މި އަހަރު ރާއްޖެއިން ހައްޖުގެ އަޅުކަން ކުރުމަށްދާ ދިވެހި ހައްޖުވެރިންނަށް ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ސައުދީ އަރަބިއްޔާގެ ދެ ކުންފުންޏާއެކު އިސްލާމިކް މިނިސްޓްރީން އެއްބަސްވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ދިވެހި ހައްޖުވެރިންނަށް މަދީނާގައި ހިދުމަތް ފޯރުކޮށްދިނުމަށް ސޮއިކުރީ އަލްއަދިއްލާ ކުންފުންޏާއެކު ކަމަށެވެ.

އަލްއަދިއްލާ ކުންފުނީގެ އިދާރާގައި މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަނީލެވެ.

ހައްޖުގެ އަޅުކަން ކުރުމަށްދާ ދިވެހިންނަށް މައްކާ، މިނާ އަދި އަރަފާތުގައި ހިދުމަތްތައް ދިނުމަށް ހަވާލުކުރީ ޟުޔޫފުލްބައިތު ކުންފުންޏާއެވެ. އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އާދިއްތަ ދުވަހު ޟުޔޫފުލްބައިތު ކުންފުނީގެ އިދާރާގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރު ރާއްޖެއަށް ލިބިފައިވަނީ 1،000 ހައްޖު ކޯޓާއެވެ. ނަމަވެސް އިތުރު ކޯޓާ ހޯދުމުގެ މަސައްކަތް އެ މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

މިދިޔަ އަހަރާ ހިލާފަށް މި އަހަރު ރާއްޖެއިން މީހުން ހައްޖަށް ގެންދިއުމަށް ހައްޖު ކޯޕަރޭޝަންގެ އިތުރުން އަމިއްލަ ކުންފުނިތަކަށްވެސް ފުރުސަތު ދޭނެއެވެ.