ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ދެވަނަ ދައުރަކަށް ތާއީދުކުރެއްވުމަށް، މި ސަރުކާރުގެ ކޯލިޝަންގައި މިހާރު ވެސް ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމް ކުރައްވާ ޝަރުތަކީ ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން އޭނާގެ ވިޔަފާރިއަށް ބޮޑު އަދަދެއްގެ ލޯނެއް ދިނުން ކަމަށް ދެކެވޭ ވާހަކަތައް ގާސިމް މިއަދު ދޮގުުކުރައްވައިފިއެވެ.
މިއަދު ހެނދުނު ގާސިމް ވަނީ ރައީސް އޮފީހަށް ވަޑައިގެން ރައީސް ސޯލިހުއާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ، ރައީސް ސޯލިހާއެކު ދެކެވުނީ ކޯލިޝަންގެ ވާހަކައާއި ސިޔާސީ ވާހަކަ ކަމަށެވެ.
ގާސިމްގެ ވިޔަފާރިތަކަށް ސަރުކާރުން ސޮވެރިން ގެރެންޓީ ދީގެން ލޯނެއް ހޯދަން މަޝްވަރާކުރެއްވިންތޯ ނޫސްވެރިޔަކު ސުވާލުކުރުމުން، ގާސިމް ވަނީ އެކަން ދޮގުކުރައްވައިފައެވެ.
"އެކަހަލަ އެއްވެސް ކަމެއް ނުހިނގާ. އަޅުގަނޑު ދުވަހަކު ކުރި ކަމެއް ވެސް ނޫން އެއީކީ، އަދި ނުވެސް ކުރާނަން އެ ބާވަތުގެ ކަމެއް، އެޑްވާންޓޭޖެއް ނަގަން އެއްވެސް ކަމެއް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެއްވެސް ޑީލެއް ހައްދަވާފައި ނުވާނެ ކަމަށެވެ.
ގާސިމް އިތުރަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ނިންމާނީ އެ ޕާޓީގެ ކައުންސިލުން ކަމަށާއި ވެރިކަމަށް ވާދަކުރުމުގެ ވާހަކަ ދައްކަން އަދި ގަސްތު ނުކުރައްވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު