ހުޅުމާލޭގެ 17 ބިމެއް ސަރުކާރަށް ވިއްކީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކުރިއަށްގެންދާ 4،000 ހައުސިން މަޝްރޫއުގެ ބޭނުމަށް ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
ސަރުކާރުން އެ 17 ބިން ގަނެފައިވަނީ ހުޅުމާލޭ ދެވަނަ ފޭސް އިންނެވެ. ސަރުކާރުން ގަނެފައިވަނީ 15،000 އަކަފޫޓާއި 66،000 އަކަފޫޓުގެ ދެމެދުގެ ބިންތަކެކެވެ.
އެ ބިންތަކުގެ ޖުމުލަ އަގު ކަމަށްވާ 878 މިލިއަން ރުފިޔާ ސަރުކާރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކާފައިވާތީ ސިވިލް ކޯޓުން ވަނީ މިދިޔަ އާދިއްތަ ދުވަހު އެ ބިންތަކުގެ މިލްކުވެރިކަން ސަރުކާރަށް ލިބިފައިވާ ކަމަށް ހުކުމްކޮށްފައެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެފްޑީސީއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏަށް 17 ބިމެއް ވިއްކާފައިވާ ކަމަށެވެ. އެ ބިންތަކުގެ އަގަށްވާ ފައިސާ ސިވިލް ކޯޓު މެދުވެރިކޮށް ދައްކައި ހަލާސްކުރުމުން މިހާރު އެ ބިންތައް ފިނޭންސް މިނިސްޓްރީގެ ނަމުގެ މައްޗަށް ބަދަލުކޮށްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގެ ބިން އެކި ބޭނުންތަކަށް ދިނުމަށާއި ވިއްކުމުގައި އަބަދުވެސް ބިމުގެ އަގު ކަނޑައެޅިފައިވާ ކަމަށާއި އަދި ބިމުގެ އަގަށްވާ ފައިސާ ދެއްކުމުން ބިމުގެ މިލްކުވެރިކަން ބަދަލުކުރާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ހުޅުމާލެ ފޭސް ދޭކުން ސަރުކާރަށް ބިން ވިއްކީ އެތަނަކީ ލޯނު ނަގައިގެން ހިއްކައި ތަރައްގީކޮށްފައިވާ ތަނަކަށްވުމުން ކަމަށާއި ނަމަވެސް އިޖުތިމާއީ ބޯހިޔާވަހިކަމަށް ފޭސް ދޭކުން ބިން ވިއްކަނީ ލުއި އަގުތަކެއްގައި ކަމަށެވެ.
ދައުލަތުގެ އެކި ބޭނުންތަކަށް ސަރުކާރުން ވަނީ މީގެ ކުރިންވެސް އެޗްޑީސީ އަތުން ބިން ގަނެފައެވެ. އެގޮތުން ބޭރު ގައުމުތަކުގެ އެމްބަސީތައް ހެދުމަށް ވެސް ސަރުކާރުން ވަނީ ބިން ގަނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު