ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ގެއްލޭ މައްސަލަ ހައްލު ކުރުމަށް ގޮވާލައި ހުށަހެޅި ކުއްލި މައްސަލައަށް މަޖިލިސް ތަޅުމުގައި ބަހުސް ފަށައިފިއެވެ.

މަޖިލީހަށް މި މައްސަަލަ ހުށަހެޅުއްވީ ނޮޅިވަރަމު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބުދުﷲ އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވަމުން މެންބަރު މުހައްމަދު ނަޝީދު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްގައި ރައްކާކޮށްފައި ހުންނަ އާއްމުންގެ ވަަރަށް ހައްސާސް އަދި ޕާސަނަލް މައުލުމާތުގެ ބޭނުންކޮށްގެން ފޯނުގެ ޒަރީއާއިންނާއި އިންޓަނެޓް މެދުވެރިކޮށް، ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ ތެރެއިން ގިނަބައެއްގެ އެކައުންޓްތަކުން ގިނަ އަދަދެއްގެ ފައިސާ، އެކި ގޮތްގޮތުން ގެއްލެމުންދާ ކަމަށެވެ.

"ބުރަ މަސައްކަތުން އާއްމުން ގުލާނުކޮށްގެން ހޯދާ ލާރިކޮޅު ފަޅި ސިކުންތެއްގެ ތެރޭގައި ގެއްލުމާއެކު އެ މައްސަލަ ބޭންކް އޮފް މޯލްޑިވްސް އަށާއި އަދި ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހެޅި ނަމަވެސް، އެ ގެއްލުނު ފައިސާ ލިބޭނެ ގޮތެއް ނުވުމުގެ އިތުރުން އެކަން ރިޕޯޓު ކުރުމުގެ ސަބަބުން ގިނަގުނަ އިތުރު ތަކުލީފުތަކެއް އުފުލަން ޖެހޭ،"

އާއްމު ރައްޔިތުން، ބޭންކް އޮފް މޯލްޑިވްސް އަށް ކުރަން ޖެހޭ އިތުބާރު އެކަމުގެ ސަބަބުން ގެއްލެމުންދާ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ. އެހެން ބޭންކުތަކުން މި މައްސަލަ ކުރިމަތި ނުވެ، ހަމައެކަނި ބޭންކް އޮފް މޯލްޑިވްސް އަށް އިނގިލި ދިއްކުރެވޭ މިންވަރު އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދާތީ، އެ ބޭންކުގެ ގިނަ ކަސްޓަމަރުންތަކަކަށް ސްކޭމް ކޯލްތަކާއި އިންޓަނެޓް ލިންކު މެދުވެރިކޮށް އިއާދަ ނުކުރެވޭ ފަދަ ބޮޑެތި މާލީ ގެއްލުންތައް ލިބެމުންދާ މައްސަލަ ހައްލު ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށް މި ކުއްލި މައްސަލައިގައި ވެއެވެ.