އިނގިރޭސި އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ރޭ ޓޮޓެންހަމްއިން ކުޅުނު މެޗުގައި ދެވަނަ ޑިވިޝަންގެ ޝެފީލްޑް ޔުނައިޓެޑް އަތުން ބަލިވި އިރު، ވެސްޓް ހަމް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ކުއާޓާ ފައިނަލްގެ ޖާގަ ހޯދައިފިއެވެ.

ޓޮޓެންހަމްއިން ރޭ ރަށުން ބޭރުގައި ޝެފީލްޑް ކައިރިން ބަލިވީ 1-0ގެ ނަތީޖާއަކުންނެވެ. މިވަގުތު ދެވަނަ ޑިވިޝަން ތާވަލުގެ ދެވަނައިގައި އޮތް ޝެފީލްޑްގެ ހަމައެކަނި ގޯލު ރޭގެ މެޗުގައި ޖަހައިދިނީ އިލިމަން އެންޑިއާއޭއެވެ.

ޝެފީލްޑްގެ ގޯލު މެޗުގެ 79 ވަނަ މިނެޓުގައި ފެނިގެން ގޮސްފައިވާ އިރު، އެ ގޯލަކީ އެންޑިއާއޭ ޓޮޓެންހަމްގެ ތިން ޑިފެންޑަރުން ކައިރިން ސަލާމަތްވެ ޖެހި ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޓޮޓެންހަމްގެ ރިޗާލިސަންއަށް ލިބުނު ހުސް ފުރުސަތު އޭނާ ނަގައިލިއިރު، ލޫކަސް މޯރާ ޖެހި ބޯޅަ އަމާޒުވީ މަތީ ދަނޑިއަށެވެ. އޭގެ އިތުރުން ދެވަނަ ހާފަށް ނުކުމެ ޓޮޓެންހަމްގެ ޑިފެންޑަރު އިވާން ޕެރަސިޗް ކުރިއަށް ޖެހި ފޮނުވާލި ބޯޅަ މަތަކުރީ ޝެފީލްޑްގެ ގޯލްކީޕަރު ވެސްލޭ ފޮޑާރިންހޭމް އެވެ.

ޔުނައިޓެޑުން ރޭ އަމިއްލަ ދަނޑުގައި ވެސްޓް ހަމް ބަލިކުރީ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިފައި ނުވާ އިރު، ސައީދު ބެންރަހްމާ އާއި ތޯމަ ސޯޗެކް ޖެހި ބޯޅަތައް މަތަކުރީ ޔުނައިޓެޑްގެ ގޯލު ބަލަހައްޓަމުން ދިޔަ ޑޭވިޑް ޑެހެއާއެވެ. ފުރަތަމަ ހާފްގައި ރަނގަޅަށް ކުޅުނު ވެސްޓް ހަމްއިން ދެވަނަ ހާފުގެ ކުރީކޮޅުގައި ލީޑު ނެގިއެވެ. އެޓީމަށް ލީޑު ނަގައިދިނީ ބެންރަހްމާ އެވެ.

އަރިމަތިން އެމަސަން ނަގައިދިން ބޯޅައިގައި ބެންރަހްމާ ވެސްޓް ހަމްއަށް ލީޑު ނެގުމާއެކު ޔުނައިޓެޑްގެ ކޯޗު ވަނީ ދެ ބަދަލެއް ގެނެސްފައެވެ. އެންޓޮނީގެ ބަދަލުގައި މާކަސް ރަޝްފޯޑު ކުޅެން ނެރުނު އިރު، ލިސާންޑްރޯ މާޓިނޭޒްގެ ބަދަލުގައި ކުޅެން ނެރުނީ ވިކްޓޯ ލިންޑަލޯފެވެ.

ބަދަލުތަކާއެކު ކުޅުން ރަނގަޅުކޮށް، 77 ވަނަ މިނެޓުގައި ވެސްޓް ހަމްގެ ނައިފް އަގުއޭޑް އަތުން ބައިކޮޅަށް ވަން ގޯލުން ޔުނައިޓެޑް ނަތީޖާ ހަމަހަމަކޮށް، 90 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. ޔުނައިޓެޑަށް ލީޑު ނަގައިދިނީ އަލެހާންޑްރޯ ގާނާޗޯއެވެ. އެ ގޯލަށްފަހު މެޗުގެ ނަތީޖާ ޔަގީންކުރި ތިންވަނަ ގޯލު ޔުނައިޓެޑަށް ޖަހައިދިނީ ފްރެޑެވެ.

ބަދަލަކަށް ނުކުތް ފްރެޑް 95 ވަނަ މިނެޓުގައި ގޯލު ޖެހީ ވޯޓް ވެގޯސްޓް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ރޭ ވަނީ އެފްއޭ ކަޕް ފަސްވަނަ ބުރުގެ އިތުރު މެޗުތައްވެސް ކުޅެފައެވެ. ތިންވަނަ ޑިވިޝަންގެ ގްރިމްސްބައި ކައިރިން 2-1 އިން ސައުތުހޭމްޓަން ބަލިވި އިރު، ފްލީޓްވުޑް 1-0 އިން ބަލިކޮށް ބާންލީ ވަނީ ކުއާޓާ ފައިނަލްގެ ފުރުސަތު ހޯދައިފައެވެ.