އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު ލަންޑަން ޑާބީގައި ޓޮޓެންހަމްއިން ޗެލްސީ ބަލިކޮށްފިއެވެ.
ޓޮޓެންހަމްގެ ދަނޑުގައި މިރޭ ޗެލްސީ ބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ މެޗަށް ނުކުތް އިރު، ޗެލްސީ އަކީ ލީގުގައި ޓޮޓެންހަމްގެ ދަނޑުގައި 100 ޕަސެންޓް މޮޅުވުމުގެ ރެކޯޑެއް އޮތް ހަމައެކަނި ޓީމު ނަމަވެސް، ބައްޔާއެކު އެ ރެކޯޑަށް ވަނީ ނިމުން އައިސްފައެވެ.
މިއަހަރު ޗެލްސީން ކުޅުނު 11 މެޗުގެ ތެރެއިން އެންމެ މެޗަކުން މޮޅުވެފައިވާ އިރު، ހަ މެޗުން ވަނީ ބަލިވެފައެވެ. އަނެއް މެޗުތައް ނިމުނީ އެއްވަރު ވެގެންނެވެ. މިދިޔަ ޖެނުއަރީގެ ޓްރާންސްފާ ސީޒަނުގައިވެސް ބޮޑެތި ހޭދަތަކެއް ކުރި ޗެލްސީއަށް މިހާރު ކުރިމަތިވެފައިވާ ދަށް ހާލަތާއެކު އެޓީމުގެ ކޯޗު ގްރަހަމް ޕޮޓާއަށް ވަނީ ޕްރެޝަރާ ކުރިމަތިވެފައެވެ.
ޕޮޓާ މިރޭގެ މެޗަށްފަހު ބުނީ ބަލިތަކުގެ ޒިންމާ ނަގާނެ ކަމަށާއި ޗެލްސީއަށް ހައްގުވާ މިންވަރަކީ މިހާރުގެ ދަށް ނަތީޖާތައް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. ޕޮޓާއާ ދޭތެރޭ ބޯޑުގެ އިތުބާރު އޮތް ކަމަށް މިރޭގެ މެޗުގެ ކުރިން ބޯޑުން ބުނި ނަމަވެސް، އޭނާގެ ކުރިމަގާމެދު އިތުރު ވިސްނުމަކަށް ގޮސްދާނެ ކަމަށް މިހާރު އޮތީ ބެލެވިފައެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިފައިނުވާ އިރު، ހާފު ނިމެން ދަނިކޮށް ހިނގި ނުތަވަސްކަމެއްގެ ތެރެއިން ރެފްރީ ސްޓުއާޓް އަޓްވެލް ވަނީ ޗެލްސީގެ ފޯވަޑް ހަކީމް ޒިޔެޗަށް ރަތް ކާޑު ދައްކައިފައެވެ. ރެފްރީގެ އެ ރަތް ކާޑަށްފަހު އޭނާ ވީއޭއާރް ބަލައި، ފަހުން ޒިޔެޗްގެ ކާޑު ވަނީ ރީނދޫ ކާޑަކަށް ބަދަލުކޮށްފައެވެ.
ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި އޮލިވިއާ ސްކިޕް ދުރުން ޖެހި ބޯޅައެއްގައި ޓޮޓެންހަމް ލީޑު ނެގިއެވެ. ޓޮޓެންހަމްއިން ލީޑު ނަގައި ރަނގަޅަށް ކުޅެމުން ގޮސް، މެޗު ނިންމާލީ ހެރީ ކޭން ޖެހި އިތުރު ގޯލަކާއެކު ލީޑު ފުޅާވެސް ކޮށްގެންނެވެ.
ކޭންގެ އެ ގޯލާއެކު ޓޮޓެންހަމް ދަނޑުގައި ތިބި ޗެލްސީގެ ގިނަ ސަޕޯޓަރުންތަކެއް ވަނީ މެޗު ނުނިމެނީސް ދަނޑު ދޫކޮށް ގޮސްފައެވެ.
އިނގިރޭސި ލީގު ތާވަލުގައި ޗެލްސީ މިވަގުތު އޮތީ 10 ވަނައިގައެވެ. އެއީ 24 މެޗުން ހޯދި 31 ޕޮއިންޓާއެކުގައެވެ. ޓޮޓެންހަމް އޮތީ ހަތަރު ވަނައިގައެވެ. އެޓީމަށް 25 މެޗުން 45 ޕޮއިންޓް ލިބިފައިވެއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު