ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރުމަށްޓަކައި، އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް މެރިން އެއިޑްސް ޓު ނެވިގޭޝަންސް އެންޑް ލައިޓްހައުސް އޮތޯރިޓީސް (އައިއޭއެލްއޭ) ގައި ރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ރުހުންދީފިއެވެ.

އައިއޭއެލްއޭ ގައި ރާއްޖޭން ބައިވެރިވުމަށް މަޖިލީހުގެ ރުހުން ހޯއްދެވުމަށް، ރައީސުޖުމްހޫރިއްޔާ އިބްރާހިިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވީ ފެބްރުއަރީމަހުގެ 13 ގައެވެ.

އައިއޭއެލްއޭގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި މެރިޓައިމް ކޮމިއުނިޓީގެ ފައިދާއަށާއި ކަނޑުގެ ތިމާވެށީގެ ރައްކާތެރިކަމަށް، ކަނޑު އުޅަނދުފަހަރުގައި ބޭނުންކުރާ ވަސީލަތްތައް ތަރައްގީކޮށް، ސަލާމަތާއި ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ ފަދަ ގޮތަކަށް ކަންކަން އިންތިޒާމުކުރުން ހިމެނެއެވެ.

މި މުއާހަދާގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި މުއާހަދާގައި ބައިވެރިވާ ގައުމުތަކުގެ މެދުގައި މެރިޓައިމް ދާއިރާއިން ގުޅުން ބަދަހިވެގެންދިއުމާއި ކަނޑުދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެ އިތުރަށް ހަރުދަނާވެގެންދިއުން ހިމެނެއެވެ.

މީގެ އިތުރުން އެއިޑްސް ޓު ނެވިގޭޝަން، ހާއްސަކޮށް ފަރުބައްތިތައް ޒަމާނީ ފެންވަރަށް ގެނައުމަށާއި ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަރުބައްތިތައް ބެލެހެއްޓޭނެ ގޮތްތަކާއި އަދި ފަރުބައްތީގެ މައުލޫމާތު އުޅަނދުފަހަރުން ޓެކްނޮލޮޖީގެ އެހީގައި އެނގޭނެ ގޮތްތައް ފަހިވެ، މިކަންކަމުގައި ގައުމުތަކަށް އެހީތެރިކަން ލިބިގެންދިއުންވެސް މި މުއާހަދާގައި ބައިވެރިވުމުން ލިބިގެންދާނެ ފައިދާތަކުގެ ތެރޭގައި ހިމެނެއެވެ. މިއީ ކަނޑުގެ މާހައުލު ހިމާޔަތްކޮށް ތިމާވެށި ރައްކާތެރިކުރުމަށް ބާރުއެޅުމަށް އެޅޭ ފިޔަވަޅަކަށް ވެސް ވެގެންދާނެއެވެ.