ސްޓެމް މާއްދާތަކަށް ސްކޫލު ކުދިންގެ މެދެގައި އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް އުރީދޫ މޯލްޑިވްސްއިން "ސްޓެމް ފެއާ"އެއް ބާއްވަން ހަމަޖައްސައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީ އާއި ވިމެން އިން ޓެކް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދާ "އުރީދޫ ސްޓެމް ފެއާ" ގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް ފަދަ ތަފާތު ސްޓެމް ދާއިރާތަކުން ދަރިވަރުން ކުރިއަށްގެންދާ ޕްރޮޖެކްޓުތައް ދައްކާލުމަށް ހަމަޖެހިފައިވެއެވެ. އެ ފެއާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު އަދި ހޮނިހިރު ދުވަހު އިއްޒުއްދީން ސްކޫލު ހޯލުގައެވެ.
އުރީދޫން މިއަދު ބުނީ އެ ފެއާގެ މަގުސަދަކީ ސްޓެމް ދާއިރާއިން ދަރިވަރުން ހޭލުންތެރިކުރުވައި ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި ހިސާބުގެ ބޭނުން ކުރިއެރުވުމަށް މަގުފަހިކުރުން ކަމަށާއި އެ ފެއާ ވެގެންދާނީ ސްޓެމް މާއްދާތައް ތަޖުރިބާކޮށް، ދާއިރާގެ ފަންނުވެރިންގެ ކިބައިން އިބުރަތް ހާސިލުކޮށް، އެކުދިންގެ އުފެއްދުންތެރިކަމާއި އީޖާދީ ވިސްނުމާއި ފަންނީ ހުނަރު ދައްކާލުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ ތައުލީމީ އަދި ހިތްވަރު ލިބޭ ތަޖުރިބާއަކަށް ކަމަށެވެ.
"ޓެކްނޮލޮޖީ ކުރިއަރާފައިވާ މި ޒަމާނުގައި ރާއްޖޭގެ ޒުވާނުންގެ މެދުގައި ސްޓެމް މާއްދާތަކުގެ ތައުލީމު ކުރިއެރުވުމަކީ މުހިންމުކަމެއް. އުރީދޫ ސްޓެމް ފެއާ އަކީ ދަރިވަރުންގެ ހުނަރާއި ވިސްނުން ދައްކާލައި، އިބުރަތް ހާސިލުކޮށް، އެކުދިންގެ ވަށައިގެން ހިނގަމުންދާ އީޖާދުތަކުން ހިތްވަރު ލިބުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް. ސްޓެމް ދާއިރާއަށް ދަރިވަރުންގެ ޝައުގުވެރިކަން ދެނެގަނެ، އެކުދިންގެ ހުނަރު ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވިއެވެ.
އުރީދޫން ބުނީ އެ ފެއާ އަކީ ބައިވެރިވާ ހުރިހާ ދަރިވަރުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް މަޖާ، އިބުރަތްތެރި އަދި ތައުލީމީ ހަރަކާތަކަށް ވެގެންދާނެ ކަމަށާއި އާންމުންނަށް ހުޅުވާލާފައިވާ އެ ފެއާއަށް ޒިޔާރަތްކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް ދައުވަތު އަރުވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު