ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ މޮރޮކޯގެ އަޝްރަފް ހަކީމީގެ މައްޗަށް ރޭޕްގެ ތުހުމަތުތަކެއް ކުރެވޭތީ، ފްރާންސްގެ ޕްރޮސެކިއުޓަރުން މައްސަލަ ބެލުމަށް އަންގައިފިއެވެ.

ފްރާންސްގެ ޕްރޮސެކިއުޓާސް އޮފީހުން ހަކީމީގެ މައްސަލަ ބަލަން އަންގާފައި ވަނީ އުމުރުން 24 އަހަރުގެ އަންހެނަކު ކޮށްފައިވާ ތުހުމަތުތަކަކާ ގުޅިގެންނެވެ. ހަކީމީ، އަންހެން މީހާގެ ގޭގައި ރޭޕް ކުރަން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހަޅާފައިވާ އިރު، އެ މައްސަލަ ބަލަމުން އަންނަ ކަމަށް ހަކީމީއާ ގާތް ފަރާތްތަކަކާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވެއެވެ.

އިތުބާރު މަސްދަރުތަކުން ބުނެފައި ވަނީ އަންހެން މީހާ ފްރާންސްގެ ފުލުސް އޮފީހަކަށް މައްސަލަ ހުށަހެޅީ މިދިޔަ އާދީއްތަ ދުވަހު ކަމަށެވެ. އެ މައްސަލަ ރަސްމީކޮށް އަދި އަންހެން މީހާ ހުށަހަޅާފައި ނުވާ ކަމަށްވެސް ނޫސްތައް ބުނެއެވެ.

ހަކީމީއަކީ މޮރޮކޯގެ ކުޅުންތެރިއެއް ނަމަވެސް، އޭނާ އުޅެ ބޮޑުވެފައި ވަނީ ފްރާންސްގައެވެ. ރެއާލް މެޑްރިޑްގެ އިތުރުން ޑޯޓުމަންޑަށްވެސް ކުރިން ކުޅެފައިވާ ހަކީމީއަކީ މޮރޮކޯ ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެއްވެސް މެއެވެ.

މިދިޔަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް 2022 ގައި މޮރޮކޯ ސެމީ ފައިނަލަށް ގޮސް ތާރީހު ލިޔެލައިފައިވާ އިރު، އެޓީމަކީ އެފްރިކާގެ ގައުމަކަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލްގައި ކުޅުނު ފުރަތަމަ ގައުމެވެ. އެޓީމުގައި ހަކީމީ ދެއްކި ކުޅުމުގެ އިތުރުން، ޕީއެސްޖީގައި އޭނާ ތަފާތު ދައްކާފައިވުމާއެކު ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު 11 ގައިވެސް ހަކީމީ ވަނީ ހިމެނިފައެވެ.

ފީފާގެ އެވޯޑު ހޯމަ ދުވަހުގެ ރޭ ދީފައިވާ އިރު، އެ ހަފުލާގައި ހަކީމީ ބައިވެރިވެފައިވެއެވެ.