ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އުސޫލުތަކާއި ހިލާފަށް ލިކުއިޑޭޓެޑް ޑެމޭޖުގެ ގޮތުގައި ކަނޑަންޖެހޭ ފައިސާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި އެކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ނިމާލްގެ އިތުރުން ފައިނޭންސް ޑިވިޝަންގެ ޑިރެކްޓަރު މިންހާޖު ވަހީދުގެ މައްޗަށް ދައުވާ އުފުލައިފިއެވެ.
އެ މައްސަލަ ތަހުގީގުކޮށް ނިންމުމަށްފަހު، މިހާރު ކ. އަތޮޅު ކައުންސިލްގެ ރައީސް މަގާމުގައި ހުންނެވި ނިމާލުގެ އިތުރުން ތިން މީހެއްގެ ދައުވާކޮށްދިނުމަށް އެދި އޭސީސީން ޕީޖީ އޮފީހަށް ފޮނުވީ މިދިޔަ އަހަރު ނޮވެމްބަރު މަހު ތެރޭގައެވެ.
ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، ކޮންޓްރެކްޓް އުސޫލުން ތަކެތި ހޯދުމަށް ފެނަކައާއި އަމިއްލަ ކުންފުނިތަކާ ދެމެދު ހަދާފައިވާ އެއްބަސްވުންތަކުގެ ދަށުން އެއްބަސްވެފައިވާ މުއްދަތަށް ތަކެތި ފޯރުކޮށް ނުދެވުމުގެ ސަބަބުން ލިކުއިޑޭޓެޑް ޑެމޭޖަސްގެ ގޮތުގައި ކަނޑަންޖެހޭ 2.54 މިލިއަން ރުފިޔާ އުނިނުކޮށް ކޮންޓްރެކްޓަރުންނަށް ފައިސާ ދީފައިވާ މައްސަލައިގައި ނިމާލްއާއި ދަފުތަރު ނަންބަރު ރސ 13520، މިންހާޖު ވަހީދުގެ މައްޗަށް ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ދައުލަތަށް ނުވަތަ ރައްޔިތުންނަށް ފައިދާއެއް އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ ކްރިމިނަލް ކޯޓަށް މިއަދު ހުށަހަޅާފައިވާ ކަމަށެވެ.
އެ ދައުވާ އެ މީހުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ފަސް އަހަރު ދުވަހުގެ ޖަލަށް ލުމަށް ނުވަތަ ގޭބަންދުކުރުން ނުވަތަ އަރުވާލުމުގެ ހުކުމްކުރާނެއެވެ.
ޕީޖީ އޮފީހުން ބުނީ އެ މީހުންގެ މައްޗަށް އެ ދައުވާކުރަނީ 2013 ވަނަ އަހަރުގެ ނޮވެންބަރު މަހުން ފެށިގެން 2016 ވަނަ އަހަރުގެ ސެޕްޓެންބަރު މަހާ ހަމައަށް ނިމާލް ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުރެ، އަދި މިންހާޖު އެ ކުންފުނީގެ ފައިނޭންސް ޑިވިޝަންގެ ޑިރެކްޓަރުގެ މަގާމުގައި ހުރެ، ފެނަކައާއި ޕްލާންކްޓަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްއާއި ނިއުމެޓިކް ޕްރައިވެޓް ލިމިޓެޑްއާ ދެމެދު މުދާ ގަތުމަށް ވެފައިވާ އެއްބަސްވުންތަކުގައި އަދި ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީގައި، މުދާ ޑެލިވާކުރުމަށް ކަނޑައަޅާ މުއްދަތު ފާއިތުވި ފަހުން މުދާ ޑެލިވާކޮށްފިނަމަ، ލަސްވި ދުވަސްތަކަށް ލިކުއިޑޭޓެޑް ޑެމޭޖަސް އުނިކުރަންވާނެ ކަމަށް ބަޔާންކޮށްފައިވަނިކޮށް، ފެނަކައާއި ޕްލާންކްޓަން އިންވެސްޓްމަންޓް އަދި ނިއުމެޓިކްއާ ދެމެދު ކޮށްފައިވާ މުއާމަލާތްތަކެއްގެ ތެރެއިން އެއްބަސްވި މުއްދަތުގައި ދައުލަތަށް މުދާ ލިބިފައިނުވާއިރު، އޭގެ ބަދަލުގައި ދައުލަތަށް ލިބެންޖެހޭ ލިކުއިޑޭޓް ޑެމޭޖެސް ދައުލަތަށް ލިބިފައި ނުވަނީ މި ދެ މީހުންގެ އަމަލުތަކުގެ ސަބަބުން ކަމުގައިވާތީ ކަމަށެވެ.
އެ މައްސަލައިގައި ފެނަކައިގެ އޭރުގެ ޕްރޮޖެކްޓް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރުގެ އަހުމަދު ސޯލިހު ނާސިރަށާއި އޭރުގެ ފައިނޭންސް އެންޑް އެކައުންޓްސް ޑިވިޝަންގެ ޑެޕިއުޓީ ޑިރެކްޓަރު އަހުމަދު އަޒްލީމަށް ދައުވާކުރަން ފޮނުވި ނަމަވެސް އެ މީހުންގެ މައްޗަށް ދައުވާކުރެވޭ މިންވަރަށް ހެކި ގަރީނާ ލިބިފައި ނުވާތީއާއި ދައުވާކުރުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ އެ މީހުންގެ ބައި ވަނީ އަނބުރާ ފޮނުވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު