ތެޔޮ ބޯޓަކުން ގެއްލުނު ބަންގްލަދޭޝްގެ މުހައްމަދު ލިޓޮން، 35އ ގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ގދ. ތިނަދޫ/ މަނާރު، މުހަައްމަދު ނިޒާމު 45އ ގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ވަގުތެއްގައި ފިއުލް ޕަވާ ކުންފުނީގެ "ހޭދަކުރި" ދޯނީގައި ލިޓޮން އަދި ނިޒާމު ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު ކަނޑުމައްޗަށް ގެއްލިގެން ރިޕޯޓުކޮށްފައި ވަނިކޮށް ނިޒާމް ވަނީ މާލޭގައި އުޅެނިކޮށް ހައްޔަރުކޮށްފައެވެ. އެކަމަކު ލިޓަން އަދިވެސް ނުފެނެއެވެ.
އޭނާ ހައްޔަރުކުރީ ލިޓޮން މަރާލިކަމުގެ ތުހުމަތުގައެވެ. ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، ނިޒާމު، ލިޓޮން މަރާލާފައިވަނީ އޭނާއަށް ނޭނގި ހުއްޓައި ކ. ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް މޫދަށް އޭނާ ކޮށްޕާ ވައްޓާލައިގެން ކަމަށެވެ. އެކަން ހިނގީ 28 ޑިސެމްބަރު 2020ގެ ރޭ 7 އާއި 8:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށްވެސް ބުންޏެވެ.
އެ މައްސަލާގައި ނިޒާމުގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލައިފައެވެ. އެއީ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ ދައުވާއާއި ވައްކަމުގެ ކުށުގެ ދައުވާއާއި ޑައިމޯފިނުން މުއާމަލާތްކުރުމުގެ ދައުވާއެވެ. އެ ދައުވާތައް ސާބިތުވެއްޖެނަމަ 35 އަހަރު ދުވަހަށް ވުރެ ބޮޑު ޖަލު ހުކުމެއް އޭނާއަށް އަންނާނެއެވެ.
ވައްކަންކުރުމުގެ ކުށުގެ ދައުވާ ނިޒާމުގެ މައްޗަށް ކުރީ "ހޭދަކުރި" ދޯނީގައި ހުރި ލިޓޮންގެ 51،000 ރުފިޔާ އޭނާ ވަގަށް ނަގާފައިވާތީއެވެ. ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާ އުފުލީ ލިޓޮން ގެއްލުނު މައްސަލައިގެ ތަހުގީގު ތެރެއިން ނިޒާމު ދިރިއުޅޭ ގެ ކަމަށްވާ މއ. ޝާދީވިލާ ބަލައިފާސްކުރުމުގެ ތެރެއިން 3.2 ގްރާމް ޑައިމޯފިން ފެނިފައިވާތީއެވެ.
ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ނިޒާމު މަސްތުވާތަކެތި ގަނެފައިވަނީ ދޯނިން ވަގަށް ނެގި ފައިސާއިން ކަމަށް ތުހުމަތުކުރެވެއެވެ.
ނިޒާމު ފުރަތަމަ ހައްޔަރުކުރީ ޖެނުއަރީ މަހުގެ ތިން ވަނަ ދުވަހުއެވެ. އޭނާގެ ބަންދަށް ފުރަތަމަ ޖެހީ ދެ މަސް ދުވަހެވެ. އެ މުއްދަތު ހަމަވުމުން ކްރިމިނަލް ކޯޓަށް އިއްޔެ އޭނާ ހާޒިރުކުރުމުން ގާޒީ އާދަމް މުހައްމަދު ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިދީފައެވެ.
ދައުލަތުން ޝަރީއަތުގައި އެދިފައިވަނީ ނިޒާމު ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ. ނަމަވެސް ނިޒާމުގެ މައްޗަށް މިހާރު ދައުވާ އުފުލައިފައިވާތީ ގާޒީ ނިންމެވީ އެކަމާމެދު ގޮތެއް ނިންމުމަށް އެންމެ އެކަށީގެންވަނީ ނިޒާމްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ކުރިއަށްގެންދާ ފަނޑިޔާރު ކަމަށެވެ.
"މި އަމުރުގެ މުއްދަތު ހަމަވުމުގެ ކުރިންވެސް. މައްސަލައިގެ ޝަރީއަތުގެ މަޖިލީހެއް ބާއްވައި އެ މަޖިލީހުގައި ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށް ޕީޖީއަށް އެދެވިދާނެ" ގާޒީ އާދަމް ވިދާޅުވިއެވެ.
ނިޒާމުގެ ބަންދު އަމުރުން އެނގޭ ގޮތުގައި އާނާގެ މައްޗަށް އެކަށީގެންވާ ހެކި ގަރީނާ ހުށަހަޅައިފައިވެއެެވެ. އެގޮތުން ތަހުގީގު މަރުހަލާގައި އޭނާ ވެފައިވާ އިގުރާރާއި ހެކީންގެ ބަޔާންތަކާއި ސީސީޓީވީ ފުޓޭޖް ސްނެޕް ޝޮޓްތަކެއް ހުށަހަޅައިފައިވެއެެވެ.
ނަމަވެސް ނިޒާމްގެ ފަރާތުން ވަނީ އޭނާއާ ދެކޮޅަށް އެކަށީގެންވާ ވަރުގެ ހެކި ގަރީނާ ނެތް ކަމަށް ބުނެފައެވެ. އެގޮތުން ކުށުގެ އަމަލު ހިންގި ގޮތް ދައުލަތަށް ބުނެ ނުދެވޭ ކަމަށާއި ލިޓޮންއަކީ މަަރުވެފައިވާ ފަރާތެއްކަން އަދި ސާބިތުނުވާ ކަމަށް ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު