މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް އިންތިހާބީ މައި މަރުކަޒުގެ ގޮތޮގައި ދަރުބާރުގެ ހަމަޖައްސައިފިއެވެ.
އިންތިހާބީ މައި މަރުކަޒެއްގެ ގޮތުގައި ފުރަތަމަ އީސީން ހަމަޖައްސަން މަސައްކަތްކުރީ ދިވެހިރާއްޖޭގެ އަޑު ހިންގާ އިމާރާތުގެ ބައެކެވެ. ނަމަވެސް އެ އިމާރާތުން މީހުން ހުސްކުރެވިފައި ނުވާތީ، އަދި އެ އިމާރާތް ލިބުން ލަސްވެއްޖެ ނަމަ މަރާމާތަށް ހޭދަވާނެ މުއްދަތު ދިގުލައިގެން ދިއުމުގެ ސަބަބުން އިންތިހާބުގެ މަސައްކަތްތައް ލަސްވެދާނެތީ އިތުރު ތަނެއް ހޯދައިދިނުމަށް އީސީން ވަނީ އެދިފައެވެ.
އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްލޭނިން މިނިސްޓްރީން ވަނީ ރިޔާސީ އިންތިހާބަށް އިންތިހާބީ މައި މަރުކަޒުގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސައިދީފައި ކަމަށެވެ.
"ރިޔާސީ އިންތިހާބު 2023 ގެ އިންތިހާބީ މައި މަރުކަޒުގެ ގޮތުގައި ބޭނުންކުރުމަށް ދަރުބާރުގެ އީސީއަށް ދޫކޮށް ދެއްވާގޮތަށް ޕްލޭނިން މިނިސްޓްރީން ހަމަޖައްސަވައި ދެއްވައިފި،" ހަބީބު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވަން ހަމަޖެހިފައިވަނީ ސެޕްޓެމްބަރު ނުވަވަނަ ދުވަހުއެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެނަމަ ބާއްވަނީ އެ މަހުގެ 30 ވަނަ ދުވަހުއެވެ. ރިޔާސީ އިންތިހާބު ބޭއްވުމަށް ވަނީ 90 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު