މިއަހަރުގެ ރަމަޟާން މަހަށް ރާއްޖެއަށް 50 ޓަނު ކަދުރު ހަދިޔާކުރާނެ ކަމަށް ސައުދީ އަރަބިއްޔާ ސަރުކާރުން އަންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ކުރި ޓުވީޓެއްގައި ބުނީ ކަދުރުތައް ލިބުމުން ކަދުރުތައް ބެހުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

"މިއަހަރު ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ލިބޭނެ ކަމަށް ސައޫދީ ސަރުކާރުން ވަނީ އަންގަވާފައި. މިނިސްޓްރީއަށް ކަދުރު ލިބުމުން ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި،" އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ސައުދީން މިދިޔަ އަހަރުގެ ރޯދަ މަހުވެސް ރާއްޖެއަށް ދީފައިވަނީ 50 ޓަނުގެ ކަދުރެވެ. އެފަހަރު ކަދުރު ލިބިފައިވަނީ އެހެން އަހަރުތަކާ އަޅައިބަލާއިރު ލަހުންނެވެ.

2021 ވަނަ އަހަރު ސައުދީން ރާއްޖެއަށް ދީފައިވަނީ 25 ޓަނު ކަދުރެވެ. އެ ކަދުރުތައް ބަހާފައިވަނީ ފަގީރުންގެ ލިސްޓުގައި ނަން ނޯޓުކޮށްފައިވާ މީހުންނަށާއި ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށާއި މީހުންނަށެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހުވެސް ސައުދީން ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ. އެ ކަދުރުތައް ބަހަނީ އިސްލާމިކް މިނިސްޓްރީން އެކުލަވާލާފައިވާ އުސޫލެއްގެ ތެރެއިންނެވެ.