ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ކަމާއި ކޯލިޝަން ހެދުމަށް މަޝްވަރާ ކުރުމުގެ ބާރު އެ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމަށް ދީފި އެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީން ވާދަކުރަން އެ ޕާޓީގެ ކޮންގްރެސް އިން ވަނީ ކައުންސިލަށް ލަދާ ދީފައެވެ. ރިޔާސީ އިންތިހާބާ މެދު ގޮތެއް ނިންމުމުގެ ބާރު ދީފައި އޮންނަނީ އެ ޕާޓީގެ ކައުންސިލަށެވެ.
ނަމަވެސް މިއަދު ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ކައުންސިލް މެމްބަރު މުހައްމަދު ނާޒިލް ވަނީ ކައުންސިލަށް ގަރާރެއް ހުށަހަޅައިފައެވެ.
"ރިޔާސީ ކެންޑިޑޭޓާއި ކޯލިޝަނެއް ހަދަން ޖެހިއްޖެ ހިނދެއްގައި އެކަމުގެ މަޝްވަރާތައް ކުރުމުގެ ބާރާއި އިހުތިޔާރު ޕާޓީގެ ލީޑަރަށް ދިނުމަކީ ޕާޓީގެ މަސްލަހަތު އެންމެ ރައްކާތެރި ކުރެވޭނެ ގޮތް ކަމަށް އަޅުގަނޑަށް ފެންނަ ހިނދު އެ ބާރާއި އިހުތިޔާރު ޕާޓީގެ ލީޑަރު އޮނަރަބަލް ގާސިމް އިބްރާހީމަށް ދިނުމަށް އަޅުގަނޑު ހުށަހަޅަމެވެ،" ނާޒިލްގެ ގަރާރުގައިވެއެވެ.
ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުން އެ ގަރާރު ފާސްކުރުމުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަކުރަން ނުވަތަ އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ނިންމުމުގެ ބާރު ގާސިމަށް ވަނީ ލިބިފައެވެ.
ގާސިމްގެ މަންދޫބު އަދި އޭނާގެ އެޑްވައިޒަރު އިލްހާމް އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ, ގާސިމަށް އެ ބާރު ދޭން ނިންމި ނަމަވެސް, އެކަމާ މެދު މަޝްވަރާތައް ކޮށް ވިސްނެވުމަށްފަހު ރިޔާސީ އިންތިހާބާ ގުޅޭގޮތުން ގާސިމް ނިންމަވާ ގޮތެއް ކައުންސިލަށް ހުށަހަޅުއްވާނެ ކަމަށެވެ.
ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބުކުރެއްވުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކުރައްވަމުން ގެންދަވާ އިރު, އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އެ މަނިކުފާނު ވަނީ ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޕާޓްނަރުންގެ އިތުރުން އެމްޑީއޭއަށް ދައުވަތު ފޮނުއްވައިފައެވެ.
ރައީސް ސޯލިހު ފޮނުއްވެވި ދައުވަތު މިހާތަނަށް ގަބޫލުކޮށްފައިވަނީ އަދާލަތާއި އެމްޑީއޭއިންނެވެ. ދެން ހުރި ޕާޓީތަކުން އެކަމާ މެދު އަދި ގޮތެއް ނުނިންމައެވެ.
ސިޔާސީ
ސިޔާސީ
ސިޔާސީ
ސިޔާސީ