މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ހަތްވަނަ ދުވަހު ހ. ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގެ ތެރޭގައި އަނިޔާވެރިގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ފުވައްމުލަކު ސިޓީ، ޝިއާއު މުހައްމަދުގެ މަރުގެ މައްސަލައިގައި ކުށުގެ ވެށީން ހައްޔަރުކޮށްފައިވާ، ފ. ނިލަންދޫ ފިނިފެންމާގެ އަލީ ޝާހިލް އެކަމަށް އިއުތިރާފު ނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މިއަދު ވިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމައްސަލައާ ބެހޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމު ވިދާޅުވީ، ޝަރީއަތުގެ މަޖިލީހުގައި ޝާހިލް ވާހަކަވެސް ދައްކާފައި ނުވާ ކަމަށެވެ. އަދި އެ މައްސަލަ އަދި އޮތީ ފުރަތަމަ މަރުހަލާގައި ކަމަށްވެސް ޝަމީމު ވިދާޅުވިއެވެ.
ކުރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ މި މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ދައުލަތުގެ ހަރަދުގައި ވަކީލަކު ހަމަޖައްސަން އަލީ ޝާހިލް އަށް ކުރިމިނަލް ކޯޓުން ވަނީ ފުރުސަތު ދީފައެވެ.
ޝިއާއުގެ މަރުގެ މައްސަލައިގައި ޝާހިލަށް ފަސް ދައުވާއެއް ކޮށްފައިވެއެވެ. ޝާހިލްގެ މައްޗަށް ކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ ދަށުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި އިތުރު ހަތަރު ދައުވާ ހިމެނެއެވެ.
އޭގެ ތެރެއިން އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ އާއި ކެނެބިސް ބޭނުން ކުރުމުގެ ދައުވާކޮށްފައިވާ ކަމަށް ބުނި ނަމަވެސް އިތުރަށް ކޮށްފައިވާ ދެ ދައުވާއާ ބެހޭ މައުލޫމާތު ޕީޖީ އޮފީހުން ދީފައެއް ނުވެއެވެ.
އެ ދައުވާތައް ހާމަ ނުކުރަން ނިންމީ ޝިއާއުގެ އާއިލާއަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށް ޕީޖީން ބުނެފައިވެއެވެ.
ޝިއާއު މަރާލި މައްސަލައިގައި ފުލުހުން އަލީ ޝާހިލް ހައްޔަރުކޮށްފައި ވަނީ ޝިއާއު މަރާލާފައި އޮތް އެޕާޓްމަންޓްގެ ތެރެއިންނެވެ. ޝިއާއުގެ މަރުގެ މައްސަލައިގައި ފުލުހުންގެ ތުހުމަތު އޮތީވެސް ހަމައެކަނި ޝާހިލްގެ މައްޗަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު