ފްރާންސް ލީގުގައި ޕީއެސްޖީން ރޭ ނޯންޓާ ދެކޮޅަށް ކުޅުނު މެޗު، 4-2 އިން ކާމިޔާބުކުރި އިރު، އެ މެޗު ހާއްސަވީ އުމުރުން 24 އަހަރުގެ ކިލިއަން އެމްބާޕޭއަށެވެ. ރޭގެ މެޗުގައި އެމްބާޕޭ ޖެހި ގޯލާއެކު، ޕީއެސްޖީ ޖާޒީގައި އޭނާ ޖެހި ގޯލުގެ އަދަދު ވަނީ 201 އަށް އަރައިފައެވެ. އެ އަދަދާއެކު އެމްބާޕޭއަކީ ޕީއެސްޖީގެ ކްލަބު ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާއެވެ.

ޕީއެސްޖީއަށް އެންމެ ގިނަ ގޯލު ޖަހައިިދިނުމުގެ ރެކޯޑް ކުރިން އޮތީ އެޑިންސަން ކަވާނީ އަތުގައެވެ. އެއީ 200 ގޯލު ޖަހައިގެންނެވެ. އެމްބާޕޭ 201 ގޯލު ކްލަބަށް ޖަހައިދީފައިވަނީ މިހާތަނަށް ކުޅުނު 247 މެޗުންނެވެ. އެމްބާޕޭ ޕީއެސްޖީއާ ގުޅުނީ 2017 ވަނަ އަހަރު މޮނާކޯއިންނެވެ. ފުރަތަމަ ލޯނު އެއްބަސްވުމެއްގައި އެމްބާޕޭ ޕީއެސްޖީއަށް ދިޔަ ނަމަވެސް، ފަހުން ދާއިމީކޮށް ކްލަބަށް ސޮއިކޮށް، މި ސީޒަނުގެ ކުރިން ވަނީ އެއްބަސްވުން އާކޮށްފައެވެ.

އެމްބާޕޭ މިދިޔަ ސީޒަނަށްފަހު ޕީއެސްޖީ ދޫކޮށްލާނެ ކަމަށް ވަރަށް ބޮޑަށް ބެލެވިފައި އޮތެވެ. އަދި އެމްބާޕޭ ގެންދަން ރެއާލް މެޑްރިޑުން ހުރިހާ ކަމެއް ނިންމާފައިވެސް ވެއެވެ. އެހެން ނަމަވެސް ބޮޑު އާމްދަނީއެއްގެ އެއްބަސްވުމާއެކު ޕީއެސްޖީން ވަނީ އެމްޕާބޭގެ ކްލަބުގައި މަޑު ކުރުވައިފައެވެ.

"އަހަރެން އަބަދުވެސް ކުޅެނީ ތާރީހު ލިޔެލުމުގެ ޝަރަފަށް. އަހަރެން އަބަދުވެސް ބުނަމުން މިދަނީ އަހަރެން ބޭނުންވަނީ އަހަރެންގެ ގައުމު ފްރާންސްގައި ތާރީހު ލިޔެލުމަށޭ. މިއީ ޕެރިހުގެ އެންމެ ޝަރަފުވެރި ކްލަބުގައި އަހަންނަށް ހޯދުނު ބޮޑު ކާމިޔާބީއެއް. އެހެންނަމަވެސް އަދި ހާސިލުކުރަން ބޭނުންވާ ކަންތައް ބައިވަރު އެބައޮތް،" އެމްބާޕޭ ރޭގެ މެޗަށްފަހު ބުންޏެވެ.

އެމްބާޕޭ ބުނީ ޕެރިހަށް އުފަން ކުޅުންތެރިއެއްގެ ހައިސިއްޔަތުން ޕީއެސްޖީގެ ތާރީހުން ޖާގަ ލިބުމަކީ ނުހަނު ބޮޑު ޝަރަފެއް ކަމަށާއި، އެއީ އެންމެ ކުޑައިރު ގަބޫލުކުރަންވެސް ދަތި ކަމެއް ކަމަށެވެ.

އެމްބާޕޭ އިތުރަށް ބުނީ ޕީއެސްޖީ ދޫކޮށް ދިއުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށާއި ކްލަބުގައި ހުރީ ހިތްހަމަ ޖެހި، އުފަލުން ކަމަށެވެ. ޕީއެސްޖީގެ ދިރިއުޅުމުން ބޭރުގައި ފުޓުބޯޅައިން އުފާވެރިކަން ހޯދޭނެ އިތުރު ގޮތެއް ނުވިސްނޭ ކަމަށް ބުނަމުން އެމްބާޕޭ ބުނީ "އެއް ދުވަހަކުން ބެލޮންޑިއޯ ހޯދުމަކީ މިޝަން،" އެއް ކަމަށެވެ.

އެމްބާޕޭގެ ކެރިއަރަކީ އެ އުމުރުގެ ކުޅުންތެރިޔަކަށް އެންމެ ކާމިޔާބު އެއް ކެރިއަރެވެ. މިހާތަނަށް ދެ ވޯލްޑް ކަޕެއްގެ ފައިނަލުގައި އެމްބާޕޭ ކުޅެ، ގޯލުވެސް ޖަހައިފައިވެއެވެ. މިދިޔަ އަހަރު ގަތަރުގައި ބޭއްވި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި އެމްބާޕޭ ހެޓްރިކް ހެދިއެވެ. އެ ފައިނަލުން ބަލިވެ، މުބާރާތް ނިންމާލަން ޖެހުނު ނަމަވެސް އެމްބާޕޭއަކީ ރަން ބޫޓު ހޯދި ކުޅުންތެރިޔާއެވެ. 2018 ވަނަ އަހަރު ވޯލްޑް ކަޕް އެމްބާޕޭ ފްރާންސާއެކު ކާމިޔާބު ކުރި އިރު، ޕީއެސްޖީއާއެކު އޭނާ ވަނީ ހަތަރު ފަހަރު ލީގު ހޯދައިފައެވެ.

އެމްބާޕޭއަކީ މިދިޔަ ހަތަރު ސީޒަނުގައިވެސް ފްރާންސް ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ރޭގެ މެޗުގައި އެމްބާޕޭގެ އިތުރުން ޕީއެސްޖީގެ ގޯލުތައް ޖަހައިދިނީ ލިއޮނަލް މެސީއާއި ޑެނީލޯ ޕެރޭރާއެވެ. ޕީއެސްޖީގެ ދެވަނަ ގޯލަކީ ޖައުއެން ހާޖާމް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.