ސަރުކާރު ހިންގަވާން ތިއްބަވާ ވެރީންގެ ރުޅިވެރިކަން އަމާޒުވެއްޖެނަމަ ކިތަންމެ ބޮޑު އާލިމަކަސް، ކިތަންމެ ބޮޑު މަގާމެއް އަދާކުރި މީހަކަސް، އަދި ގައުމަށާއި ދީނަށް ކިތަންމެ ބޮޑު ޚިދުމަތެއްކުޅަ މީހަކަސް، އެއީ އެއްވެސް މީހަކަށް ނުވާގޮތަށް ހައިސިއްޔަތު ނިކަން ބޮޑަށް ތިރިކޮށްލައެވެ. ދިވެހި ތާރީޚުގެ ސަފުހާތަކަށް ނަޒަރު ހިންގައިލީމާ މިފަދަ ހާލަތު މެދުވެރިވި ބައެއް ޚިދުމަތްތެރިން ފެންނާނެއެވެ. ގައުމީ ފެންވަރުގެ ޚިދުމަތްތެރިންނެވެ. އަދިކިޔެއްތަ، ދުނިޔޭގެ ފެންވަރުގެ ޚިދުމަތްތެރިންނެވެ. މިފަދަ އެއްބޭފުޅަކީ އައްޝައިޚު އަލްފަގީހު މުހައްމަދު ޖަމާލުއްދީނެވެ. ދިވެހީންގެ ގިނަބަޔަކަށް އެނގި ދަސްވެފައިވަނީ ނާއިބު ތުއްތުގެ ނަމުންނެވެ. އީސަދަރިއޭވެސް ކިޔައެވެ. އަސްލު ނަންފުޅަކީ މުހައްމަދެވެ. ޖަމާލުއްދީނަކީ އުއްތަމަ ފަނޑިޔާރުކަން ކުރެއްވީމާ ފަނޑިޔާރުގެ ލަގަބު ނަންފުޅެވެ.
ތުއްތުއަކީ އާއިލާގެ ތެރޭގަޔާއި ރަހުމަތްތެރިންގެ ތެރޭގައި އޭނާގެ ޒުވާންދުވަސްވަރު ވަނަމެއްގެ ގޮތުގައި މުޚާތަބު ކުރެވުނު ނަމެވެ. ނާއިބުތުއްތުއަކަށްވީ އަލްގާޒީ މޫސާ ބަދުރުއްދީނުގެ ފަނޑިޔާރުކަމުގެ ޒަމާނުގައި އަދި މުސްކުޅި ބަންޑާރައިންގެ ރަސްކަމުގެ ދައުރުގެ ފަހުކޮޅު ދީނީ ކަންކަމަށް މީސްތަކުންނަށް އިރުޝާދު ދިނުމާއި ފަނޑިޔާރު ތަކުރުފާނުގެ އެހީތެރިއެއްގެ މަސައްކަތުގެ ޒިންމާ އެކުލެވޭ ނާއިބުކަން ކުރެއްވުމުގެ ސަބަބުން އެހިސާބުންނެވެ. އޭގެފަހުން އެއްފަހަރަށްވުރެ ގިނަފަހަރު ފަނޑިޔާރުކަން ކުރައްވައި އެމަގާމުގެ ކޮލިނަންފުޅެއް ލިބިވަޑައިގެން ހުންނެވުމާއެކުވެސް ނާއިބުތުއްތުގެ ނަމުން ނުވަތަ އީސަދަރީގެ ނަމުން މުޚާތަބު ކުރެވެނީ ސަރުކާރު ހިންގަވާން ތިއްބެވި ވެރީންގެ ނުރުހުން އިންތިހާއަށް އަމާޒުވުމުގެ ސަބަބުންނެވެ. ހައިސިއްޔަތު ކުޑަކުރުމުގެ ނިޔަތެއްގައެވެ.
ދިވެހިރާއްޖޭގައި ފަނޑިޔާރުކަން ކުރެއްވި ގިނަ ބޭފުޅުންނަކީ ފަނޑިޔާރުކަމަށް އައްޔަންވުމުގެ ކުރީގައި ކޮންމެވެސް ނާއިބުކަމެއް ނުވަތަ ބޮޑުނާއިބުކަން ކުރައްވާފައިވާ ބޭފުޅުންނެވެ. އެބޭފުޅުންގެ ނަންފުޅުގެ ކުރިއަށް ނާއިބު ލައިގެން މުޚާތަބު ކުރެވުނީ އެބޭފުޅުން ނާއިބުކަމުގައި ތިއްބެވި ދުވަސްވަރުއެވެ. ފަނޑިޔާރުކަމަށް އައްޔަންވެ މަގާމުގެ ކޮލިނަންފުޅެއް ލިބިވަޑައިގަތީމާ ދެން އެހިސާބުން އަވަހާރަވުމާ ހަމައަށްވެސް އަދި އޭގެފަހުންވެސް ބޭނުންކުރެވެނީ ކޮލީ ނަންފުޅެވެ. މީގެ މިސާލަކީ މަޖުދުއްދީނެވެ. ބަދުރުއްދީނެވެ. ސިރާޖުއްދީނާއި ބަހާއުއްދީނެވެ. ތާޖުއްދީނާއި ސަލާހުއްދީނެވެ. މީގެތެރޭގައި ނާއިބުކަން ނުކުރައްވާ ހަމައެންމެ ބޭފުޅަކުވެސް ނެތެވެ. އެކަމަކު ސަލާހުއްދީނަށް ނާއިބު ހުސައިންދީދީއެކޭ ނުކިޔައެވެ. ބަދުރުއްދީނަކަށް ނާއިބު މޫސާތަކުރެކޭވެސް ނުކިޔައެވެ.
މިދެންނެވި އުސޫލާއި ހަމައިން މުހައްމަދު ޖަމާލުއްދީން ފަނޑިޔާރު ތަކުރުފާނު އިސްތިސްނާވާންޖެހޭ ސަބަބެއް ނެތެވެ. އޮތިއްޔާ އޮތް ސަބަބަކީ ހުރަވީ ބޮޑުން ނުރުއްސަވާ ބޭފުޅަކަށްވުމެވެ. އެހެންވީމާ މިލިޔުމުގައި އަޅުގަނޑު ނާއިބުތުއްތުއެކޭ ނުލިޔާނަމެވެ. ލިޔާނީ އައްޝައިޚު މުހައްމަދު ޖަމާލުއްދީނު، މިހެންނެވެ. ޝައިޚު މުހައްމަދު ޖަމާލުއްދީނަކީ އެމަނިކުފާނުގެ މައްޗަށް ތިއްބެވި ވެރިންގެ ކުޅިސަމާއަށް ނައްޓަވައި އެ ވެރިން ވިދާޅުވާހާ އެއްޗަކަށް އެބޭފުޅުންގެ ކުރިފުޅުމަތީގައި ގުދުވެ އާދެ މަސާހިބު ދަންނަވައި ހިހޫތަނުން ފަރިއްކުޅުއްވަން ބޭނުންފުޅުވި ބޭފުޅެއްނޫނެވެ. އެކަމުގެ ސަބަބުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ބޮޑެތި ދެރަޔާއި ގެއްލުމަށް ކެތްތެރިވެވަޑައިގެން އެގޮތުގައި ހުންނަވައި ދުނިޔެ ދޫކުރެއްވީއެވެ.
މުހައްމަދު ޖަމާލުއްދީނަކީ ފުވައްމުލަކު ކޮއްކިރި އެދުރުކަލޭގެފާނުގެ، ދަޑޮފީށެ އަލިތައްޚާނުގެ، މައިގޭ މުހައްމަދު ތައްޚާނުގެ، މައިގޭ އަލިތައްޚާނުގެ މައިގޭ ޚަތީބު މުހައްމަދު ތައްޚާނުގެ، މައިގޭ ކުޑަ އަލިތައްޚާނުގެ، އެޅަތޮށިގޭ މުހައްމަދު ތައްޚާނުގެ، އީސާ ތައްޚާނުގެ ދަރިކަލުންނެވެ. އެގޮތުން އީސަގެ ދަރިޔަކަށްވަނީއެވެ. މި އީސައަކީ ގާޒީ އިބްރާހިމް ސިރާޖުއްދީނުގެ ފަނޑިޔާރުކަމުގެ ދުވަސްވަރު މާލޭ ބޮޑު ނާއިބުކަން ކުރެއްވި އިލްމުވެރިޔެކެވެ. ޖަމާލުއްދީނުގެ މައިކަނބަލަކީ މާލޭ ފުއްލާގޭ މަރިޔަމްފުޅެވެ. ޖަމާލުއްދީނު ދާދި ތުއްޕުޅުއިރު ބަފައިކަލުން އަވަހާރަވެއްޖެއެވެ. މައިކަނބަލުން މަރިޔަމްފުޅު ދެން ކައިވެނި ބެއްލެވީ އައްނާއިބު ދަނބުގޭ އަހުމަދުދީދީއާއެވެ. މިއީ ގާޒީ އިބްރާހިމް ސިރާޖުއްދީނުގެ އެންމެ ދޮށީ ދަރިކަލުންނެވެ. ޖަމާލުއްދީނު ބޮޑުފުޅުވީ އަހުމަދުދީދީގެ އަރިހުގައި ހުންނަވައިގެންނެވެ.
މުހައްމަދު ޖަމާލުއްދީނުގެ އެންމެ ފުރަތަމަ އުސްތާޒަކީ ދޮންބަފައިކަލުން އައްނާއިބު އަހުމަދުދީދީއެވެ. އެއަށްފަހު ގާޒީ މުހައްމަދު މުހިއްބުއްދީނުގެ އަރިއަހުންނެވެ. ދެން ގާޒީ އިބްރާހިމް މަޖުދުއްދީނާއި ގާޒީ މޫސާ ބަދުރުއްދީނުގެ އަރިއަހުންނެވެ. ސިލޯނުގެ ބޭރުވެލީގައި އައްލާމާ މުސްތަފާ ބިން ބާވާގެ އަރިހުން އިލްމު އުނގެނިވަޑައިގަތެވެ. އޭގެފަހުން މައްކާއަށް ވަޑައިގެން އައްލާމާ އައްސައްޔިދު އަހުމަދު ޒައިނީ ދަހުލާނުގެ އަރިއަހުން ދަރިވަރުވެވަޑައިގެންނެވިއެވެ. އަދި އައްސައްޔިދު އުމަރު އަލްޔަމަނީގެ އަރިއަހުންވެސް އުނގެނިވަޑައިގަތެވެ. ކޮންމެއަކަސް އެދުވަސްވަރު މުހައްމަދު ޖަމާލުއްދީނަށްވުރެ ބޮޑަށް އުނގެނިވަޑައިގެން ހުންނެވި އެހެން އާލިމެއް މިރާއްޖެއަކު ނެތެވެ. މިރާއްޖޭގެ އިލްމުގެ ކުރިބޯއްޓަކީ އެތަކުރުފާނެވެ.
(ނުނިމޭ)