ޕީއެސްޖީން ރޭ ފްރާންސް ލީގުގައި ކުޅުނު މެޗުގައި މާސޭ ބަލިކޮށްފިއެވެ.
ލީގު ތާވަލުގެ އެއްވަނައިގައި އޮތް ޕީއެސްޖީން ރޭ ދެވަނައިގައި އޮތް މާސޭ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ރޭ ރަށުން ބޭރުގައި ހޯދި މޮޅާއެކު ޕީއެސްޖީ ލީގު ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތީ 8 ޕޮއިންޓްގެ ލީޑެއްގައެވެ. އެއީ 25 މެޗުން 60 ޕޮއިންޓާއެކުގައެވެ. މާސޭ ދެވަނައިގައި އޮތީ 25 މެޗުން 52 ޕޮއިންޓާއެކުގައެވެ.
ރޭގެ މެޗުގައި ޕީއެސްޖީގެ ގޯލުތައް ޖަހައިދިނީ ކިލިއަން އެމްބާޕޭ އާއި ލިއޮނަލް މެސީ އެވެ. އެމްބާޕޭ މެޗުގައި ދެ ގޯލު ޖަހާފައިވާ އިރު، އެ ދެގޯލަށްވެސް އެސިސްޓް ކޮށްދިނީ މޮޅަށް ކުޅުނު އާޖެންޓީނާގެ ލިއޮނަލް މެސީއެވެ.
މި މެޗުގައި މެސީ ޖެހި ގޯލާއެކު ކެރިއަރުގައި 700 ކްލަބު ގޯލު ހަމަކޮށްފައިވާ އިރު، މެސީވެފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ޔޫރަޕްގެ ގަދަ ފަސް ލީގުގައި އެ އަދަދަށް ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާއަށެވެ.
އުމުރުން 35 އަހަރު މެސީ، މިހާތަނަށް ޕީއެސްޖީ ޖާޒީގައި 28 ގޯލު ޖަހާފައިވެއެވެ. 2021 ވަނަ އަހަރު އޯގަސްޓް މަހު ޕީއެސްޖީއާ ގުޅުނު މެސީ، އޭގެ ކުރިން ކެރިއަރު ހޭދަކޮށްފައި ވަނީ ބާސެލޯނާގައެވެ. އެ ކްލަބަށް ކުޅުނު 778 މެޗުން މެސީ ވަނީ 672 ގޯލު ޖަހައިދީފައެވެ.
ރެކޯޑު ހަތް ފަހަރަށް ބެލޮންޑިއޯ ހޯދާފައިވާ މެސީ މިދިޔަ އަހަރު ކާމިޔާބުކޮށް ނިންމާލާފައިވާ އިރު، މިރޭ ދޭ ފީފާ ދަ ބެސްޓް އެވޯޑު އޭނާއަށް ލިބޭނެ ކަމަށް ގިނަ މީޑިއާތަކުން ވަނީ ޔަގީންކޮށްފައެވެ.
ރޭގެ މެޗުގައި ފްރާންސްގެ ތަރި އެމްބާޕޭވެސް ވަނީ ތާރީހު ލިޔެލުމަށް މުހިއްމު އަދަދެއް ހަމަކޮށްފައެވެ. އެމްބާޕޭ ރޭގެ މެޗުގައި ޖެހި ދެވަނަ ގޯލަކީ ޕީއެސްޖީއަށް އޭނާ ޖަހައިދިން 200 ވަނަ ގޯލެވެ. އެ ގޯލާއެކު އެމްބާޕޭ ވަނީ ކްލަބަށް އެންމެ ގިނަ ގޯލު ޖަހައިދިން އެޑިސަން ކަވާނީގެ ރެކޯޑާ ހަމަކޮށްފައެވެ.
އެމްބާޕޭގެ އުމުރުން އެންމެ 24 އަހަރުގައި ޕީއެސްޖީއަށް ރެކޯޑު ގޯލު ޖެހުމަކީ ތާރީހީ ކާމިޔާބީއަކަށް ވެގެންދާނެ ކާމިޔާބީއެކެވެ.