މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން ލިމިޓެޑް (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލައިގައި އެމްއެންޑީއެފްގެ ކުރީގެ މޭޖާ އިބްރާހިމް ނަވީން ޒުބައިރުގެ މައްޗަށް ހަ ދައުވާއެއް ކޮށްދިނުމަށް އެދި އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
މޭޖާ އިބްރާހިމް ނަވީންގެ އެކައުންޓަށް އެސްއޯއެފް އެކައުންޓުން އެއް ލައްކަ ޑޮލަރު ޖަމާވިކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުން ދައްކަ އެވެ.
އޭސީސީގެ މީޑިއާއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ, ނަވީންގެ މައްޗަށް ދައުވާކުރުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ރިޝްވަތު ހިފުމާއި ރިޝްވަތު ލިބިގަތުމަށް އެދުމާއި ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމާއި އެމްއެންޑީއެފްގެ ކެޕްޓަނެއްގެ މަގާމުގައި ހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ އިތުރުން ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި ބޭނުންކުރުމުގެ ކުށާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ކަމަށެވެ.
މި ދައުވާތަކާއެކު އެ މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ އެއްލައްކަ އެމެރިކާ ޑޮލަރު އަނބުރާ ހޯދުމަށް އެމްއެމްޕީއާރުސީއަށް އަންގާފައިވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
ހިޔާނާތުގެ މައްސަލައިގައި ނަވީން މާޗް 2019 ގައި ސަސްޕެންޑް ކުރި ނަމަވެސް އެ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އަނބުރާ ވަޒީފާއަށް ނެރުނެވެ. އަދި ހަމަ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާ ވަނީ ލެފްޓިނެންޓް ކާނަލްގެ މަގާމަށް ޕްރޮމޯޓްކޮށްފައެވެ.