ސިޔާސީ ބައެއް ފަރާތްތަކާއި ބައެއް ވިޔަފާރިވެރިންނަކީ، ޑްރަގް ޓްރެފިކު ކުރާ މީހުންނާއި ގޭންގު ކުށްތަކާ ގުޅުން އޮންނަ ކަމަށް ތުހުމަތުވާ ފަރާތްތަކެއް ކަމަށާއި، އެފަދަ ފަރާތްތަކުގެ ތަފްސީލުތައް ރައްޔިތުންގެ މަޖިލީހަށް ގެންނަވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދުގެ ޖަލްސާގައި ބައެއް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ސިޔާސީ ބައެއް ބޭފުޅުންނާއި ވިޔަފާރިންނާއި ބައެއް މުއައްސަސާތަކުގެ އިސްވެރިން، ބައެއް ޑްރަގް ނެޓްވޯކުތަކާ ގުޅުން އޮންނަ ކަމަށެވެ. އެ މީހުންގެ ނަންތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ، (241 ކޮމިޓީ) އާ ހިއްސާކުރައްވާނެ ކަމަށް ވެސް އިމްރާން ވިދާޅުވިއެވެ. އެ ފަރާތްތަކުގެ ވާހަކަ ބުނަން ޖެހޭ ހިސާބަށް ދިއުން އެކަން ހާމަ ކުރައްވާނެ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.

"އޭގެ ތެރެއިން ކަންކަން ބެލި ހާމަވެގެންގޮސް، އިއްޒަތްތެރި ރައީސް އަޅުގަނޑު ގެނަސްދޭނަން މަޖިލީހާ ހަމައަށް އިރާދަ ކުރެއްވިއްޔާ، މަޖިލީހުގެ 241 ކޮމިޓީއަށް މަޖިލީހާ ހަމައަށް އަޅުގަނޑު ގެންނާނަން އެކަންތައް، ދެން އާއްމު ގޮތެއްގައި މިކަހަލަ މަޖިލީހެއްގެ ތެރޭގައި އެކަންކަން ދާން ޖެހޭ ހިސާބަށް ގޮސް ނުނިމެނީސް ބުނުން އެއީ ހަމަ އެންމެ ރަނގަޅު ގޮތް ނޫން ކަަމަށް އަޅުގަނޑު ހިތުން ގިނަ ބޭފުޅުން އަދި އިއްޒަތްތެރި ރައީސްވެސް ގަބޫލު ކުރައްވާނެ،" އިމްރާން ވިދާޅުވިއެވެ. އެފަދަ ކުށްތަކުގައި، ސިޔާސީ ބައެއް ބޭފުޅުންނާއި ބައެއް ވިޔަފާރިވެރިން ބައިވެރިވާކަމަށް، އިމްރާން ވިދާޅުވުމަކީ، މަޖިލީހުގެ ހުރިހާ މެންބަރުންނާއި، ހުރިހާ ސިޔާސީ ބޭފުޅުންނަށް ތުހުމަތު ކުރެވުނު ކަމެއް ކަމަށާއި، ރާއްޖޭގެ ހުރިހާ ވިޔަފާރިވެރިންނަށްވެސް އެ ތުހުމަތު ކުރެވޭކަމަށް، މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން، މިނިސްޓަރު ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި، ޑްރަގް ނައްތާލަން ފުލުހުން ދޫނިދޫގައި ބޭއްވި ރަސްމިއްޔާތެއްގައިވެސް، މަސްތުވާތަކެތީގެ މައްސަލަތަކުން ނާޖާއިޒް ފައިދާ ނަގަމުންދާ ވަކިވަކި ސިޔާސީ މީހުން އެބަތިބި ކަމަށް އިމްރާން ވިދާޅުވިއެވެ. ނަމަވެސް އެފަހަރުވެސް އެއީ ކޮން ބައެއް ކަމެއް ވިދާޅެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ، ދައުލަތުގެ އެއްވެސް މީހަކު އެ ކަންކަމުގައި ބައިވެރިވުމަކީ، ގައުމަށް ވަރަށް ބޮޑަށް ގެއްލުންވާނެ ކަމެއް ކަމަށާއި އެ ފަރާތްތަކާ އަރާ ހަމަކުރަން ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

"ރާއްޖޭގައި ހާއްސަކޮށް މަސްތުވާތަކެއްޗާއި ގޭންގުތައް ހިންގުމުގެ ކުށުގައި ބައިވެރިވާ ފަރާތްތަކަށް ލިބެން ޖެހޭ އަދަބަށް އަޅުގަނޑުމެންގެ ފަރާތުން އެއްވެސް ލުޔެއް ލިބޭނެގޮތެއް އިރާދަ ކުރެއްވިއްޔާ މެދުވެރިއެއް ނުވާނެ" އިމްރާން ވިދާޅުވިއެވެ.