ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަތަކުގެ ތަފްސީލު ދެއްވުމަށް އޭނާ ދެކޮޅު ހައްދަވައިފިއެވެ.
ގާސިމް ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް އޮފީހުގައި ރައީސް ސޯލިހާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުކުރެއްވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ، ރައީސްގެ ބައްދަލުވުމުގައި ކޯލިޝަންގެ ވާހަކަ ދެކެވުނު ކަމަށާއި ސިޔާސީ ވާހަކަވެސް ދެކެވުނު ކަމަށެވެ. ނަމަވެސް އެކަމުގެ އިތުުރު ތަފްސީލެއް އޭނާ ނުދެއްވިއެވެ.
"ޕޮލިޓިކަލް ވާހަކަ އަޅުގަނޑުމެން ދެއްކީ، އަޅުގަނޑުމެންގެ ކޯލިޝަނެއް އޮންނާނެތޯ ނޫންތޯ މި ކަހަލަ ވާހަކަ ދައްކާނެ. އޭގެ ދެން ވާހަކަ ދެކެވުނީ އެވެނިހެންނޭ އެ މައުލޫމާތު އަޅުގަނޑަކަށް ނެތް ހާމަކުރެވޭކަށް" ގާސިމް ވިދާޅުވިއެވެ.
ރައީސާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެއްވެސް "ޑީލެއް" ހަދާފައި ނުވާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު ގޮތެއް ނިންމާނީ އެ ޕާޓީގެ ކައުންސިލުން ކަމަށާއި ވެރިކަމަށް ވާދަކުރުމުގެ ވާހަކަ ދައްކަން އަދި ގަސްތު ނުކުރައްވާ ކަމަށެވެ.
ގާސިމް ވެރިކަމަށް ކުރިމަތިލައްވައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ރަނިންމޭޓުކަން ދޭން އުޅޭކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ގާސިމް ވިދާޅުވީ، އެފަދަ އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާ ކަމަށާއި ސިޔާސީ މޫސުމެއް ކަމުން ސިޔާސީ ވާހަކަތައް ދައްކާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު