ކްރިސްޓިއާނޯ ރޮނާލްޑޯ

ބިންހެލުމުގައި ހާލުގައި ޖެހުނު ތުރުކީ އާއި ސީރިއާގެ ރައްޔިތުންނަށް ރޮނާލްޑޯގެ އެހީގެ ފްލައިޓެއް

ތުރުކީ އާއި ސީރިއާގެ ސަރަހައްދުތަކަށް އައި ބާރުގަދަ ދެ ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ހާއްސަ ފްލައިޓެއް ފޮނުވައިފިއެވެ.

ނޫސްތަކުން ބުނެފައި ވަނީ ރޮނާލްޑޯ ފޮނުވި އެހީތެރިކަމުގެ ފްލައިޓްގައި ޓެންޓް، ބަތް ޕާރުސަލްގެ އިތުރުން ބާލީހާއި ފިނިން ރައްކާތެރިވާނެ ރަޖާގެ އިތުރުން ކުޑަކުދިންނަށް ކާންދޭ ހާއްސަ ބާވަތްތަކުގެ ކާނާ އާއި ކިރު ޕެކެޓް އަދި ސިއްހީ ފަރުވާއެއް ބޭނުންވާ ސާމާނުވެސް ހިމެނޭ ކަމަށެވެ.

ރޮނާލްޑޯގެ ފަރާތުން ހާއްސަ ފްލައިޓެއް މިހާރު ސީރިއާ އާއި ތުރުކީގެ ސަރަހައްދަށް ފޮނުވާފައިވާ އިރު، ރޮނާލްޑޯ ވަނީ މީގެ ކުރިންވެސް ސޯޝަލް މީޑިއާގައި ހާލުގައި ޖެހުނު އާއިލާތަކުގެ ހިތާމައިގައި ބައިވެރިވާ ކަމަށް ބުނެ ހާއްސަ މެސެޖެއް ދީފައެވެ.

ރޮނާލްޑޯ މެންޗެސްޓާ ޔުނައިޓެޑަށް ކުޅުމަށްފަހު މިދިޔަ އަހަރު ފަހުކޮޅު ސައުދީ އަރަބިއާ ލީގުގެ އަލް ނަސްރަށް ބަދަލުވެފައިވާ އިރު، އަރަބި ދުނިޔޭގެ ގައުމުތަކުގައި އޭނާގެ މަގުބޫލުކަން މިހާރު ވަނީ ކުރިއަށް ވުރެވެސް އިތުރުވެފައެވެ.

މިދިޔަ މަހުގެ ހަވަނަ ދުވަހު ތުރުކީއަށާއި ސީރިއާގެ ބައެއް ހިމެނޭހެން އައި ބިންހެލުމުގައި ދެގައުމުން 50،000 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އަލް ޖަޒީރާއިން ވަނީ ރިޕޯޓު ކޮށްފައެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި 1.5 މިލިއަން މީހުންގެ ގެދޮރު ގެއްލި، އެތައް އާއިލާއެއް ވަނީ ބިކަވެފައެވެ.

ބިންހެލުމާ ގުޅިގެން އުރުދުޣާން ވަނީ ތުރުކީގައި ތިން މަސް ދުވަހަށް ކުއްލި ހާލަތުވެސް އިއުލާންކުރައްވައިފައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވަނީ އެ ގައުމުގެ ދިހަ ސިޓީއަކަށެވެ.

ތުރުކީގެ ބިންހެލުގައި އެގައުމުގެ ލީގުގައި ކުޅެމުންދާ ހަޓޭސްޕޯގެ ފޯވަޑް ކްރިސްޓިއަން އަޓްސޫވެސް ވަނީ މަރުވެފައެވެ. ގެއްލުނުތާ ދުވަސްތަކެއް ފަހުން އަޓްސޫ އިމާރާތެއްގެ ދަށުން ފެނުނުކަން އޭނާގެ އެޖެންޓް ވަނީ ޔަގީންކޮށްދީފައެވެ. އޭގެ އިތުރުން އެ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރަކުވެސް ވަނީ ބިންހެލުމުގައި މަރުވެފައެވެ.

ރޮނާލްޑޯގެ އިތުރުންވެސް ބައެއް ކުޅުންތެރިން ވަނީ ތުރުކީ އާއި ސީރިއާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވުނު އެއް ކެމްޕޭނަކީ ތުރުކީގެ ގައުމީ ޓީމަށް ކުރިން ކުޅުނު މެރިހް ޑެމިރަލްގެ ޖާޒީ ނީލަން ކިޔުމެވެ.

ޑެމިރަލް ވަނީ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއްގެ އިތުރުން އެހެނިހެން ދާއިރާތަކުގެ މަޝްހޫރު އެތުލީޓުން ސޮއިކޮށްފައިވާ ޖާޒީތައްވެސް ޓްވިޓާ ކެމްޕޭނެއް މެދުވެރިކޮށް ނީލަން ކިޔައި، ތުރުކީ އާއި ސީރިއާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީފައެވެ. ޑެމިރަލް ނީލަން ކިޔާފައިވާ ޖާޒީތަކުގެ ތެރޭގައި ރޮނާލްޑޯގެ ޔުވެންޓަސް ޖާޒީ އާއި ޕީއެސްޖީގެ ލިއޮނަލް މެސީ އާއި ނޭމާގެ އިތުރުން ކިލިއަން އެމްޕާބޭގެ ޖާޒީތައް ހިމެނެއެވެ.

އެ ކުޅުންތެރިން ވަނީ ތުރުކީ އާއި ސީރިއާއަށް އެހީވުމަށް ޖާޒީ ޑެމިރަލްއަށް ހަދިޔާކޮށްފައެވެ.