އެކި ކުށްތަކުގައި ބައެއް ފުލުހުން ބައިވެރިވާކަން ފާހަގަ ކުރެވޭ ކަމަށާއި، އެފަދަ ފަރާތްތަކަށް ފިޔަވަޅު އަޅަމުން އަންނަ ކަމަށާއި، އެ ފިޔަވަޅުތަކުގެ ތެރެއިން ބައެއްމީހުން ވަޒީފާއިން ވަކިކޮށްފައިވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މިނިސްޓަރުންނާ ސުވާލު ކުރުމުގެ ވަގުތުގައި، ގޭންގު ކުށް ތަކާއި ޑްރަގް ޓްރެފިކިންގެ މައްސަލަތަކުގައި، ފުލުހުންގެ ބައިވެރިވުން ހިމެނޭ ވާހަކަ ތަކުރާރުކޮށް އަޑުއިވޭއިރު، އެކަން ފާހަގަ ވާވަރަށް ބެލިފައިވޭތޯ، އާއި އެފަދަ ފަރާތްތަކަށް ކިހާވަރަކަށް ފިޔަވަޅު އެޅިފައިވޭތޯ، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެފަދަ ކުއްތަކުގައި ބައެއް ފުލުހުން ހިމެނޭ ކަމަށެވެ.
"މިދަންނަވާ ބައިގެ ތެރޭގައި ފުލުހުންގެ ތެރެއިން ބައެއް ފަރުދުން ހިމެނޭ، އަޅުގަނޑުމެނަށް އެކަން އެނގޭ، އެކަމަށްޓަކައި އަޅުގަނޑުގެ އަތުން ސޮއިކޮށް، އެތައް ފުލުހުންނެއް ވާނީ ކަނޑާލައިފަ، އަދަދު އަޅުގަނޑު ހާމަ ކުރާނަން، ހާމަކުރަންވާ ހިސާބަަށް ދިޔައިމަ،"
އޭގެ އިތުރުން އެފަދަ މައްސަލަތަކުގައި، އެތައް ފުލުހުންނަކަށް އެނޫން ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، އެކަންކަމުގައި އިންވޯލްވާ މިންވަރާމެދު ޝައްކު އުފެދޭ ފަރާތްތައް، ޑީމޯޓްކޮށްފައިވާނެ ކަމަށާއި، ބައެެއް ފަރާތްތައް އެފަދަ ކަމެއް ނުހިންގޭފަދަ ޔުނިޓުތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، އެ މައްސަލަތަކަކީ އެންމެ އިސްކަންދީގެން ބަލާ މައްސަލަތައް ކަމަށެވެ.
"އެއްމެ ސީރިއަަސްކޮށް އަޅުގަނޑު ބަލާއެއްކަންތައް އެއީ ފުލުހުންގެ ތެރޭގައި އެފަދަ ކަމަކަށް އަރައިގަންނަ އެއްވެސް މީހަކު ހުރިތޯ ބެލުން، އެކަމެއް އެނގިއްޖެނަމަ ވަގުތުން ފިޔަވަޅު އަޅާނަން، އަޅުގަނޑު ކައުންސިލްތަކާ ބައްދަލުވާއިރުވެސް ދަންނަވަން ތިބޭފުޅުންނަށް ވަކި ފުލުހަކު މީގެ ކަމެއްގައި ޝާމިލުވާކަން ސީދާ އެނގޭކަމަށްވާނަމަ އެހެން ފަރާތަކަށް ނާންގާ ސީދާ އަޅުގަނޑަށް އަންގާށޭ، އަޅުގަނޑު އެކަން ބަލައިފަ އަޅުގަނޑު އެކަމަށް ފިޔަވަޅު އަޅާނަމޭ، ތީގެން ބޭފުޅަކުވެސް އެކަން އެނގިވަޑައިގަންނަވަންޏާ އަޅުގަނޑަށް އަންގައިދެއްވާ އޭގެ ކަމެއް އެއްވެސް ފުލުހއްގެ މައްޗަށް ސާބިތުވެއްޖެނަމަ އެ ފުލުހަކީ އެޒިންމާ އަދާކުރަން ހުރުން އެކަށީގެންނުވާ މީހެއް، އޭނަގެ މައްޗަށް އަޅަން ޖެހޭ ފިޔަވަޅު އަޅުގަނޑުމެން އަޅާނަން،"
ޚަބަރު
ޚަބަރު
ޚަބަރު