ފީފާއިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނު ލިއޮނަލް މެސީއަށް ވޯޓު ދިން ސަބަބުން އޮސްޓްރިއާގެ ކެޕްޓަން، ރެއާލް މެޑްރިޑްގެ ޑިފެންޑަރު ޑޭވިޑް ކިޔައިދީފިއެވެ.

އުމުރުން 30 އަހަރުގެ އޮސްޓްރިއާ ޑިފެންޑަރު އަލާބާ، ފީފާ ދަ ބެސްޓް އެވޯޑުގެ އެއްވަނަ މަގާމަށް މެސީއަށް ވޯޓު ދީފައި އޮތުމާއެކު އޭނާގެ ކްލަބު، ރެއާލް މެޑްރިޑްގެ ސަޕޯޓަރުން ވަނީ އެކަމަށް ފާޑު ކިޔައިފައެވެ. ރެއާލް ސަޕޯޓަރުން އަލާބާއަށް ފާޑު ކިޔާފައި ވަނީ އެވޯޑަށް މެސީއާއެކު ވާދަކުރި ކަރިމް ބެންޒެމާއަށް އަލާބާ އެއްވަނައަށް ވޯޓު ދީފައި ނުވާތީއެވެ. މެސީއާއި ބެންޒެމާގެ އިތުރުން ފީފާ އެވޯޑުގެ ގަދަ ތިނެއްގައި ދެން ހިމެނުނީ ކިލިއަން އެމްބާޕޭއެވެ.

މެސީއަށް ވޯޓު ދިން ސަބަބާ ގުޅޭގޮތުން އަލާބާ ބުނީ، އެ ނިންމުމަކީ އޮސްޓްރިއާގެ ޓީމު ނިންމުމެއް ކަމަށާއި، ޓީމުގެ ހުރިހާ ވޯޓެއް މެސީއަށް ދޭން އޮތީ ކުރިން ނިންމާފައި ކަމަށެވެ.

އަލާބާ ބުނީ ބެންޒެމާއަކީ ހާއްސަ ކުޅުންތެރިއެއް ކަމަށާއި، އަބަދުވެސް ބެންޒެމާއަށް ތައުރީފު ކުރާ ކުޅުންތެރިއެއްގެ ގޮތުގައި ދެމިހުންނާނެ ކަމަށެވެ. އޭގެ އިތުރުން އަލާބާ ބުނީ ބެންޒެމާއަކީ ދުނިޔޭގެ އެންމެ މޮޅު ފޯވަޑް ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ފީފާ ދަ ބެސްޓް" އެވޯޑަކީ 2017 ވަނަ އަހަރުން ފެށިގެން ފީފާއިން ދެމުން އަންނަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑެވެ. ފީފާ "ދަ ބެސްޓް" އެވޯޑުގެ މަގާމަކީ ގައުމީ ޓީމުތަކުގެ ކެޕްޓަނުންނާއި ހެޑް ކޯޗުންގެ އިތުރުން ހާއްސަ ސަޕޯޓަރުންނާއި މީޑިއާ ތަމްސީލުކުރާ 200 ފަރާތެއްގެ ވޯޓުން ހޮވާ އެވޯޑެކެވެ.