިން." ކަމަށްވެސް ވިދާޅުވިއެވެ. މާނައަކީ، ރިޔާސީ ޕްރައިމަރީ ރައީސް ނަޝީދަށް ކާމިޔާބު ނުވުމަކީ، އެމްޑީޕީގެ ރަސްމީ ގޮތުގައި އެ ޕާޓީ ނެތް ކަމަށް އެ މެންބަރު ދެކެވަޑައިގެންނެވުމެވެ. އަދި ވިދާޅުވީ، އެ ސްޓޭޑަޑަށް އަނބުރާ ރުޖޫއަވީމާ "އަޅުގަނޑު ޕާޓީއަށް ވަންނަ ގޮތަށް އަޅުގަނޑު ބޭނުން ހަމަ ރައީސާ ސީރިއަސްކޮށް މަޝްވަރާކުރަން،" ކަމަށެވެ.
އެއަށްފަހު ބޮންޑެ ވިދާޅުވީ، ޕާޓީން ވަކިވުމަށްފަހު އޭނާ ހުންނަވާނީ ޕާޓީއާ ދުރުގައި، ކަަމަށެވެ. އަދި ރައީސް ނަޝީދުގެ "ފިކުރެއްގެ ދިރުން" އެއީ ސޮއިކުރަން ޖެހޭ އެއްޗެއްނޫން، ކަމަށާއި އޭގައި އޮތީ އެމްޑީޕީގެ ސާފު ތިލަފަތް ކަމަށްވެސް ވިދާޅުވިއެވެ. ބޮންޑެ އަދި ވިދާޅުވީ، އެ ބިލަކީ އެކްޓިވިސްޓުން ފުލުހުންގެ ވަޒީފާއަށް ވައްދައިގެން ފުލުހުންގެ މުއައްސަސާ ހަރާބުކުރަން ސަރުކާރުން ހުށަހެޅި އިސްލާހެއް ކަމަށާއި، އެ ބިލަށް ވޯޓުވެސް ނުދެއްވާނެ ކަމަށެވެ.
ޕާޓީން ވަކިވެވަޑައިގަތުމާބެހޭގޮތުން ރައީސް ނަޝީދާ މަޝްވަރާކުރައްވަން ބޭނުންކަމަށް، ބޮންޑެ ވިދާޅުވުމާ ގުޅިގެން މަޒާޖީ ގޮތެއްގައި މަޖިލިސް ރައީސް ވިދާޅުވީ، "ވަރި ކައިވެންޏާ ގުޅޭގޮތުން އިއްޒަތްތެރި މެންބަރުން އެބަ މަޝްވަރާ ކުރައްވާ އެކިއެކި ކަންކަމާ،" ކަމަށެވެ.
ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، ގާނޫނަށް ރަނގަޅު އިސްލާހުތަކެއް ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހަޅަމުން ނުދާ ކަމަށެވެ. އެއްވެސް ކުށަކަށް އަރައިގަންނަ ފަރާތަކާ ގުޅުން އޮތް މީހަކުވެސް ފުލުހުންގެ މުއައްސަސާގައި ހުރެގެން ނުވާނެ ކަމަށާއި، އެފަދަ ބަޔަކު ފުލުހުންގެ މުއައްސަސާގައި ތިބުމަކީ، ރައްޔިތުންގެ މެދުގައި ފުލުހުންގެ އިތުބާރު ގެއްލޭނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
އެހެންކަމުން މިއީ މިހާރުން މިހާރަށް އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއްނޫން ކަމަށާއި، މި އިސްލާހަށް ވޯޓު ނުދެއްވާނެ ކަމަށްވެސް އަފީފު ވިދާޅުވިއެވެ.
ދެން އަފީފު ވިދާޅުވީ، "ދެން އަޅުގަނޑުމެންގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭނެ ވިޕްލައިނެއް، ނެރެފަ ބުނާނެ ވިޕްލައިނާ ހިލާފުވީއޭ، ހިލާފުވާން ވެއްޖެއްޔާ ވާނަން އަޅުގަނޑު މި މަސައްކަތް ކުރަނީ ދިވެހި ރައްޔިތުންނަށްޓަކާ އެމީހުންގެ ހައްގުތައް ރައްކާތެރިކުރުމަށް، އަޅުގަނޑަށް ވަރިހަމަ ކޮންމެ ފިޔަވަޅެއް އެޅިޔަސް އަޅުގަނޑަށް އެންމެ ރަނގަޅީ ތިޔަ ޕާލަމެންޓްރީ ގްރޫޕުން އަޅުގަނޑު ވަކިކޮށްދީފިއްޔާ،" ކަމަށެވެ.
އަފީފާ ބޮންޑޭގެ އިތުރުންވެސް ރައީސް ނަޝީދު ފެކްޝަނުގެ ހުރިހާ މެންބަރުން މި ބިލަށް ދެކޮޅު ހައްދަވައި ސަރުކާރަށް ވަރަށްބޮޑަށް ވަނީ ފާޑުވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު