އއ. އަތޮޅުގައި ހިންގާ ކުރަމަތި ރިސޯޓުގައި މޫދަށް އެރުނު ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
މަރުވެފައިވަނީ ޖަރުމަންވިލާތުގެ 62 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވެގެން އެ ރަށު ގޮނޑުދޮށަށް ލައްވެފައި އޮއްވައި ފެނުމުން ވަނީ އއ. ރަސްދޫގައި ހުންނަ އެ އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެ ހޮސްޕިޓަލްގެ މެނޭޖަރު އަލީ ރިޔާޒް "ވަން" އަށް މިރޭ ވިދާޅުވީ އެ ޓޫރިސްޓު މީހާ ހޮސްޕިޓަލަށް ގެނެސްފައިވަނީ މިއަދު މެންދުރު ފަހު ކަމަށާއި އޭނާ ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ.
"ގެނބިގެން ގެނައި މީހެއް. މަރުވެފައި ވަނީ ގެނައި އިރުވެސް ހަށިގަނޑު އެއްވެސް ޒަހަމެއް ނުވަތަ އެ ނޫންވެސް ކަމެއް ހުރިކަން ފާހަގަ ކުރެވިފައެއް ނުވޭ" އޭނާ ވިދާޅުވިއެވެ.
އެ ހާދިސާގެ މައުލޫމާތު ފުލުހުންނާ ހިއްސާ ކޮށްފައިވާ އޭނާ ބުންޏެވެ.
އެކަމާ ބެހޭ އިތުރު މައުލޫމާތު ހޯދަން "ވަން" އިން ފުލުހަށް ގުޅުމުން ބުނީ މައުލޫމާތު ސާފު ކުރުމަށްފަހު ހިއްސާ ކުރާނެ ކަމަށެވެ.