ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ޝަރީއަތް ލަސްވާ ކަމަށް އިދާރާތަކުން ދައްކާ ސަބަބު ބަލައިނުގަނެވޭ ކަމަށް އެ މައްސަލަ ކުރިއަށްދާ ގޮތް މޮނީޓާ ކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައެޅުއްވި މަންދޫބު އައްބާސް ފާއިޒް ވިދާޅުވެއްޖެއެވެ.

އައްބާސް ވަނީ މިދިޔަ ހަފުތާގައި ކުރިމިނަލް ކޯޓުގެ ރަޖިސްޓާ ހުސެއިން ރަޝީދާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރައްވަމުން އައްބާސް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮމުގެ ހަމަލާގެ ޝަރީއަތް ލަސްވާތީ އެކަމުގެ ކަންބޮޑުވުން ރަޖިސްޓްރާއާ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

"މިދިޔަ ހަފުތާގައި ވަނީ ރައީސް ނަޝީދުއަށް ދިން ބޮމުގެ ހަމަލާގައި ދައުވާ ލިބޭ ފަރާތްތަކުގެ ޝަރީއަތް ލަސްވާތީ އެކަމުގެ ކަންބޮޑުވުމާ ގުޅޭގޮތުން ކުރިމިނަލް ކޯޓުގެ ރަޖިސްޓާ ހަސަން ރަޝީދުއާ ބައްދަލުކޮށްފަ. ރާއްޖޭގެ ޝަރުއީ ދާއިރާއިން އެ ޝަރީއަތް ލަސްވާކަމަށް ދައްކާ ސަބަބު ގަބޫލެއް ނުކުރެވޭ،" އައްބާސް ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެ މައްސަލައިގެ ދައުވާ ލިބޭ މީހުންގެ މައްސަލަ ބެލުމަށް ކުރިމިނަލް ކޯޓުން އެކުލަވާލި ފަނޑިޔާރުންގެ ބެންޗު އުވާލައި، އެއް ފަނޑިޔާރަކާ އެ މައްސަލަ ބަލަން ވަނީ ހަވާލުކޮށްފައެވެ.

ނަޝީދުގެ މައްސަލަ ބަލަން އެކުލަވާލި ތިން ފަނޑިޔާރުންގެ ބެންޗު އުވާލީ އެ ބެންޗަށް އެންމެ ފަހުން އައްޔަންކުރެއްވި ފަނޑިޔާރު ގާޒީ ހަސަން ސައީދު ތަނާޒުލްވުމުންނެވެ.

ގާޒީ ހަސަން ސައީދު އެ މައްސަލައިން ތަނާޒުލްވި އިރު، އެ ބެންޗުގައި ކުރިން އިންނެވި ގާޒީ އާދަމް މުހައްމަދުވެސް ވަނީ ތަނާޒުލްވެފައެވެ.

ކުރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވާނީ ގާޒީ ސޮފްވަތު ހަބީބު އެކަންޏެވެ.

ނަޝީދު އަވަހާރަކޮށްލަން ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށް ގޮއްވާލާފައިވަނީ 2020 ވަނަ އަހަރުގެ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހުއެވެ. އެ ހަމަލާގެ ސަބަބުން އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާ ވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ. އެ އަނިޔާތަކަށް ނަޝީދު ފުރަތަމަ އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ހޯއްދެވުމަށްފަހު، އިތުރު ފަރުވާ ހޯއްދެވީ ޖަރުމަނުންނާއި އިނގިރޭސިވިލާތުންނެވެ.

ނަޝީދަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން ދައުލަތުން ވަނީ ނުވަ މީހަކަށް ދައުވާކޮށްފައެވެ. އޭގެ ތެރެއިން މިހާތަނަށް ހުކުމްކޮށްފައިވަނީ ބޮން ގޮއްވުމުގައި އަމަލީގޮތުން ބައިވެރިވި އަދުހަމް އަހުމަދަށެވެ. ކުށަށް އިއުތިރާފުވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވެ، 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އެ މައްސަލައިގައި ދައުވާ އުފުލާފައިވަނީ އަނެއް އަށް މީހުންނަކީ ހއ. މޮޅަދޫ/ ބަހާރުގެ، އަބްދުﷲ އަލިމަނިކާއި ހއ. ހޯރަފުށި/ އަލަނާސިގެ، މުހައްމަދު ތަސްލީމާއި ގއ. ކޮނޑޭ ފޮޅޭމާ، ތަހުމީން އަހުމަދާއި ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި މ. ކުދެހިގޭ އިސްހާގުގެ އިތުރުން އއ. މާޅޮހު، އަސަރީގޭ މުހައްމަދު ނާޒިމް އަދި ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީގެ މައްޗަށެވެ. އެ އެންމެންގެ ޝަރީއަތް އޮތީ އިބްތިދާއީ މަރުހަލާގައެވެ.