ފްރާންސް ފުޓްބޯލް ފެޑެރޭޝަން (އެފްއެފްއެފް)ގެ ރައީސް ނޮއެލް ލެ ގްރައެޓް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އުމުރުން 81 އަހަރުގެ ލެ ގްރައެޓް މަގާމުން އިސްތިއުފާ ދެއްވިކަން މިއަދު ފްރާންސް ފުޓުބޯޅަ އިދާރާއިން ވަނީ ޔަގީން ކޮށްދީފައެވެ. 2011 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް އެފްއެފްއެފްގެ ރައީސް ކަމުގައި ހުންނެވި ލެ ގްރައެޓްގެ ދައުރު ހަމަވާން އޮތީ 2024 ވަނަ އަހަރާ ހަމައަށް ނަމަވެސް، އޭނާ މަގާމުން އިސްތިއުފާ ދެއްވީ ބޮޑެތި ތުހުމަތުތަކެއްގެ ސަބަބުންނެވެ.
ފްރާންސްގެ ކުޅިވަރާ ބެހޭ ވުޒާރާއިން ލެ ގްރައެޓްގެ ކޮރަޕްޝަން މައްސަލަތަކެއްގައި އެފްއެފްއެފްގެ އޮޑިޓެއް ކުރަމުންދާ އިރު، އޭނާގެ މައްޗަށް ވަނީ ޖިންސީ ފުރައްސާރައިގެ ތުހުމަތުވެސް ކޮށްފައެވެ. އެ މައްސަލަތަކާއެކު ލެ ގްރައެޓް ވަނީ މިދިޔަ މަހު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރަށް ޖެހިވަޑައިގެންފައެވެ. އޭރު ލެ ގްރައެޓް ވިދާޅުވީ އިސްތިއުފާ ދެއްވާނީ މައްސަލަތައް ބަލައި ނިމުމުން، އެކަމުގައި އޭނާގެ ކުށެއްވާނަމަ ކަމަށެވެ.
އެފްއެފްއެފް އިން ނެރުނު ބަޔާނެއްގައި ބުނީ ލެ ގްރައެޓްގެ ދައުރުގައި ފްރާންސްގެ ފުޓުބޯޅައަށް އިގުތިސާދީ ގޮތުން ހެޔޮބަދަލުތަކެއް ގެނެސްދެއްވި ކަމަށާއި، ގައުމީ ޓީމުތަކަށްވެސް ލެ ގްރައެޓް ކުރިއެރުން ގެނެސްދެއްވި ކަމަށެވެ. ހާއްސަކޮށް ފްރާންސްގެ ސީނިއާ ފިރިހެން ޓީމުން 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރުމުގެ ފަހަތުގައި ލެ ގްރައެޓްގެ ހިއްސާ ބޮޑު ކަމަށް އެފްއެފްއެފް އިން ބުނެފައިވެއެވެ.
ލެ ގްރައެޓަކީ ފްރާންސްގެ ފުޓުބޯޅައިގައި މަގުބޫލު ޝަހުސިއްޔަތެކެވެ. އެކިއެކި ގޮތްގޮތުން އޭނާއަށް ތައުރީފު ކުރާ ފަރާތްތައްވެސް ފާހަގަވެފައިވާ އިރު، އެކި ފަހަރުމަތިން ބައެއް ކަންކަމުގައި ފާޑު ކިޔުންވެސް ލެ ގްރައެޓަށް އަމާޒުވެފައިވެއެވެ.
އެގޮތުން ދާދިފަހުން ލެ ގްރައެޓަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވީ މިދިޔަ ޖެނުއަރީ މަހު އެގައުމުގެ ފުޓުބޯޅަ ލެޖެންޑް، ޒައިނައްދީން ޒިދާނާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ. ލަ ގްރައެޓް ޒިދާނަށް ފާޑު ކިޔުއްވާފައިވަނީ ރޭޑިއޯ އިންޓަވިއުއެއްގައެވެ. ޒިދާން، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވޭތޯ ސުވާލުކުރުމުން، ފެޑަރޭޝަންގެ ރައީސް ލަ ގްރައެޓް ވިދާޅުވީ "ޒިދާން ގުޅިޔަސް ފޯނަށް ޖަވާބު ނުދޭނެ،" ކަމަށެވެ. ރެއާލް މެޑްރިޑާއެކު ތިން ފަހަރު ޗެމްޕިއަންސް ލީގު ހޯދި ޒިދާނަކީ ފްރާންސްގެ ޓީމަށް ރަނގަޅު ކޯޗެއް ނޫން ކަމަށްވެސް ލަ ގްރައެޓް ވިދާޅުވެފައިވެއެވެ.
އެކަމާ އެތައް ބަޔަކު ލެ ގްރައެޓަށް ފާޑު ކިޔުމުން، ފަހުން އޭނާ ވަނީ މައާފަށް އެދިވަޑައިގެންފައެވެ. ލަ ގްރައެޓް އިސްތިއުފާ ދެއްވުމާއެކު ފެޑަރޭޝަންގެ ވަގުތީ ރައީސެއްގެ ގޮތުގައި މަގާމާ ހަވާލުވެލެއްވީ ކުރިން ނައިބު ރައީސްގެ މަގާމުގައި ހުންނެވި ފިލިޕް ޑިއާލޯއެވެ.
ފްރާންސް
ފްރާންސް
ފްރާންސް
ފްރާންސް