ސްކޭމް ހިންގައިގެންނާއި މަކަރާއި ހީލަތުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އެކައުންޓުތަކުން ފައިސާ ވަގަށް ނަގާ މައްސަލައިގައި، ކަމާބެހޭ ފަރާތްތައް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކޮށްގެން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.
އެ މައްސަލަ ދިރާސާކުރުމަށް މިއަދުގެ އޮތް ކޮމިޓީ ބައްދަލުވުމުގައި، އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމްގެ އިތުރުން ބީއެމްއެލްގެ އިސްބޭފުޅުންނާއި، ކޮމިއުނިކޭޝަން އޮތޯރިޓީ އާއި ފުލުހުންގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމިޓީ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީގެ މުގައްރިރު ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ އެ ބައްދަލުވުމަކީ ލައިވްކޮށް ކުރިއަށްގެންދާ ބައްދަލުވުމެއް ކަމަށް ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ސަމާލުކަމަށް ގެންނަވައިފައެވެ. އޭނާ ވިދާޅުވީ، އެ ބައްދަލުވުމަކީ އޯޕަންކޮށް ލައިވްކޮށް ކުރިއަށްގެންދާ ބައްދަލުވުކަމަށްވާތީ، ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ބޭފުޅުންގެ ހިޔާލެއް ބޭނުންވާ ކަމަށެވެ.
އެކަމާ ގުޅިގެން ކޮމިއުނިކޭޝަން އޮތޯރިޓީގެ ބޭފުޅުން ވިދާޅުވީ، އެ ބައްދަލުވުމުގައި ގައުމީ ސަލާމަތާ ގުޅުންހުރި ވާހަކަތައް ހިމެނޭނެ ކަމަށާއި ވާހަކައިގެ ބާވަތުން އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އެހީތެރިވެދިނުމުގެ ފުރުސަތު ފަހިވެދާނެތީ އެ ބައްދަލުވުން ސިއްރުކުރަން ބޭނުންވާ ކަަމަށެވެ.
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ބައްދަލުވުން ލައިވް ކުރާ ނަމަ މައުލޫމާތު ހާމަކުރެވޭނީ ވަކި ވަރަކަށް ކަމަށާއި ދޭދޭ ފަރާތްތަކުގެ މައުލޫމާތު ހާމައެއް ނުކުރެވޭނެ ކަމަށެވެ. ފުލުހުންގެ ފަރާތުން ޕޮލިސް ޗީފް ސުޕްރިންޓެންޑެންޓް އޮފިސަރު ޝާހު ވިދާޅުވީ އެ ބައްދަލުވުމުގައި އޯޕަންކޮށް ވާހަކަދައްކަން ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ބައްދަލުވުން ލައިވް ކުރާނަމަ އެފަދަ މައްސަލަތަކުގެ ތަހުގީގާ ބެހޭ މައުލޫމާތު ހިއްސާކުރާ އިރު، އެ ވާހަކަތައް އާއްމުވުމަކީ އޭގެ ނުރަނގަޅު އަސަރެއްކޮށްފާނެ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓްމެކް ވިދާޅުވީ ކޮމިޓީގެ ބައްދަލުވުން ހުޅުވާލައިގެން ބޭއްވުމާ މެދު މައްސަލައެއް ނެތް ކަމަށެވެ. އަދި ހުޅުވާލައިގެން ބާއްވާ ހާލަތުގައި ވެސް ކަސްޓަމަރުންގެ މައުލޫމާތާއި ޒާތީ މައުލޫމާތު ހާމަނުވާނޭ ގޮތަށް މައުލޫމާތު ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ކޮމިޓީ ބައްދަލުވުމުގައި ތިއްބެވި ގިނަ އިދަރާތަކުގެ ކަންބުޑުވުން ހުރުމުން ކޮމިޓީގެ ބައްދަލުވުން ސިއްރު ކުރަން ކޮމިޓީގެ މެންބަރުން ފާސްކުރިއެވެ.
ބީއެމްއެލްގެ އެކައުންޓުތަކުން ފައިސާ ގެއްލޭ މައްސަލަ ހައްލުކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅައި ވަނީ ބަހުސްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު