ވިޔަފާރި

އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް ނިންމާލައިފި

މުހައްމަދު އިޝާން

ހއ. އިހަވަންދޫ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން މިއަދު ބުނީ އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތުގެ 54 ޕަސަންޓް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ގޮނޑޮދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑު ހިލައިގެ ހުރިހާ ޝިޕްމެންޓެއް އިހަވަންދުއަށް ގެންގޮސްފައިވާ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 10 ވަނަ ދުވަހުއެވެ. އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރީ 123.96 މިލިއަން ރުފިޔާއަށެވެ.

އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުވެސް ކުރިއަށްގެންދަނީ އެމްޓީސީސީންނެވެ. 59.07 މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ ދަށުން 30,509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި މަގުބައްތިއާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެއެވެ.