Close
ޚަބަރު

ގާސިމް، ރައީސް ސޯލިހާ ބައްދަލުކުރައްވަން ރައީސް އޮފީހަށް!

އިބްރާހިމް ޒަކީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ރައީސް އޮފީހަށް ވަޑައިގެންފިއެވެ.

ރައީސް ސޯލިހާ ބައްދަލު ކުރެއްވުމަށް، ގާސިމް ރައީސް އޮފީހަށް ވަޑައިގެންފައި މިވަނީ، އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއެކު ގާސިމް ކޯލިޝަން ހެދުމަށް ނިންމާފައިވާކަމުގެ އަޑުތަކެއް ގަދަވެފައި ވަނިކޮށެވެ.

އެމްޑީޕީއާ އެކު އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަޝްވަރާއަށް އެދިވަޑައިގެން ޖޭޕީ ހިމެނޭހެން ސަރުކާރުގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ސިޔާސީ ޕާޓީތަކަށް ރައީސް ސޯލިހު ވަނީ ސިޓީފުޅެއް ފޮނުއްވައިފައެވެ. ރައީސްގެ ދައުވަތާ އެކު އަދާލަތު ޕާޓީއާއި އެމްޑީއޭއިން މިހާރުވަނީ ރައީސް ސޯލިހާއެކު ކޯލިޝަން ހަދައިފައެވެ.

ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ ބަދަލުގައި، އެ ޕާޓީގެ ގައުމީ ކޮންގްރެސް އިން ލަފާދީފައިވަނީ އެ ޕާޓީން އިންތިހާބުގައި ވަކިން ވާދަކުރުމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ފަހު ނިންމުން ނިންމާނީ ޕާޓީ ކައުންސިލުންނެވެ.