މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ބަގީގެ ދަތުރުތައް މިމަހު 16 ގައި ފަށާނެ ކަމަށާއި ކުރިއަށްއޮތް ރަމަޟާން މަހު ބަގީން ހިލޭ ދަތުރު ކުރެވެން ހުންނާނެ ކަމަށް މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ބަގީތައް ވިލިމާލެއަށް ގެންދެވޭނެ ކަމަށާއި އަދި އޭގެ ހަފުތާއެއް ފަހުން ދަތުރުތައް ފަށާނެ ކަމަށެވެ.

"ވިލިމާލޭގައި ކައުންސިލުން ދުއްވާ ބަގީތައް ބުރާސްފަތި ދުވަހު ހަވީރު ވިލިމާލެއަށް ގެންދެވޭނެ އިންޝާﷲ. އޭގެ އެއް ހަފުތާ ފަހުން، 16 މާޗް ވާ ބުރާސްފަތި ދުވަހު ބަގީގެ ހިދްމަތް އިންޝާﷲ ފެށޭނެ. ބަގީ ރޫޓުގައި ކުރާ ދަތުރުތައް ފިތުރު އީދު ނިމެންދެން އޮންނާނީ ހިލޭ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ރޯދަ މަހުގައި ބަގީގައި އާންމު ދަތުރުތައް ހިލޭ ކުރެވުނު ނަމަވެސް "ޕްރައިވެޓް ހަޔާ" ދަތުރުތައް ކުރެވޭނީ ފައިސާ ދައްކައިގެން ކަމަށެވެ.

  • 4 ސީޓްގެ ބަގީއަކަށް 6 ރުފިޔާ
  • 6 ސީޓްގެ ބަގީއަކަށް 10 ރުފިޔާ
  • 12 ސީޓްގެ ބަގީއަކަށް 15 ރުފިޔާ

ސިޓީ ކައުންސިލުން މިމަހުގެ ދެވަނަ ދުވަހު ބޭއްވި އެ ކައުންސިލުގެ ބައްދަލުވުމުގައި ނިންމާފައިވަނީ ވިލިމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ބަގީގެ ދަތުރުތަކަށް ދެ ރުފިޔާ ނެގުމަށެވެ. ސިޓީ ކައުންސިލުން ބުނެފައިވަނީ ބަގީގެ ހިދުމަތް ކައުންސިލުން ފޯރުކޮށްދޭން އަގުތައް ކަނޑައަޅާފައިވަނީ ރައްޔިތުންނަށް ބުރަ ނުވާނެ ފަދަ ގޮތަކަށް ބަލައިގެން ކަމަށެވެ.

އުމުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރަޖިސްޓާވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން ވަނީ ދިހަ ބަގީ ގެނެސްފައެވެ. އެ ބަގީތަކުގެ ތެރޭގައި އެކި ކަހަލަ މުދާ، ލަގެޖް އަދި ފޮށިގަނޑު ފަދަ ތަކެތި އުފުލޭ ގޮތަށް ހަދާފައިވާ ދެ ބަގީ އާއި ކުއްލި ހާލަތްތަކުގައި ބަލި މީހުންނަށް ދަތުރުކުރެވޭނެ ގޮތަށް ހަދާފައިވާ އެއް ބަގީ ހިމެނޭ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.