މުޖުތަމައުއަށް ދިމާވާ މައްސަލަތަކަށް ސައިންސް، ޓެކްނޮލޮޖީ، އެންޖިނިއަރިން އަދި މެތެމެޓިކްސް (ސްޓެމް) ދާއިރާތަކުން ސްކޫލު ދަރިވަރުންގެ އީޖާދީ ހައްލުތައް ދައްކާލާ އުރީދޫ ސްޓެމް ފެއާ މިއަދު ފަށައިފިއެވެ.
އުރީދޫން ބުނީ ސްޓެމް ފެއާ ފަށާފައިވަނީ އިޒުއްދީން ސްކޫލުގައި ކަމަށާއި އެ ފެއާގެ މައިގަނޑު މަގުސަދަކީ ސްޓެމް ދާއިރާއަޑް ދަރިވަރުން ހޭލުންތެރިކުރުވުން ކަމަށެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްދާ އެ ފެއާގައި ހަތް ސްކޫލަކުން ނޮވިސް، ޖޫނިއާ އަދި ސީނިއާ ކެޓަގަރީގައި ބައިވެރިވާ ކަމަށް އުރީދޫން ބުންޏެވެ.
އެ ފެއާގައި ބައިވެރިވާ ސްކޫލްތަކުގެ ތެރޭގައި އަރަބިއްޔާ ސްކޫލް، އިސްކަންދަރު ސްކޫލް، ބްރައިޓްވޭ އިންޓަނޭޝަނަލް، މަޖީދިއްޔާ ސްކޫލް އަދި ކަލާފާނު ސްކޫލް ހިމެނެއެވެ. އެ ފެއާގެ ފުރަތަމަ ދުވަސް ހާއްސަކޮށްފައި ވަނީ ފެއާގައި ބައިވެރިވި ސްކޫލް ކުދިން ދައްކާލާފައިވާ ޕްރޮޖެކްޓްތަކަށް ފަނޑިޔާރުން ބަލައި މާކްސް ދިނުމެވެ. ޖަޖުން ދަރިވަރުންގެ އުފެއްދުންތައް ބަލައިލުން ކުރިއަށް ގެންގޮސްފައިވަނީ ރޭ 10:00 ޖަހަންދެނެވެ.
ސްޓެމް ފެއާ އާންމުންނަށް ބަލައިލުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.
އުރީދޫން ބުނީ ސްކޫލް ދަރިވަރުންނަށް ހާއްސަ ކޮށްގެން ސްޓެމް ފެއާ ކުރިއަށްގެންދަނީ އެޑިއުކޭޝަން މިނިސްޓްރީއާއި ވުމެން އިން ޓެކް މޯލްޑިވްސްއާ ގުޅިގެން ކަމަށެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތަކާއެކު ހުރިހާ ސިނާއަތްތަކެއްގެ މަސައްކަތުގެ ވައްޓަފާޅިއަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ޓެކްނޮލޮޖީ ކުރިއަރަމުންދާ ބާރު ސްޕީޑާއެކު އެ ބަދަލުތައް އިތުރުވެގެންދާނެ ކަމަށެވެ.
"އެހެން ކަމުން ދުނިޔޭގެ މި ބަދަލުވަމުންދާ މާހައުލަށް އަންނަން އޮތް ޖީލުން ސްޓެމް ދާއިރާތަކުގައި ހަރަކަކާތްތެރިވާނެ ތަޖުރިބާކާރުން ބިނާކުރުމަކީ، ރާއްޖޭގައި އީޖާދީ ހައްލުތައް ފޯރުކޮށްދީ، ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއް" ނިޔާޒު ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ޑިޖިޓަލް ދުނިޔޭގައި ކާމިޔާބީ ހޯދުމަށް ބޭނުންވާ އިލްމާއި ހުނަރު ދަރިވަރުންނަށް ދަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ބޭނުންތެރިކަމެއް ކަމަށެވެ.
"އުރީދޫ ސްޓެމް ފެއާއަކީ ސްޓެމް ދާއިރާތައް ޕްރޮމޯޓްކޮށް، މި ދާއިރާތަކުން ކުރިއަށް ދިއުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ވަރަށް މުހިންމު ފެއާއެއް" ޑރ. އައިޝަތު ވިދާޅުވިއެވެ.
އުރީދޫން ބުނީ ފެއާގައި ދަރިވަރުން ހުށަހެޅި ޕްރޮޖެކްޓްތަކުގެ ނަތީޖާ އިއުލާން ކުރާނީ މިއަދު ހަވީރު 4:00 އިން ހަވީރު 6:00 އަށް ބާއްވާ އެވޯޑް ހަފުލާގައި ކަމަށެވެ.
ވިޔަފާރި
ވިޔަފާރި
ވިޔަފާރި
ވިޔަފާރި