ރޭ ދަންވަރުގެ ވަގުތެއްގައި ކަނޑުމަތީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި އަނދައި ހުލިވި އާގަލާ ބޯޓުން ސަލާމަތްވި 14 މީހުން މ. މުއްޔަށް ގެންގޮސްފައިވާ އިރު، ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ދެންމެ ބުނެފިއެވެ.

އެމްއެންޑީއެފުން ބުނާ ގޮތުން، އާގަލާ ބޯޓުގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބުނީ ރޭ ދަންވަރު 2:47ގައެވެ. އޭރު އެ ބޯޓުގައި 15 މީހުން ތިއްބެވެ. އެއީ ފަސް ދިވެހިންނާއި އިންޑިއާގެ ފަސް މީހުންނާއި ބަންގްލަދޭޝްގެ ފަސް މީހެކެވެ. އޭގެ ތެރެއިން އެކަކު ގެއްލިގެން ހޯދަމުންދާއިރު، އަނެއް 14 މީހުން ސަލާމަތްކޮށް މިހާރު ވަނީ މ. މުއްޔަށް ގެންގޮސްފައެވެ.

އެމްއެންޑީއެފުން ބުނީ ގެއްލިގެން ހޯދަމުންދަނީ އިންޑިއާ އަށް ނިސްބަތްވާ މީހެއް ކަމަށާއި އެމީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން ކުރަމުންދާ ކަމަށެވެ.

ސަލާމަތްވި 14 މީހުން މުލީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް އެމްއެންޑީއެފުން ބުނި ނަމަވެސް އެ ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ނާފިޒް "ވަން" އަށް މިއަދު ވިދާޅުވީ އެއްވެސް މީހަކު އެ ހޮސްޕިޓަލަށް ގެންގޮސްފައި ނުވާ ކަމަށެވެ. އެ މީހުން ތިބީ ކައުންސިލުގެ ބެލުމުގެ ދަށުގައި ކަމަށްވެސް ވިދާޅުވިއެވެ.

މުލީ ކައުންސިލް މެމްބަރު އަހުމަދު ސާކިފް "ވަން" އަށް މިއަދު ވިދާޅުވީ އާގަލާ ބޯޓުން ސަލާމަތްވި މީހުންނަށް ކައުންސިލްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ.

"މި ވަގުތު އެބަ ތިބި ފަސް ދިވެހިންނާއި އިންޑިއާގެ ހަތަރު މީހަކާއި ބަންގްލަދޭޝްގެ ފަސް މީހަކު. އެންމެންގެ ހާލުވެސް ރަނގަޅު. ފަރުވާ ދޭންޖެހޭ ފަދަ ހާލަތެއްގައި އެއްވެސް މީހަކު ނެތް. މި ވަގުތު ތިބީ ފެންވަރައިގެން އައިސް ސައިބޯން. އަޅުގަނޑުމެންނަށް ވެވުނު އެހީތެރިކަމެއް ވެދޭނަން," އޭނާ ވިދާޅުވިއެވެ.