ސްޕެނިޝް ލީގުގެ އެއްވަނައިގައި އޮތް ބާސެލޯނާއިން ރޭ ކުޅުނު މެޗުގައި އަލްމޭރިއާ އަތުން ބަލިވެއްޖެއެވެ.

ބާސާއިން ރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއިން ބަލިވި ނަމަވެސް ބާސާ އަދިވެސް އޮތީ އެއްވައިގައެވެ. އެހެން ނަމަވެސް ރޭގެ މެޗުން މޮޅުވެ، ވާދަވެރި ރެއާލް މެޑްރިޑާ 10 ޕޮއިންޓްގެ ފަރަގެއްގައި ތާވަލުގެ އެއްވަނައިގައި އޮތުމުގެ ފުރުސަތު ބާސާއަށް އޮތެވެ. އެއީ މިހަފުތާ ރެއާލް މެޑްރިޑުން ކުޅުނު މެޗު އެއްވަރުވެފައި އޮތުމުންނެވެ.

މިވަގުތު ބާސާ އެއްވަނައިގައި އޮތީ 23 މެޗުން 59 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ރެއާލް އޮތީ 23 މެޗުން 52 ޕޮއިންޓާއެކުގައެވެ. ރޭ އަލްމޭރިއާ ކައިރިންވި ބައްޔާއެކު ބާސާއަށް ވަނީ އެޓީމުން ލަލީގާގައި ދަމަހައްޓަމުން އައި މޮޅުވުމުގެ ސިލްސިލާ ނިމިފައެވެ. ބާސާ ރޭ ލީގުގައި ބަލިވީ އޭގެ ކުރިން ކުޅުނު ހަތް މެޗުންވެސް މޮޅުވެފައި އޮތުމަށްފަހުއެވެ.

ބާސާގެ ފަރާތުން ރޭ ދަށް ކުޅުމެއް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ކޮޅުގައިވެސް އަލްމޭރިއާގެ ލެއޯ ބަޕްޓިސްޓާއޯ އަދި ރޮޑްރީގޯ އެލީގެ ނުރައްކާތެރި ހަމަލާތައް ފާހަގަވެފައިވެއެވެ. ބަޕްޓިސްޓާއޯގެ ހަމަލާ ބާސާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓެގެން މަތަކުރި އިރު، އެލީއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.

ރަނގަޅަށް ފެށި އަލްމޭރިއާއިން މެޗުގެ 24 ވަނަ މިނެޓުގައި ވަނީ ލީޑު ނަގައިފައެވެ. އެލް ބިލާލް ޓޯރޭ ޖެހި ގޯލާއެކު އެޓީމުން ލީޑު ނެގި އިރު، ބާސާއިން ގޯލެއް ޖެހުމަށް ރޮބާޓް ލެވަންޑޯސްކީއާއި ރަފީނިއާއަށް ލިބުނު ބޯޅަތައްވީ ބޭކާރެވެ.

ރޭގެ މެޗަށްފަހު ބާސާ ކޯޗު ޒަވީ ހެނާންޑޭޒް ބުނީ ފެނިގެން ދިޔައީ ސީޒަނުގެ އެންމެ ދަށް މެޗު ކަމަށެވެ.

"އަހަރެން މިހުރީ ވަރަށް ރުޅި އައިސްފައި. އަހަންނަށް ހީވަނީ މިއީ ސީޒަނުގައި ބާސާގެ ފަރާތުން ފެނުނު އެންމެ ދަށް މެޗުހެން. ހާއްސަކޮށް ފުރަތަމަ ހާފް، އެ ހާފްގައި އެއްވެސް ވަރަކަށް ޓީމުން ހިތްވަރެއް ނުފެނުނު. ރެއާލް މެޗުގެ ނަތީޖާއާއެކު ކޮންމެހެން މޮޅުވާން ޖެހިފައި އޮތް ރޭގެ މެޗުގައި ފެނުނީ ހަމަލާއެއްވެސް ނުއުފެއްދި އުނދަގޫތަކާ ކުރިމަތިވިތަން. ރަނުގެ ފުރުސަތެއް ގެއްލިގެން މިދިޔައީ،" ޒަވީ ބުންޏެވެ.